މޯލްޑިވްސް ކަސްޓަމްސް ސާވިސް

ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު އެތައް މިލިއަަން ރުފިޔާއެއް ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ ބުނީ ޑިކްލެއާ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓާފައިވާއިރު އެ ފައިސާ ބޭކުރަން މަސައްކަތް ކުރީ ދެ ދިވެހިންނާއި، ބިދޭސީއެއް ކަމަށެވެ.

ކަސްޓަމުން ބުނީ އޭގެ ތެރެއިން އެކަކު ރާއްޖެއިން ބޭރުކުރަން މަސައްކަތްކުރި ބޭރު ފައިސާގެ އަދަދު 2,154,145.51 ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ. އަދި ބިދޭސީ މީހާ ބޭރުކުރަން އުޅުނު ފައިސާގެ އަދަދު 617,139.00 ދިވެހި ރުފިޔާއަށް އަރައެވެ. އެއީ 33 އަހަރުގެ ބިދޭސީއެކެވެ. މީގެ އިތުރުން އުމުރުން 31 އަހަރުގެ ދިވެއްސަކު 1,383,174 ދިވެހި ރުފިޔާއަށްވާ ބޭރު ފައިސާ ބޭރު ކުރަން އުޅެނިކޮށްވެސް ވަނީ ހުއްޓުވާފައެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ގެ ދަށުން، 20,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ކަސްޓަމްސްއަށް ޑިކްލެއާ ކުރަންޖެހެއެވެ.

މި ތިން މީހުންގެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށައަޅާފައެވެ.