މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު އިތުރުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފަސް ގާނޫނީ ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ ތިން ގާނޫނީ ވަކީލުންނާ ބައްދަލު ކުރެވޭގޮތް ހަމަޖައްސައިފި އެވެ.

ކަރެކްޝަނުން މިއަދު ބުނީ ގާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލަށް މިއަދު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި އުސޫލަކީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން، ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިދީންނާއި ބަންދު މީހުންގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ އުސޫލެވެ.

ކަރެކްޝަނުން ބުނީ ބަދަލު ގެނެވުނު މި އުސޫލުގައި ގާނޫނީ ވަކީލުން ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކާއި ބައްދަލުކުރުމާއި ބެހޭގޮތުން އަމަލުކުރަންވީ އުސޫލުތަކުގެ ތަފްސީލް ބަޔާން ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށް ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަމަށް ގެނެސް، އަންނައުނު ފޮނުވޭ ގޮތަށްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ޖަލުގައި ތިބޭ ގައިދީންނަށް އާއިިލާއިން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލީ އޮކްޓޫބަރު 15، 2017 ގައެވެ. އެ ގޮތަށް އޭރު ހަމަޖެއްސީ ގައިދީންނަށް އަންނައުނު ފޮނުވާއިރު އެތަކެތި މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތް ކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.