ދުނިޔެ

ސީރިޔާ ސިފައިންނަށް އުރުދުޣާންގެ ވަރުގަދަ އިންޒާރެއް

Feb 13, 2020

އަންކާރާ (ފެބްރުއަރީ 13) - ތުރުކީގެ އެންމެ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފިނަމަ، ކޮންމެ ތަނެއްގައި ތިބި ސީރިއާ ސިފައިންނަށް ހަމަލާ ދެއްވާނެކަމަށް ވިދާޅުވެ، ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ތުރުކީގެ ޕާލިމަންޓުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެގައުމުގެ ބޯޑަރު ކައިރީގައި އޮންނަ އިދިލީބު ސަރަހައްދުން ސީރިޔާ ސިފައިން ދުރައްޖައްސަން ބޭނުންފުޅުވާ ކަމަށެވެ.

"ކޮންމެ ގޮތެއް ހަދައިގެންވިޔަސް އަޅުގަނޑުމެން އެކަން ކުރާނަން. ވައިގެ މަގުންނާއި އެއްގަމުން ވިޔަސް،" އުރުދުޣާން ވިދާޅުވި އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިދޭ ރަޝިޔާއާއެކު 2018 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން، އިދިލީބު ސަރަހައްދުގައި ތުރުކީން ވަނީ 12 އޮބްޒަވޭޝަން ޕޯސްޓު ގާއިމުކޮށްފަ އެވެ. އަދި އަސްކަރީ ގޮތުން އެ ޕޯސްޓުތައް ވަރުގަދަ ކުރުމަށް ތުރުކީ ސިފައިންވަނީ ބަރު ހަތިޔާރާއި، އިތުރު ސިފައިން އިދިލީބަށް ފޮނުވައިފަ އެވެ.

އެއާއެކު، އުފެދެނު ނުތަނަވަސްކަމުގެ ތެރެއިން ސީރިއާ ސިފައިން ދިން ހަމަލާތަކެއްގައި ތުރުކީގެ އަސްކަރިއްޔާގެ 13 މީހަކު ވަނީ މަރުވެފަ އެވެ.

އެކަމުގެ ރައްދުގައި، ތުރުކީންވެސް ވަނީ ސީރިޔާގެ ބައެއް އަސްކަރީ ޓާގެޓުތަކަށް ހަމަލާދީފަ އެވެ. އެ ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާއިރު، 700،000 އަށް ވުރެ ގިނަ މީހުން ގެދޮރުދޫކުރަން މަޖުބޫރުވެފައިވާކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އިދިލީބު ސަރަހައްދުގައި އަސްކަރީ އެއްވެސް ހަމަލާއެއް ނުދެވޭ ގޮތަށް ތުރުކީ އާއި ރަޝިއާއިން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެއްބަސްވެވުނެވެ.

ނަމަވެސް، އޭގެ ފަހުން ސީރިއާ ސިފައިން ދަނީ އެ އެއްބަސްވުމާ ހިލާފަށް އެ ސަރަހައްދުގައި ތިބި ތުރުކީން ވާގިދޭ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.