ހަސަން ލަތީފް

ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރާ ދިމާއަށް ކުދިން ފުރޮޅާލެވޭ: ހަސަން

ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުން ހަރުކަށި ފިިކުރާ ދިމާއަށް ގެންދެވޭނެ ޖާގަތަކެއް އެބަ އޮންނަ ކަމަށާއި ސަރުކާރުން ހުށަހަޅާފައިވާ ތައުލީމީ ބިލުގައި އެ ޖާގަ ކުޑަ ކުރުމަށް މާއްދާތަކެއް އިތުރު ކުރަން ޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ތައުލީމީ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ މެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. އަދި ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، ސްކޫލަށް ކުދިން ވެއްދުމާއި ފޮނުވުން ބިލުގައި ލާޒިމުކޮށްފައި އޮތް ނަމަވެސް އެއަށް އަމަލު ނުކުރާ ބެލެނިވެރިންނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ބިލުގައި ހިމަނާފައި ނުވާ ކަމަށެވެ. އެއީ ކުށެއް ކަމަށް ބިލުގައި ކަނޑައަޅައި ކުދިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިންނަށް އަޅާނެ ފިޔަވަޅުތައް ބިލުގައި އޮންނަން ވާނެ ކަމަށެވެ.

ހަސަން ދެން ވިދާޅުވީ ސްކޫލްތަކުގައި ބުލީ ކުރުމާ ގުޅޭ ގޮތުން ވެސް ބިލުގައި މާއްދާތަކެއް ހިމަނަން ޖެހޭ ކަމަށެވެ. ބިލުގައި ބުލީ ކުރުމަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައި ބުލީ ކުރީ ކުދިންނާއި މީހުންނާ ދޭތެރޭ އަޅާނެ ފިޔަވަޅުތައް ތަފުސީލުކޮށް ބިލުގައި ލިޔެފައި އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ވިސްނުން ހަރުކަށި ފިކުރާ ދިމާއަށް ފުރޮޅިގެންދާ ގޮތަށް ކަންކަން ކުރުމުގެ ޖާގަ އޮންނަ ތަން ފެންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

ޓީޗަރުންނާއި އިދާރީ މުވައްޒަފުން ކުރާ ކަންކަމުގެ ސަބަބުން ކުދިންގެ ވިސްނުމަށް ނުރަނގަޅު އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ވިދާޅުވީ، ރާއްޖޭގެ އެކި ސްކޫލްތަކުގެ އެކި މިންވަރަށް އެ ކަން އެބަ އޮތް ކަމަށެވެ.

"ސްކޫލްގެ ކިޔަވައި ދިނުމުގެ ތެރެއިން، ސްކޫލްގައި އިދާރީ ކަންކަން ހިންގަން ތިބޭ މީހުންގެ އަމަލުތަކުގެ ސަބަބުން ދަރިވަރުން އެ ކުދިންގެ ވިސްނުމަށް އަދި އުޅުމަށް ނުރަނގަޅު ގޮތަކަށް އެބަ ބަދަލުތަކެއް އާދޭ، ހަރުކަށި ފިކުރަށް ޖާގަ ލިބޭ ގޮތަށް އެއްވެސް ސްކޫލެއްގައި އެއްވެސް މީހަކު މަސައްކަތް ކުރާ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް." ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ތައުލީމީ ބިލުން މި ކަންކަން ހުއްޓުވޭނެ ގޮތެއް ބަޔާން ކުރެވިފައި އޮންނަން ވާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ބާރު ލިބޭ ގޮތަށް އަމަލު ކުރާ މީހުނާ ދޭތެރޭގައި ވެސް އަޅާނެ ފިޔަވަޅުތައް ބިލުގައި ބަޔާން ކޮށްފައި އޮންނަން ވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.