ހަބަރު

ފުލުހުންގެ ހިދުމަތުގެ ބިލަކީ ނުރައްކާތެރި ބިލެއް: ޝިޔާމް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަކީ ނުރައްކާތެރި ބިލެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެންބަރު ޝިޔާމް މިހެން ވިދާޅުވީ ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އިއްވާފަ އެވެ.

ޝިޔާމް ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލަކީ ނުރައްކާތެރި ބިލެއް ކަމަށެވެ. އެ ބިލަކީ ފުލުހުންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ހަރުދަނާ އުސޫލުތައް ނެތިކޮށްލުމަށް ހުށައަޅާފައިވާ ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބިލު ހުށައެޅުމުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް ފުލުހުންގެ އިދާރާ ސިޔާސީ ކޮށްލުން ކަމަށާއި ފުލުހުންގެ މުއައްސަސާގައި ތިބި ދުވަސްވީ ހިދުމަތްތެރިން އެ މުއައްސަސާއިން ބޭރުކޮށް ވަކި ބަޔަކަށް އެ މުއައްސަސާގެ ކޮންޓްރޯލް ދިނުން ކަމަށެވެ.

"މިހާރު އެ ގެންނަން ގާނޫނު އައުމުން މި ހުރިހާ ދުވަހު އެތަނުގައި [ފުލުހުންގެ އިދާރާ] ހިނގަމުންދިޔަ ހުރިހާ ރަނގަޅު އުސޫލުތަކެއް، އަސާސްތަކެއް އެ ތަނުން ނެތިގެން އެ ދިޔައީ. މުޅި ތަން ސިޔާސީ ވާނެ، މުޅި މުއައްސަސާ ސިޔާސީ ވެގެން އެދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ގޮތަކަށް ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކަށް މުޅި އެތަނުގެ ހުރިހާ ވަޒީފާތަކެއް ބޭނުން ގޮތަކަށް ބަދަލުކުރުމުގެ ބާރު އެ އިސްލާހުން އެ ދެނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދު ގައުމަށް އޮތް އެންމެ ބޮޑު ހިތާމައަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވުން ކަމަށެވެ. ސުޕަ މެޖޯރިޓީގެ ބޭނުން އެމްޑީޕީން ހިފަމުންދަނީ ނުރަނގަޅު ގޮތުގައި ގައުމާއި، ރައްޔިތުންނަށް ގެއްލުއްވާ ގޮތަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.