ރިޕޯޓް

ރައީސް ޔާމީން ހަކުޅި ކުރީގައި، އަމާޒު ޔަގީން

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމި އިންތިހާބަކާ ކުރިމަތިލާން ބަރާބަރު ތިން އަހަރާ ދުވަސްކޮޅެއް އަދި އެބަ އޮތެވެ. މި މުއްދަތުގައި ސިޔާސީ މައިދާން ކިތަންމެ ފަހަރަކު އަދި އެ ފުށް މި ފުށަށް ޖެހޭނެ އެވެ. މިހާރު ވެސް މި އޮންނަނީ ހަމަ ލޮޅުންތައް އައިސްއައިހެވެ. އެކަމަކު ރައީސް ޔާމީންގެ އަމާޒު ފެންނަނީ ތަންކޮޅެއް ސީދާކޮށް ހުންނެވި ތަނެވެ. ވާނުވާއެއް ނޭނގޭ ސިޔާސީ ލޮޅުންގަނޑުގެ ތެރޭގައި ވެސް ރައީސް ޔާމީން ހުންނެވީ 2018 ގެ އަމާޒު ޔަގީން ކުރައްވައިގެންނެވެ. އަނެއްހެން ބުނާ ނަމަ، ރައީސް ޔާމީންގެ 2018 ގެ ޔަގީން ޓީމް ކަށަވަރު ކުރެއްވުމާ ހަމަޔަށް މި ވަނީ އާދެވިފަ އެވެ. މިއީ އެއްގޮތަކުން އެމަނިކުފާނުގެ ސިޔާސީ ކުޅީގެ މޮޅުކަމެވެ. އިދިކޮޅުން ސިފަ ކުރާ ގޮތުން ނަމަ އެއީ ޔާމީންގެ ހުދުމުހުތާރު ކަމެެވެ. 

ކޮންމެ ގޮތަކަށް އެކަން އޮތަސް 300 ބައިވެރިންނާ އެކު ރޭ ފެށި، ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުން ތަމްރީން ކުރުމުގެ މަހާސިންތާ އަކީ އެމަނިކުފާނުގެ 2018 ގެ ކެމްޕޭންގެ ބިންގަލެވެ. ސިޔާސީ ލޮޅުންގަނޑުގެ ތެރޭގައި ވެސް ރައީސް ޔާމީންގެ އަމާޒު ސާފުކަން ދައްކައިދޭ މިސާލެކެވެ. ޕާޓީގެ އެތެރެންނާއި ބޭރުން ވެސް މަހާސިންތާއަށް ކިޔޭ ފާޑިކިޔުންތަކުގެ އަޑު އެއްސެވުމެއް ނެތި، މަހާސިންތާގެ ފުރަތަމަ ބުރު ރޭ ތާޖުއްދީން ސްކޫލްގައި ފަށައިގެން ގެންދަނީ ކުރިއަށެވެ. މި މަހާސިންތާ އަކީ ކޮންމެ ފަރާތަކުން ބެލިޔަސް މުހިންމު އެއްވުމެކެވެ.

މަހާސިންތާ ކަންކަމުގެ މައުލޫމާތުގެ މެޑަމްގެ އޮފީހުގެ ފަރާތުން މީޑިއާޔަށް ހިއްސާ ކުރައްވަމުން ސަރުކާރުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވަނީ، އެއީ ރައީސް ޔާމީންގެ ކެމްޕޭން ފެށުމަށް އަޅާލެވޭ ސުރުހީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަހާސިންތާއާ އެކު ރައީސް ޔާމީން 2018 ގެ ކެމްޕޭން ޓީމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރުކުރުވާ ލެވޭނެ އެވެ. އަދި ކެމްޕޭން ކުރިއަށް ދާނެ ގޮތުގެ ސްޓްރެޓެޖީއެއް އޮންނާނީ ރާވާލެވިފައި ކަމަށް މުއާޒު ވިދާޅުވި އެވެ.

"މީގެ ސަބަބުން ރައީސް ޔާމީންގެ 2018 ގެ ކެމްޕެއިން މި ފެށެނީ. މި ހިސާބުން ދެން ކެމްޕެއިން ކިކްއޮފް ވެގެން ދާނެ. މި ހުރިހާ ސަބަބަކަށް ޓަކައި މި ކެމްޕޭން ވަރަށް މުހިންމު،" މުއާޒު ވިދާޅުވި އެވެ. "މީގައި ރައީސް ޔާމީންގެ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތްތައް ރާވައި ޕާޓީގެ މެންބަޝިޕް ވެސް އިތުރުވެގެން ދާނެ،"

ރިޔާސީ ރޭހަށް ނުކުންނާނެކަން އަދި މިހާތަނަށް އެއްވެސް ބޭފުޅަކު އިއުލާން ކުރައްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް ރޭގެ މަހާސިންތާ ފެށުމާ އެކު ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ފެށުނީ ކަމަށް ނައިބު ރައީސް އިއުލާން ކުރެއްވި އެވެ. އެމަނިކުފާނު ވަނީ ވާދަކުރައްވަން ކެރޭ ބޭފުޅުން އަޅެ ހިތްވަރެއް ހުރިއްޔާ ނިކުތުމަށް ގޮވާލައްވައިފަ އެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭންގެ ބޫސްޓާ އެކު މިއީ އަދި އެއްވެސް ސިޔާސީ ލީޑަރަކަށް މިހާތަނަށް ނުކުރެއްވި އޮތް މުހިންމު ކަމެކެވެ. ސިޔާސީ މައިދާނުގައި ކާމިޔާބަކީ ރައްޔިތުންގެ ތާއީދު ހޯދައިގެން މަގާމުތަކަށް އިސްވުމެވެ. ރައީސް ޔާމީން މި ހުޅުއްވެވީ ރައްޔިތުންގެ ތާއީދު އިތުރު ކުރެއްވުމުގެ މައިދޮރެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ރައީސް ޔާމީންގެ ވާދަވެރިން ތިއްބެވީ އެބޭފުޅުންގެ އަމާޒު އޮޅިވަޑައިގެންފަ އެވެ. ތަފާތު މައްސަލަތަކުގެ ތެރޭގައި ތާށިވެ ބަލިކަށިވެފަ އެވެ. އެ މައްސަލަތަކުން އަރައިގަންނަން ދާނެ ކޮޅެއް ހަނދާނެ ގޮތެއް ނޭނގޭ ހިސާބުގަ އެވެ. އިދިކޮޅު ފަރާތްތަކުން މިކަމުގެ އިލްޒާމް ވެސް އަޅުވަނީ ރައީސް ޔާމީންގެ ބޮލުގަ އެވެ. ރައީސް ޔާމީން ގަސްތުގައި އިދިކޮޅު ސިޔާސީ ފަރާތްތައް ނައްތާލީ އެވެ. އެހެން ނަމަވެސް ސިޔާސީ ކުޅި މޮޅަށް ކުޅެވޭ ނަމަ، ހަތަރެސްފައި އަދި ބަދެވޭ ހިސާބަކަށް ދާނެއެކޭ ހިތެއް ނުބުނެ އެވެ.

"އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނެތެކޭ ނެތް ބުނެވޭކަށް އެބޭފުޅުން ސިޔާސީ ގޮތުް ކުރިއަށް ދާން. އެބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓަކަށް ބަލާ ބޭފުޅަކަށް ހަމަ ކެމްޕޭނައިގެން ކުރިއަށް ދެވޭ ގޮތަށް މި އޮތީ. ރެލީތައް ވެސް ހަމަ ބާއްވަންވީ، އެކަމަށް ހުރަހެއް ނެތް. އެކަމަކު އެބޭފުޅުން މި އުޅުއްވަނީ ވަކި މީހެއްގެ ފަހަތުން އެކަމުން އަރައި ނުގަނެވިގެން. ނޫނީ ކޮންމެވެސް ގޮތަކުން ސަރުކާރު ވައްޓާލަން. އެހެން ނަމަވެސް ރައީސް ޔާމީން ފޯކަސް މި ކުރައްވަނީ ވައުދުތައް ފުއްދައިގެން ދެވަނަ ދައުރަކަށް ދާން. މި ފެންނަނީ އޭގެ ތަފާތު،" ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން ރިޔާސީ ދައުރެއް އަދި ފުރިހަމަ ކުރެއްވުނު ސިޔާސީ ލީޑަރެއް ވެސް ނެތެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ އަމާޒު މި ހުރީ ރެކޯޑަކާ ދިމާލަށެވެ. ރިޔާސީ އެއް ދައުރު ފުރިހަމަ ކުރައްވައި ދެ ވަަނަ ދައުރެއް ފުރިހަމަ ކުރައްވާނެ ރައީސްއަކަށް ވުމަށް ކަމަށް ޕީޕީއެމްގެ ބޭފުޅުން ވިދާޅުވެ އެވެ.

ސްޕޯކްސްޕާސަން މުއާޒު ވިދާޅުވާ ގޮތުގައި މަހާސިންތާގައި ސަރުކާރުގެ ވަކިވަކި ދާއިރާތަކުގެ ސިޔާސަތުތައް މެންބަރުންނަށް ބުނެދޭނެ އެވެ. އަދި ސަރުކާރަށް ހާސިލް ކުރެވުނު ވައުދުތަކާއި ނުފުއްދި ހުރި ވައުދުތައް ފުއްދުމަށް ކުރާ ކަންކަން ބުނެދޭނެ އެވެ. އެ ކަންކަން ރައްޔިތުންނަށް އަންގައި ދިނުމުގައި ކެމްޕޭން ލީޑަރުންގެ ދައުރާއި އެބޭފުޅުން ގެންގުޅުއްވަން ޖެހޭ ސްޓްރެޓެޖީތައް ބުނެދޭނެ އެވެ.

"މިއީ ވަރަށް މުހިންމު މަހާސިންތާއެއް. ޕީޕީއެމްގެ އެމްޑީއޭގެ ކޯލިޝަންގެ ހުރިހާ މެންބަރުން ބައިވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމެއް. ރައީސް ޔާމީންގެ 2018 ފޯކަސް އަށް އެޅޭ ފުރަތަމަ ފިޔަވަޅު މިއީ. މީގެ ސަބަބުން ޕީޕީއެމްގެ މެންބަރުގެ އަދަދު 100،000 އަށް އިތުރު ކުރުމަށް ފަށާ މަސައްކަތް ވެސް އެޅޭ ބާރެއް މިއީ،" ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބަކަށް އަދި ދުވަސްކޮޅެއް އޮތް އިރު، އަންނާނެ ކިތަންމެ ބަދަލެއް ހުންނާނެ އެވެ. ގިނަ ކަންކަމަށް ބަދަލުތަކެއް އަންނާނެ އެވެ. އެކަމަކު މަހާސިންތާ އާ އެކު ރައީސް ޔާމީންއަށް އެ ބަދަލުތަކުން އަންނާނެ އަސަރު ކުޑަކުރެވޭނެ ކަމަށް ބެލެވެ އެވެ. އެވަރަށް ސަޕޯޓް ބޭސްއެއް ހޯއްދެވޭ ނަމަ ރައީސް ޔާމީންގެ 2018 ގެ އަމާޒަކަށް އެ ބަދަލުތަކުން ކުރާނެ އަސަރު ކުޑަކުރެއްވުމުގެ ވިސްނުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށް ބެލެވެ އެވެ. މި މަހާސިންތާއާ އެކު ރައީސް ޔާމީންގެ ސަޕޯޓް ބޭސްފުޅާ ކުރެވޭނެ އެވެ. އަމާޒު އެއް ދިމާލެއްގައި ބެހެއްޓޭނެ އެވެ. ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުންގެ މަހާސިންތާއާ އެކު ރައީސް ޔާމީންއަށް 2018 ގެ ޓީމެއް ތައްޔާރު ކުރެއްވެނީ އެވެ. އެމަނިކުފާނުގެ ޓީމް ޔަގީން ކުރެއްވެނީ އެވެ. އިދިކޮޅު ފަރާތްތަކުން މައްސަލަތަކުގައި އެތިބަ ގޮތަށް ބައިތިއްބާފައި ރައީސް ޔާމީންގެ އަމާޒު މި ހުންނެވީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށެެވެ. އެކަމުގައި ކުރިއަށް ވަޑައިގަތުމަށެވެ.