ހަބަރު

ޓީއެމްއޭއިން އުޅެނީ ވާދަވެރިން ފުހެލަން: މަންތާ

Feb 17, 2020

ވީއައިއޭގައި ގާއިމް ކުރި އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)އަށް ދޭން އުޅޭ މައްސަލައަކީ އެ ކުންފުނިން ވާދަވެރިން ނައްތާލަން ކުރާ މަސައްކަތެއް ކަމަށް މަންތާ އެއާވޭސް އިން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަންތާގެ ސީއީއޯ ހަލީލް ވިދާޅުވީ ޓީއެމްއޭ އިން މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ފެންނަނީ ސީޕްލޭން ޓާމިނަލްގެ ފުރިހަމަ ކޮންޓްރޯލް ވަކި ފަރާތަކަށް ނެގި ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރަން ވަރަށް ބޮޑަށް ހުރަސް އެޅޭ ފަދަ ކަމެއް ނިންމުމަށް ކަމަށެވެ. އޭގެ ސަބަބުން މިހާރު އޮޕަރޭޓް ކުރަމުންދާ އެއާލައިންތަކާއި އަލަށް ނިކުންނަ އެއާލައިންތަކަށް ސީޕްލޭން ހިދުމަތް ދިނުމުގައި ވަރަށް ބޮޑު ދަތިތަކާއި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެ ނިންމުންތައް ވާން ޖެހޭނީ ކޮމްޕެޓެޓިވް ގޮތަކަށް އިންސާފުވެރިކަމާއެކު ކުރެވޭ ކަހަލަ ގޮތަކަށް ނިންމޭ ނިންމުމަކަށް،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ސަރުކާރުން އެވަރުގެ އިންވެސްޓްމަންޓެއް ކުރުމުން އެ ފިސިލިޓީ ހިންގޭނެ ބަޔަކީ އެމްއޭސީއެލް ކަމަށާއި އެ ކުންފުނިން އެ މަސައްކަތް ކުރުމަށް ދައުލަތަށް ފައިދާ ހުރި ގޮތަކަށް ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ފަސިންޖަރުންނަށް އެންމެ ފަސޭހަވާނެ ގޮތައް އެކަން ފޯރުކޮށްދެވޭނީ ވެސް އެހެން ކަމަށް ގަބޫލު ކުރާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ގޯހުގެ ފެށުމަކީ އެމްއާރްއޯ ފެސިލިޓީ ޓީއެމްއޭއަށް ދިނުން"

މަންތާގެ ޗީފް މާކެޓިން އޮފިސާ އަހުމަދު މައުމޫނު ވިދާޅުވީ ސީޕްލޭން އޮޕަރޭޓް ކުރާ ކޮންމެ ބަޔަކަށް ވެސް މެއިންޓެއިން ފެސިލިޓީއެއް ވަރަށް މުހިންމު ކަމަށާއި ނަމަވެސް އެ ފެސިލީޓީ މިހާރު އެއްކޮށް ޓީއެމްއޭ އަތުގައި ކަމަށެވެ. އޭގެން އެނގެނީ ފެށުމުގައި ވެސް މި މާކެޓުގައި މޮނޮޕޮލީއެއް ހަދަން ވިސްނާފައި އޮތް އޮތުން ކަމަށާއި އެކަން ކުރަމުން އަންނަނީ މުޅިން އޮޅުވާލައިގެން ކަމަށް މައުމޫން ވިދާޅުވި އެވެ.

"މީގެ ތިން ހަތަރު ހަފްތާއެއް ކުރިން އަޅުގަނޑުމެންގެ ބޯޓެއްގެ އިންޖީނު ފެއިލްވެގެން އޭތި ބަދަލު ކުރަން ޖެހުނީ. ބޯޓު އިންޖީން ޓެކްނިކަލްވީ މާލެ އެއާޕޯޓްގަ އޮއްވާ. އެ އެއާޕޯޓުން ފެއިލް ވެގެން މިތަނުގައި އިންޖީން ބަދަލު ނުކުރެވިގެން ޓީއެމްއޭ އަތުގައި މިހާރު މިހާރު ވެސް އޮންނާނެ އެމްއާރްއޯ ދޭއްތި. އެމީހުން ކައިރީ އަޅުގަނޑުމެން އާދޭސް ކުރިން އަޅުގަނޑުމެންނަށް އެ ފެސިލިޓީ ކޮށްލަ ދޭށޭ ޗާޖު ދައްކައިގެން ވެސް. އެ މީހުންގެ ޕޮލިސީ ބުނީ މެނޭޖްމަންޓުން ބުނެފައޭ އޮތީ މަންތާއަށް ވެސް އަލަށް އަންނަ އެއްވެސް ބަޔަކަށް މިކަހަލަ ކަންތައްތައް ފެސިލިޓޭޓް ނުކޮށްދޭން،" މައުމޫން ވިދާޅުވި އެވެ.

މި ފަހުން ގިނަ ކުންފުނިތަކަށް ސީޕްލޭން ޓާމިނަލް ބޭނުން ކުރެވޭ ގޮތައް ތާއީދު ކުރާ ވާހަކަ ދެއްކި ނަމަވެސް މެއިންޓޭނަންސް އެންޑް ރިޕެއާ ފެސިލިޓީގެ ފުލް ކޮންޓްރޯލް އެ ކުންފުނީގައޮ އޮތުމަަކީ އެހެން ކުންފުނިތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

އެމްއޭސީއެލް އާއި މަންތާއާ ދެމެދު ވެސް މުއާމަލާތްތަކެއް!

ޓީއެމްއޭއަށް ސީޕްލޭން ދިނުމުގެ މުޅި މައްސަލަ އެންމެ ސިޓީއެއްގެ މައްޗަށް ބިނާވަމުން އަންނަ އިރު މައުމޫން ވިދާޅުވީ އެމްއޭސީއެލް އާއި އެ ކުންފުންޏާ ދެމެދު ވެސް ބައްދަލުވުންތަކެއް ބާއްވާ މަޝްވަރާ ކުރި ކަމަށެވެ. އަދި އާ ޓާމިނަލްއާ ބެހޭ ހުށަހެޅުންތަކެއް މެއިލްކޮށް ވާހަކަ ބަދަލު ކުރެވުނު ކަމަށް މައުމޫން ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ލިޔެކިތުންތަކަކީ އެއްބަސްވުމެއް ނޫން ކަމަށާއި އެއާއެއްގޮތަށް ސިޓީތަކެއް ވެސް އެއްބަސްވުމަކަށް ނުބެލެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަން ކުރަން ޖެހޭނީ ޑިއު ޑެލިޖަންސް ފުރިހަމަކޮށް ބޯޑުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.