ހަބަރު

މިއީ ކައިވެނީގެ ބޮޑު ދުވަހެއް: 64 ކައިވެނި

މިއަދަކީ ފެމިލީ ކޯޓަށް އެންމެ ބާރުބޮޑު ދުވަހެވެ. އާންމުކޮށް ވެސް ރީތި ތާރީހުތަކުގައި އެ ކޯޓަށް ބާރު ބޮޑުވެ އެވެ.

މިއަދަކީ މިއަހަރުގެ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން އެއް ތާރީހެވެ. 2020-02-20 އެވެ. މިއީ ފެމިލީ ކޯޓްގެ ތާރީހުގައި ވެސް އެންމެ ގިނަ ކައިވެނި އެއް ދުވަހެއްގައި އެ ކޯޓުން ކޮށްދޭނެ ދުވަހެވެ.

ފެމިލީ ކޯޓްގެ އޮފިޝަލަކު ވިދާޅުވީ މިއަދު އެ ކޯޓުން 64 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިއަދު އެކަނިވެސް 64 ކައިވެނި ކޮށްދޭނެ. ބައެއް ވަގުތުތައް ވަރަށް ބާރުބޮޑު. އެގޮތުން މިއަދު ހަވީރު 4:00 ޖަހާއިރު 16 ކައިވެންޏެއް ކުރެވޭނެ. އެކަމަކު އެއީ މުޅިން ވެސް ކޯޓުން ބޭރުގައި، ނަމަވެސް ކޯޓްގެ ގާޒީން ގޮސްގެން.
އެހެންވީމަ މިއީ މިފަހުގެ ތާރީހެއްގައި ކޯޓަށް އެންމެ ބާރު ބޮޑު ދުވަސް." އޮފިޝަލަކު ވިދާޅުވިއެވެ.

ބައެއް މީހުނަށް މިއަހަރުގެ އެންމެ ރީތި ތާރީހަކީ 2020-02-02 އެކެވެ. އެ ދުވަހު ވަނީ 41 ކަައިވެނި ކޮށްފައެވެ. މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ކައިވެނިކުރީ 2019-12-19 ގައެވެ. އެއީ 38 ކައިވެންޏެވެ.

2020 ވަރަށް ހާއްސަ

ފެމިލީ ކޯޓަށް 2020 މިއީވެސް ވަރަށް ތަފާތު އަހަރެކެވެ. ކުރީ އަހަރުތަކުގައި ކައިވެނިކޮށް ނުދޭ ބައެއް ދުވަސްތައް ހުރެއެވެ. ކޮންމެ ހޮނިހިރެއް ކުރިން އެއީ ބަންދު ދުވަހެކެވެ. އަދި ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި، ދެ އީދު ދެ ދުވަހާއި، މިނިވަން ދުވަސް ފަދަ ދުވަސްތަކުގައި ކައިވެނި ކޮށެއް ނުދެއެވެ. ނަމަވެސް އެކަން މިއަހަރު ވަނީ ބަދަލުވެފައެވެ. ކޮންމެ ދުވަހަކުވެސް ކައިވެނިކޮށް ދިނުމަށް ފެމެލީ ކޯޓުން މިހާރު ވަނީ ނިންމާފަ އެވެ.

ވިހިވިހީގައި ރީތިި ވަރަށް ގިނަ ތާރީހުތައް އާދެ އެވެ. ހާއްސަކޮށް ރީތި ވަރަށް ގިނަ ތާރީހުތައް 2020 ގައި ދިމާވަނީ ހޮނިހިރު ދުވަހަށެވެ. ހޮނިހިރާ ދިމާވާ ބައެއް ތާރީހުތަކުގެ ތެރޭގައި 2020-04-04، 2020-06-06، 2020-08-08 އަދި 2020-12-12 ވެސް ދިމާވަނީ ހޮނިހިރު ދުވަހަކަށެވެ.

މިއަަހަރުގެ އެންމެ ރީތި އެއް ތާރީހު ދިޔަ ނަމަވެސް މިމަހުގެ 2020-02-20 ވެސް އޮތީއެވެ. މީގެ އިތުރުން 2020-10-20 ވެސް މިއީ ރީތި ތާރީހެކެވެ.

ވަރީގެ އަދަދު 60 ޕަސެންޓު މައްޗަށް

މިދިޔަ އަހަރު ރާއްޖޭގައި 5000 އަށް ވުރެ ގިނަ ވަރިކޮށް 60 ޕަސެންޓު މައްޗަށް ޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

ޑީޖޭއޭއިން ނެރުނު ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ވަނީ 5117 ވަރި ކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރާ ބަލާއިރު 61.6 ޕަސެންޓުގެ އިތުރު ވުމެކެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ކުރީ 3199 ވަރި އެވެ.

ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 6509 ކައިވެންޏެއް ކޮށްދީފައިވެ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ.

އާބާދީ ކުޑަ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ.