ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް ނަގާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މަސައްކަތް ކުރަމުންދަނީ ވާދަވެެރިންކަން ނައްތާލުމަށް ކަމަށް މަންތާ އެއާއިން ތުހުމަތު ކޮށްފި އެވެ.
އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގަކަށް ޓީއެމްއޭއަށް ދޫކުރަން ނިންމި މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ. އެހެން ކަމުން އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ދޫކުރާނެ ގޮތަކާމެދު ބޮޑެތި ހިޔާލުތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އާ ޓާމިނަލް މައްސަލާގައި އެމްއޭސީއެލްއާއެކު ލިޔެކިއުމުން ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާނަމަ ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ފަރާތް ތަކުން ކަންބޮޑުވާނެ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް މަންތާގެ ބަސް ކަމާބެހޭ ފަރާތްތަކާއި މިހާރު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މަންޓާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ހިމެނޭ މުހިންމު ބައެއް މައުލޫމާތުތައް މަންތާގެ އޮފިޝަލަކު އަވަސްއަށް ވަނީ ހިއްސާކޮށްފައެވެ.
ފުރަތަމަ ކަމަކަށް މަންތާއިން ވަނީ އެ ކުންފުނީގެ އަޑުވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްވުމުގެ ފުުރުސަތަކަށް އެދިފައެވެ. އަދި މާލިއްޔަތު ކޮމެޓީގައި މަންތާގެ ވާދަވެރި ޓީއެމްއޭއިން ދައްކާފައިވާ ގިނަ ވާހަކަތަކާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން މަންތާއިން ވަނީ އައު ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ސަރުކާރުން އެންމެ ފަހުން ނިންމާ އާންމުކޮށްފައިވާ އުސޫލަކީ ގަބޫލުކުރެވޭ އުސޫލެއް ކަމަށް ބުނެފައެވެ. މި ސިޓީގައި މަންތާއިން ވަނީ ޓީއެމްއޭގެ އަމާޒު ހުރީ މުޅި ޓާމިނަލްގެ ކޮންޓްރޯލް ނަގާ، ވާދަވެރިންނަށް ފުރުސަތު ގެއްލުވާލުމަށް ކަމަށް ބުނެފައެވެ. އަދި ޓީއެމްއޭއިން އެދޭގޮތަށް އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ނިންމައިފިނަމަ އެއީ މުޅި އިގްތިސާދަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާއިރު ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ އާ ސީޕްލޭން ޓާމިނަލް ޖާގަ ދޫކުރުމުގައި އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި ނޮވެންބަރު 28، 2017 ގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އަދި މަންތާ އެއާ އާ ދެމެދު އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނައިރު، އެމްއޭސީއެލްގެ ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިއްބެވި ފަރާތްތަކުގެ މަސްލަހަތު އެ ދެ ކުންފުނީގައި އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"... އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާއި ގުޅޭ ނިންމުންތައް ނިންމާއިރު އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން މި ކޮމިޝަން [އޭސީސީ] ގެ ތަހުގީގަށް ފާހަގަ ކުރެވިފައިވެ އެވެ." އޭސީސީން ނެރުނު ބަޔާނުގައި ވެއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށާއި މި މައްސަލާގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އޮޕަރޭޓަރުންނާއެކު މަޝްވަރާކުރި ނަމަވެސް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިނުވާކަން ވެސް ފާހަގަކޮށް އެ ނޫންވެސް ވަރަށް ގިނަ ކަންކަން އޭސީސީގެ ބަޔާނުގައި ހިމަނާފައި ވެއެވެ. އެގޮތުން ދައުލަތަށް އެންމެ ފައިދާހުރި ގޮތާއި، ދައުލަތަށް ގެއްލުން ލިބޭނެ ގޮތްތައްވެސް އެ ބަޔާނުގައި ވެއެވެ.
މި މައްސަލައާއި ގުޅިގެން ޓީއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރަން ފުރުސަތު އޮތްކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަނުގެ ހަރަދުތައް ސާފުކޮށް އެނގިގެން ދިޔަ އެވެ. ލިޔުމުން ވެފައިވާ މި އެއްބަސްވުން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފިނަމަ ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ. މީގެ ސަބަބުން ކުރި އަށް އޮތް ތަނުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ތިބި ބޭރުގެ އިންވެސްޓަރުން ކަންބޮޑު ވާނެ އެވެ،" ޓީއެމްއޭ އިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މައްސަލާގައި ވޭތުވެދިޔަ ހަ އަހަރުތެރޭގައި 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުންނާއި އަނގަ ބަހުން ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވެވި ދާނެ އެއްބަސްވުމެއްގެ ޑްރާފްޓް ވެސް ބަދަލު ކުރެވިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ޓީއެމްއޭ އިން ބުނެފައިވާ ގޮތުގައި ބޭރުގެ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކޮށްފައިވާ އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ލައުންޖު ހިންގައިން އެ ކުންފުންޏަށް ލިބިފައިވަނީ 2.8 ޑޮލަރު ކަމަށާ، އެ ކުންފުނިން މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލް އަށް 18.53 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާނެ ކަމަށެވެ.
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވާހަކަދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށެވެ.
ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި ގޯސް ހެދި މީހުންނަށް އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ޓީއެމްއޭއާއި ސަރުކާރާ އެއްބަސްވެވޭ ގޮތައް ވީހާވެސް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ގޯސް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކު ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.