ހަބަރު

ޑީކޯ ޗެންބާއެއް ފުރަތަމަ ހަދަންޖެހޭނީ ހުވަދޫގައި: ސައުދު

ޑީކޯވާ މީހުންނަށް ފަރުވާދޭނެ ޗެންބާއެއް ސަރުކާރުން ބަހައްޓާނަމަ އެންމެ ފުރަތަމަ ބަހައްޓަންޖެހޭނީ ހުވަދޫ އަތޮޅުގައި ކަމަށް ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޑީކޯވުމުގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. ނަމަވެސް އެފަދަ މީހުންނަށް ފަރުވާ ދެވޭނެ އެންމެ ރަނގަޅު ނިޒާމެއް ގާއިމްކުރެވިފައެއް ނުވެއެވެ. ދާދި ފަހަކާ ޖެހެންދެން އެފަދަ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ހުރީ ބަނޑޮހުގައި އެކަންޏެވެ.

ސައުދު ވިދާޅުވީ ޑީކޯވާ މީހުންނަށް ފަރުވާދޭނެ ޗެންބާއެއް ސަރުކާރުން ބަހައްޓާނަމަ އެންމެ ފުރަތަމަ ބަހައްޓަންޖެހޭނީ ހުވަދޫގައި ކަމަށެވެ. އެކަމުގެ ގިނަ ސަބަބުތަކެއްވެސް ސައުދު ވިދާޅުވިއެވެ.

"އެންމެ ގިނަ މިފަދަ ހާދިސާތައްވެސް ހިނގާފައިވަނީވެސް ހުވަދޫގައި، އެންމެ ގިނަ މަސްވެރިން އެންދަމަން ޑައިވް ކުރަނީވެސް ހުވަދީގައި، އެންމެ ގިނަ ރިސޯޓްތައްވެސް ހިންގަނީ ހުވަދޫގައި، އެންމެ ގިނަ މަސްދޯނި ފަހަރާ، މަސްވެރިންވެސް ތިބީ ހުވަދޫގައި." ސައުދު ވިދާޅުވިއެވެ.

ޑީކޯވުމުގެ ސަބަބުން އެތަށް ޒުވާނުންގެ ފުރާނަ ގެއްލި އަދި ބައެއް ޒުވާނުން އުމުރުދުވަހު ނުކުޅެދޭ މީހުންނަށްވެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ޗެމްބާ މިހާރު ގާއިމްކޮށްފައި ހުރީ ހަމައެކަނި ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. މީގެ ކުރިން އައްޑޫސިޓީ ޝަންގްރިއްލާ ރިސޯޓުގައި މީގެ ޗެމްބަރެއް ހުރި ނަމަވެސް މިވަގުތު އެޗެމްބަރު ހުރީ ހަލާކުވެފަ އެވެ.

ޑައިވިންއަށް ގޮސް އުޅޭއިރު މީހަކު ޑީކޯ ވެއްޖެނަމަ އޭނާއަށް އަވަސް ފަރުވާ ލިބޭނެ ވަސީލަތްތައް ގާއިމުކޮށްފައި ނުވާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅުއްވާފަ އެވެ.

ޑީކޯ ވުމުން އެ މީހަކަށް ދޭން ޖެހޭ އަވަސް ފަރުވާ ދެވޭނެ ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ގާއިމު ކޮށްފައި ނެތުމުގެ ސަބަބުން ދިވެހި އެތައް މަސްވެރިންގެ ފުރާނަ ގެއްލި އެތައް މަސްވެރިންނެއް ނުކުޅެދޭ ހާލަތަށް ގޮސްފައިވާ ކަން ވެސް ޖާބިރު ފާހަގަ ކުރެއްވި އެވެ.