ހަބަރު

ގުޅިފަޅުގެ ބަދަލުގައި ބަނދަރު ހަދަންވީ އުތުރުގައި ނޫނީ ހުވަދޫގައި: އަލީ

ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާ، އެ ބަނދަރު އުތުރުގައި ނުވަތަ ހުވަދޫ އަތޮޅުގައި ހަދައިފިނަމަ ފައިދާ ބޮޑުވެ، ކުރަންޖެހޭ ހަރަދުވެސް ކުޑަވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ގުޅިފަޅު ބަނދަރަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށާ، އެ ފައިސާ ލޯނުގެ ގޮތުގައި ދެނީ އިންޑަން އެގްޒިމް ބޭންކުން ކަމަށް ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގަވާއިދާބެހޭ ގޮތުން މައުލޫމާތު ދޭން މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ ގޮތުން ހަދަން ޖެހޭ ދިރާސާތައް މިހާރު ކުރަމުންދާ ކަމަށެވެ. ބަނދަރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކްއާޓަރުގައި ފަށާނެ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މިހާރު ޑިޒައިންގެ މަސައްކަތް ކުރިއަށް އެބަދޭ. އިންޑިއަން އެގްޒިމް ބޭންކުން މި ފަންޑު މި ކުރަނީ. އެއަށް ލާން ޖެހޭ ޕްރޮޖެކްޓް ރިޕޯޓް މި މަސް ނިމެން ވާއިރަށް ދޭނެ. އުންމީދަކީ އަހަރުގެ މެދުތެރޭގައި ކޮންޓެކްޓަރާ ހަވާލު ކުރުން." ފައްޔާޒު ވިދާޅުވި އެވެ.

އެ ނިންމުމާއި ގުޅޭގޮތުން އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ އެންމެ އުުތުރުގައި ނުވަތަ ހުވަދޫ އަތޮޅުގައި އެ ބަދަރު ގާއިމްކުރާނަމަ ދިވެހިންނަށް މާބޮޑަށްވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފިނަމަ ހަރަދުވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރުން 23 މީޓަރުގެ ފުން ވިލެއްވެސް ހިއްކާކަށް ނުޖެހޭނެ." އަލީ ހުސައިން ވިދާޅުވިއެވެ.

މި ސަރުކާރުން ގުޅިފަޅުގައި ބަނދަރު ހެދުމުގެ މަސައްކަތް ފަށާއިރު، މިދިއަ ސަރުކާރުން ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް ކުރަން އުޅުނީ ތިލަފުށީގަ އެވެ.

ގުޅިފަޅަށް ބަނދަރު ބަދަލުކުރި ސަބަބާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމީ މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ އާއި ބަނދަރު ބޮޑު ކުރެވޭނެ އޮޕްޝަން ތަކަށް ބަލައިގެން ކަމަށެވެ.

"ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު ނިންމީ މިގޮތަށް. ތިލަފުއްްޓަކީ މިހާރުވެސް އިންޑަސްރިއަލް ރަށެއް. އަނެއްކާ ކުނީގެ މައްސަލަ މި ސަރަހައްދުގައި 100 އަހަރަށް ވިސްނާފަ މި ނިންމުން ނިންމީ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބަނދަރަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ކަމަށާއި ބަނދަރުވާނީ ޒަމާނީ ފެންވަރުގެ ބަނދަރަކަށް ކަމަށެވެ. އަދި މި ލޯނު ފައިސާއަކީ ސީދާ މި މަޝްރޫއަށް ދޭ ފައިސާ ކަމަށެވެ.

"މި ސަރަހައްދުގައި ވާދަ ކޮށްލެވޭ ތަނަކަށް ވެގެންދާނެ. އުންމީދު ކުރަނީ މަސައްކަތް ބުރިޖާއެކު ނިމިގެންދާއިރު ގުދަންތައް ވެސް ބަދަލު ކުރަން. އޭރުން މުދަލުގެ އަގު ހެޔޮ ވެގެން ދާނެ... ޓްރާންޝިޕްމަންޓް ފުރުސަތުތަކެއް ހުޅުވިގެން ދާނެ،" ފައްޔާޒު ވިދާޅުވި އެވެ.