ހަބަރު

ހުއާވޭ މޭޓް 20 އެކްސް 5ޖީ ފޯނު ދިރާގުން ވިއްކަން ފަށައިފި

ދެކުނު އޭޝިއާގައި 5ޖީ ނެޓްވޯކް ތައާރަފްވުމާއެކު ފުރަތަމަ ފަހަރަށް އެ ނެޓްވޯކަށް ފެތޭ ހުއާވޭ މޭޓް 20 އެކްސް ފޯނު ދިރާގުން ރާއްޖެއަށް ލޯންޗްކޮށްފި އެވެ.

މި ފޯނު ލޯންޗް ކޮށްފައިވަނީ މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މަހްމޫދު އެވެ.

ފޯނު ލޯންޗު ކުރައްވާ ވާހަކަ ދައްކަވަމުން މަހްމޫދު ވިދާޅުވީ މިއަދަކީ ދިރާގުގެ ހަޔާތުގައިވެސް ފަހްރުވެރި ދުވަހެއް ކަމަށާއި މިއަދު ތައާރަފްކުރެވުނު ފޯނަކީ ދިރާގުގެ ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޯށްދެވުނު ފުރަތަމަ 5ޖީ ހޭންޑްސެޓް ކަމަށެވެ.

މަހްމޫދު ވިދާޅުވީ މި ފޯނު އަންނަ އާދީއްތަ ދުވަހުން ފެށިގެން ދިރާގުން ކަސްޓަމަރުންނަށް ދޫކުރަން ފަށާނެ ކަމަށެވެ. މި ފޯނަށް މިރެއިން ފެށިގެން އޯޑާ ކުރެވޭނެއެވެ. މިއީ 5ޖީ ނެޓްވޯކް ފުރިހަމަ ކަމާއެކު ތަޖްރިބާ ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ ފޯނަށް އޯޑަރު ކުރާ ފަރާތްތަކަށް ފޯނު ބަލާ އައުމަށް އެސްއެމްއެސްއެއްގެ ޒަރިއްޔާއިން އަންގާނެ ކަމަށެވެ. އަދި މިފޯނާއި އެކު ފަށާ ޕްރޮމޯޝަނެއްގެ ދަށުން ފޯނު ގަންނަ ކޮންމެ ކަސްޓަމަރަކަށް ހަމަސް ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު 20 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.

ހުއާވޭ މޭޓް 20 އެކްސް ފޯނުގައި ތިން ކެމެރާ އިންނައިރު ފްރަންޓުގައިވެސް 24 އެމްޕީގެ ކެމެރާ އެއް ކެމެރާ އިނދެ އެވެ. އެއީ 40 އެމްޕީގެ ކެމެރާއަކާއި، އަށް އެމްޕީގެ ކެމެރާއަކާއި 20 އެމްޕީގެ ކެމެރާއެކެވެ.

ދިރާގުން މި ފޯނު ވިއްކާ އަގަކީ 15،899 ރުފިޔާ އެވެ. އަދި އިންސްޓޯލްމެންޓަށްވެސް މި ފޯން ދޫކުރުމަށް ދިރާގުން ވަނީ ނިންމާފަ އެވެ. އެގޮތުން އިންސްޓޯލްމެންޓަށް ފޯނު ނަގާ ކަމުގައިވާނަމަ ފުރަތަމަ ދައްކަން ޖެހޭނީ 3،499 ރުފިޔާއެވެ. ދެން އެއަށްފަހު ކޮންމެ މަހަކު ދަައްކަން ޖެހޭނީ 1،129 ރުފިޔާ އެވެ.