ހަބަރު

މޫދަށް ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ

މޫދަށް ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

މޫދަށް ވެއްޓި މަރުވެފައިވަނީ އުމުރުން އެއް އަހަރާއި، ނުވަ މަހުގެ ކުއްޖެއް ކަމަށް އެނގިފައިވެއެވެ. އެއީ ށ. ފުނަދޫ ކުއްޖެކެވެ.

އަވަސްއާ ވާހަކަދައްކަމުން ފުނަދޫ މީހަކު ބުނީ އެ ކުއްޖާ މަރުވެފައިވަނީ މޫދަށް ވެއްޓި ގެނބިގެން ކަމަށެވެ. އެ ކުއްޖާ ދިރިއުޅޭ ގެއަކީ މޫދާ ވަރަށް ކައިރީގައި ހުންނަ ގެއެކެވެ.

އެމީހާ ބުނީ އެ ކުއްޖާ ގެއިން ނިކުތީ ކުއްޖާގެ މަންމަ އަސުރު ނަމާދަށް ވުޟޫކުރަން ވަތް ވަގުތު ކަމަށެވެ. އަދި ކުއްޖާ ނެތިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުން ކަމަށެވެ.

"ނުވާނެ މާގިނަ އިރެއްވެސް. އެ ސޮރު މަންމަ ވުޟޫކުރަން ވަދެ، އެ ވީ ވަގުތުކޮޅެއް ވާނީ. ނެތިގެން ހޯދިއިރު މޫދުން ފެނުނީ. އޭރު މަރުވެފައި އޮތީ." އެމީހާ ބުންޏެވެ.

ފުލުހުންވެސް ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އެކަން ހިނގާ ދިޔަގޮތް ބަލަމުންދާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ށ. ފުނަދޫގައި ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު ގެނބިގެން މަރުވި ހަބަރު ލިބުމާއެކު އެމިނިސްޓްރީގެ ސޯޝަލް ވޯކަރުން އަންނަނީ އެ އާއިލާއާއެކު މަސައްކަތް ކުރަމުން ކަމަށެވެ.