ހަބަރު

ތަފާތު ބަހުރުވަތަކަކީ ބަހަށް ލިބޭ ދިރުމެއް: ރައީސް

ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ދިވެހި ބަސް މުއްސަދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހާ ކަމެއްގައި ބޭނުން ކުރުމަށް ތަރުހީބު ދިނުމަކީ ދިވެހި ބަސް މުއްސަދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް ކަމަށެވެ.

ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ހިތާބެއްވެސް ނެރުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ ދިވެހި ބަހަކީ މުއްސަދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށެވެ. އަދި ބަހުރުވަތަކަކީ އެ އަތޮޅެއް ނުވަތަ ރަށެއްގެ ސަގާފަތާއި، ދިރިއުޅުން ދައްކުވައިދޭ މާނަވީ ތަރިކައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ިމިނިސްޓަރު ވިދާޅުވީ ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7000 ބަހުގެ ތެރެއިން ދެބައި ކުޅަ އެއްބައި ނެތި ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ކުޑަކުދިންނާއި ޒުވާނުވެސް ގިނައިން ވާހަކަ ދައްކަމުން ގެންދަނީ އިނގިރޭސި ބަހުން ކަމަށާ މިއީ ދިވެހި ބަސް އުވިގެން ހިނގައި ދާނެ ކަމުގެ ނިޝާނެއް ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.