ހަބަރު

އެޗްއާރްސީއެމްގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި އެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމާލުމަށް އިސްކަންދަރު ކޮށީ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޗްއާރްސީއެމްގެ ރައީސް އާމިނަތި އީނާޒް އެވެ. ފުލުހުންގެ އިސް އޮފިސަރުންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އީނާޒް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދިން ކަންތައްތައް ހަނދާނުގައި ބަހައްޓައިގެން އެއަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އީނާޒް ވިދާޅުވީ މިއީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާމެދު އިންސާނީ ކަރާމާތަށް އުނިނުވާ ގޮތަށް އަމަލު ކުރުމުގެ މުހިންމު ކަމަކީ ކޮބައި ކަމާއި އެގޮތަށް އަމަލުކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ގިނައިން އަޑު އިވެމުންދަނީ ފުލުހުން ކުރާ ނެގަޓިވް ކަންކަމުގެ ވާހަކަ. ހުރިހާ ފުލުހުން ނޫނަސް އެންމެ ފުލުހަކަސް ބުނާނީ ފުލުހުން ކުރި ކަމެކޭ. އެހެންވީމަ އަޅުގަނޑުމެން ވިސްނީ ފުލުހުންގެ ކިބައިގަ އިންސާނީ ހައްގުތަކުގެ ރޫހު ދިރުވާނީ ކިހިނެއްތޯ. ގިނަ ފަހަރު ގިނަ ކޭސް ތަކުގެ މައްސަލަތަކުގަވެސް ބައްދަލުކޮށް ވާހަކަ މި ދެއްކެނީ ބޮޑެތި ބޭފުޅުންނާ. ދެން އޭގެ ދަށުން މަސައްކަތް ކުރާ މީހުންނަކަށ ްއަޅުގަނޑުމެން ދޭ މެސެޖް އެގޮތަކަށް ނުލިބޭ. މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް ސަބަބަކީވެސް އެއީ." އޭނާ ވިދާޅުވި އެވެ.

އީނާޒް ވިދާޅުވީ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބީ ފުލުހުން ކަމަށާ ހުރިހާ ފުލުހުންވެސް ކޮންމެ ކަމެއްގައި އިންސާނީ ހައްގުތަކުގެ ނަޒަރުން އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކިޔަވައިދެއްވި އެޗްއާރްސީއެމްގެ މުވައްޒަފުންނާއި މި ޕްރޮގްރާމްގައި ބައިވެރިވި ފުލުހުންނަށް ވަނީ ހަނދާނީ ލިޔުންދީފަ އެވެ.