ހަބަރު

ރާއްޖެއަށް އދ. ގެ އާ ރެޒިޑެންޓް ކޯޑިނޭޓަރެއް

އދ. އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓާ ކެތަރިން ހެސްވެލް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

މަގާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސް ވަނީ އާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

އަދި މި ބައްދަލު ކުރެއްވުމުގައި އދ. އަކީ ރާއްޖެ ތަރައްގީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ. ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެ ޖަމާއަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެ ޖަމިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކެތަރިން ހެސްވެލް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ތަރައްގީގެ އެޖެންޑާ ހާސިލް ކުރުމުގައި އދ. ގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.