އަހުމަދު ޝިޔާމް

ރާއްޖެ ގެންނަން އުޅެނީ އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަން: ޝިޔާމް

ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށައެޅީ އިންޑިއާގެ "ރިލަޔަންސް ކޮމިއުނިކޭޝަން" ރާއްޖެ ގެނައުމަށް ކަމަށާ އެކަމަށްޓަކައި ނިންމަންޖެހޭ ހުރިހާ ނިންމުންތަކެއް "ސިއްރު" ން ނިންމާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގުން އެކަށީގެންވާ ރަނގަޅު ހިދުމަތެއް ނުދެވޭ ކަމަށާއި އެ ދާއިރާއަށް އިތުރު ކުންފުންޏެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާ ދިރާގާއި އުރީދޫއަށް ފާޑުވެސް ވިދާޅުވެފަ އެވެ.

އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖެ މިއަދު ރާއްޖެ ދަތުރު ކުރަމުންދަނީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރެއަށް ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ފުލްކޮންޓްރޯޯލްގެ ދަށުގައި ކަމަށެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ރަނގަޅު ކުންފުންޏެއް ނެތް ކަމަށް ބުނެ، ވާދަވެރިކަން އުފެއްދުމުގެ ނަމުގައި އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަން ރާއްޖެ ގެނައުމަށް ނިންމާ އެކަމުގެ ހުރިހާ ކަމެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެ އިންޑިއާގެ ދަށަށް ގެންގޮސްފައި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށާ ދިވެހި ގައުމުގައި މިއަދު އިންޑިއާއަށް ނޭންގޭ އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށެވެ.

"ރާއްޖޭގައި އޮތީ މުއާސަލާތީ ދެ ކުންފުންޏޭ، ދެ ކުންފުނި އޮތުމުން ވާދަވެރި ކަމެއް ނެތޭ ކިޔާފައި މިއަދު މި އުޅެނީ އިންޑިއާގެ 'ރިލަޔަންސް ކޮމިއުނިކޭޝަން' ކުންފުނި މިތަނަށް ގެންނަން. މި ހުރިހާ ނިންމުމެއް ހުރީ ނިންމާފައި. މިއަދު އަޅުގަނޑުމެންގެ ހުރިހާ މައުލޫމާތެއް ހުރިހާ ކަމެއް އަވަށްޓެރި އިންޑިއާއަށް އެނގޭ ނޫންތޯ. އެ ހުރިހާ ފުުރުސަތުތަކެއް އައިސް މިއޮތް ސަރުކާރުން އެބަ އެ މީހުންނަށް ފަހިކޮށްދޭ. މި ގައުމުގެ ކަނޑުގެ އަޑިއަށް ދާންދެން އެ މީހުންނާ ހަވާލުކޮށްފައި މި އޮތީ،" ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ މުއާސަލާތީ ދެ ކުންފުންޏޭ، ދެ ކުންފުނި އޮތުމުން ވާދަވެރި ކަމެއް ނެތޭ ކިޔާފައި މިއަދު މި އުޅެނީ އިންޑިއާގެ 'ރިލަޔަންސް ކޮމިއުނިކޭޝަން' ކުންފުނި މިތަނަށް ގެންނަން. މި ހުރިހާ ނިންމުމެއް ހުރީ ނިންމާފައި. މިއަދު އަޅުގަނޑުމެންގެ ހުރިހާ މައުލޫމާތެއް ހުރިހާ ކަމެއް އަވަށްޓެރި އިންޑިއާއަށް އެނގޭ ނޫންތޯ. އެ ހުރިހާ ފުުރުސަތުތަކެއް އައިސް މިއޮތް ސަރުކާރުން އެބަ އެ މީހުންނަށް ފަހިކޮށްދޭ. މި ގައުމުގެ ކަނޑުގެ އަޑިއަށް ދާންދެން އެ މީހުންނާ ހަވާލުކޮށްފައި މި އޮތީ
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޑިއާއިން ވެފައިވަނީ ނުރައްކާތެރި އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމާ ގުޅޭގޮތުން ސަލާމަތީ ބާރުތަކުން އެއްޗެއް ނުބުނާތީ ހައިރާންވާން ކަމަށެވެ.

އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް މިންވަރު ހާމަކޮށް ދެއްވާ ޝިޔާމް ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމުގެ ދޮރު އިންޑިއާއިން ބަންދު ކޮށްފައިވާ ކަމަށެވެ. އަދި މި ގައުމުގައި މިހާރު އިންވެސްޓް ކުރެވޭނީ އިންޑިއާގެ ރުހުން އޮތް ބަޔަކަށް ކަމަށް ވެސް މިހާރު އިދިކޮޅުން ފެންނަނީ އެންމެ އަޑު ގަދަ ލީޑަރު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އެންމެ މުހިންމު ތަންތަނުން އެމީހުން [އިންޑިއާ] ބިން ނަގަމުން ދަނީ. ބިންތައް ނަގަނީ އެގްރީމަންޓްތަކުގައި ސޮއިކުރަނީ. މި އަންނަ މަހު ކަންނޭގެ އަންނަނީ، މިއަންނަ ހަފުތާގައި ކަންނޭގެ އަންނަނީ އުތުރު ތިލަފަޅު ސޮއި ކުރަން. މި ތަނަށް އިންވެސްޓްމަންޓެއް އާދެވޭ ވަރެއް ނޫން، ބޮޑު އެހެން ގައުމަކުން އިންވެސްޓްމަންޓެއް ކުރިޔަކަށް ނުދޭ. ބޮޑެތި އިންވެސްޓްމަންޓްތަކަށް މި ތަނަކުން ޖާގައެއް ނުދޭ. މިރާއްޖޭގެ މާލީ އިންޓަލިޖެންސްގެ މުޝީރުންގެ ގޮތުގައި ވެސް މި ތިބީ މި ގައުމުގެ [އިންޑިއާ] މީހުން. މި މީހުން ބޭނުންވާ ބަޔަކަށް ނޫނީ މިތަނަކަށް އިންވެސްޓްމަންޓެއް ނުކުރެވޭ."

ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމީ އިންޑިއާގެ އެހީތެރި ކަމުގައި ކަމުގައިވާތީ މިއަދު ސަރުކާރު އޮތީ އިންޑިއާގެ މުށުތެރޭގައި "ފިތި" ފައި ކަމަށެވެ.