ލައިފްސްޓައިލް

112 އަހަރު ދުނިޔޭގައި ހުރެވުމުގެ ސިއްރަކީ ހިނިތުންވުން!

ދުނިޔޭގައި މިވަގުތު ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ މަގާމު ޖަޕާނު މީހަކަށް ލިބިއްޖެ އެވެ. މި މީހާގެ މިހާރުގެ އުމުރަކީ 112 އަހަރެވެ. ޗިޓެޓްސޫ ވަތަނަބޭ ބުނާ ގޮތުގައި އޭނާގެ އުމުރު ދިގު ވުމުގެ ސިއްރަކީ ހިނިތުންވުމެވެ.

ވަތަނަބޭ އުފަންވީ މާޗް 5، 1907 ގައި ނިގާޓާ ކިޔާ ރަށެއްގަ އެވެ. މިއީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އުތުރުގައި އޮންނަ އަވަށެކެވެ. ގިނިސް ބުކްސް އޮފް ވޯލްޑް ރިކޯޑްސް އިން ވަތަނަބޭ އަށް މި ރެކޯޑް ލިބުނު ކަމުގެ ލިޔުން ހަވާލު ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އޭނާ އޮންނަ ނާސިން ހޯމަށް ޒިޔާރަތް ކޮށްގެންނެވެ. ކުރިން މި ރެކޯޑް އޮތީ ވެސް ޖަޕާން މީހަކަށެވެ. މަސާޒޯ ނޮނާކާ ނަމަކަށް ކިޔާ މި މީހާ މިދިޔަ މަހު ވަނީ މަރުވެފަ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 112 އަހަރާއި 266 ދުވަހެވެ.

ކައިވެންޏެއްކޮށް ފަސް ދަރިން ލިބިފައިވާ ވަތަނަބޭ ބުނާ ގޮތުގައި އޭނާގެ އުމުރު ދިގު ވުމުގެ ސިއްރަކީ އެއްގޮތަކަށް ވެސް ރުޅި ނައުމެވެ. އަދި މޫނުމަތީގައި އަބަދުވެސް ހިނިތުންވުމެއް ބެހެއްޓުމެވެ.

ވަތަނަބޭ އަށް ފޮނި އެއްޗެހި ވަރަށް މީރު ކަމަށާއި ޚާއްސަކޮށް ކަސްޓަޑް ޕުޑިން ވަރަށް މީރު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިފަދަ ފޮނި އެއްޗެތި ކޭ ނަމަވެސް ވަތަނަބޭ އަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އުމުރުން އެންމެދުވަސްވީ އަންހެން މީހާގެ ރެކޯޑް އޮތީ ވެސް ޖަޕާން މީހަކަށެވެ. ކާނޭ ޓަނާކާ ނަމަކަށް ކިޔާ މި މީހާގެ އުމުރުން މިހާރު 117 އަހަރެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގެ ތެރެއިން އެންމެ އުމުރު ދިގު މީހުން ގިނަ ގައުމުތަކުގެ ލިސްޓުގެ ވަރަށް ކުރިޔަށް ޖަޕާނުގެ ނަން އެބައޮތެވެ. އަދި އެ ގައުމަކީ ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެފައިވާ އެންމެ ގިނަ ބަޔަކު އުޅޭ ގައުމު ވެސް މެއެވެ.

ދުނިޔޭގައި މިހާތަނަށް އެންމެ ދިގު އުމުރެއްގައި އުޅުނު މީހެއްގެ ރެކޯޑް އޮތީ ފްރާންސްގެ ޖީން ލުއި ކަލްމެންޓް ކަމަށް ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައި ވެއެވެ. މި މީހާ 1997 ގައި މަރުވިއިރު އުމުރަކީ 122 އަހަރެވެ.