ދިވެހި ސިނަމާ

30 އަހަރު ފަހުން މަރިޔަމް ރަޝީދާ ސްކްރީނަށް

ނަވާރަސަތޭކަ އައްޑިހަ ހަތަރުވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ އާއި މިސްރު ގުޅިގެން އުފެއްދި "ޔޫސުފް އެންޑް ޒައިނަބު" އިން ދިވެހި ފިލްމީ ދާއިރާއަށް ތައާރަފުވި މަރިޔަމް ރަޝީދާއަކީ އޭގެ ފަހުން އައި ދެތިން ހަތަރު އަހަރު ފިލްމީ ދާއިރާގެ އެންމެ ވިދުން ގަދަ ތަރި އެވެ. ފުލުފުލުގައި ނިކުތް މަރިޔަމް ރަޝީދާގެ ފިލްމުތަކާއެެކު އެ ދުވަސްވަރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި ދިވެހިން އެންމެ ލޯބިވާ އެއް ފަންނާނަކަށްވީ ވެސް އޭނާ އެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ދާއިރާއިން އޭނާ ގެއްލުނީ އެވެ. ފަހުން ޓީވީން އުފެއްދި ދެ ޑްރާމާ ސިލްސިލާއަކުން ފެނުނެވެ. އެއީ "ރޭޝަމް" އަދި "އިހުތިޔާރު" ގެ ނަމުގައި އުފެއްދި ޑްރާމާ ސިލްސިލާއިންނެވެ. ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގައި އޭނާއަށް އޮތް ހުރަހަކަށް ވެެގެންދިޔައީ އުފަން ރަށް، އައްޑޫ ސިޓީ މަރަދޫގައި ދިރިއުޅެން ޖެހުމުންނެވެ.

ނަމަވެސް 30 އަހަރު ފަހުން އަނެއްކާ ވެސް މަރިޔަމް ރަޝީދާ މިވަނީ ފިލްމީ މަސައްކަތާ ގުޅިފައެވެ. ދިވެހި ފިލްމީ އިންޑަސްޓްރީގެ އަދި އައު ސްޓޫޑިއޯއެއް ކަމަށްވާ އައިފިލްމްސްގެ "ނީނާ" އިން މަރިޔަމް ރަޝީދާ ފެނިގެންދާނެ އެވެ. "ބަވަތި" ގެ ކާމިޔާބަށްފަހު އެ ސްޓޫޑިއޯއިން އުފައްދާފައިވާ މި ފިލްމުގައި މަރިޔަމް ފެނިގެން ދާނީ މަންމައެއްގެ ރޯލުންނެވެ.

މަރިޔަމް ރަޝީދާ ވަނީ "ނީނާ" އިން އަލުން ފިލްމީ މަސައްކަތާ ގުޅުމުގެ ބައެއް ވާހަކަތައް އަވަސްއާ ހިއްސާކޮށްފަ އެވެ.

"ނީނާ" ގެ ޕްރޮޑިއުސަރު އިލްޔާސް ވަހީދު ފިލްމުގެ ސްކްރީންޕްލޭ ލިޔަމުން ގެންދިޔައިރު ވެސް ފިލްމުގެ މުހިންމު ރޯލެއް މަރިޔަމް ރަޝީދާއަށް ހާއްސަ ކުރިއެވެ. އެއަށްފަހު އައްޑޫގައި ދިރިއުޅޭ މަރިޔަމްއަށް ފިލްމުގައި ބައިވެރިވުމުގެ ދައުވަތު ދިނުމާއެކު އެ ފުރުސަތު ގަބޫލުކުރީ އުފަލާއެކުގަ އެވެ.

"އަލުން ފިލްމެއް މި ކުޅެނީ ތިރީސް އަހަރު ފަހުން. އަނެއްކޮޅުން އުމުރުން 50 މައްޗަށް ވެސް ދިޔައީ، މިއީ މިހާރު މަންމައެއް އަދި މާމައެއް ވެސް މެ. އެހެންވީމަ ހިތަށް އެރީ އަލުން ފިލްމަކުން މިހާ ރަނގަޅު ފުރުސަތެއް ލިބުނީމަ ކުރިއަށް ދާނީއޭ."

މަރިޔަމް ރަޝީދާ ބުނީ މިހާ ގިނަ ދުވަހަށް ފަހު އަލުން ފިލްމު ކުޅެއް ފެށުމުން ކޮންމެވެސް ވަރެއްގެ އުދަނގޫތަކެއް ކުރިމަތިވި ކަމަށެވެ. އޭނާއަށް އެންމެ އުނދަގޫވީ އައްޑޫ ބަސް ނޫން ބަހަކުން ވާހަކަ ދައްކަން ޖެހުމެވެ. އެހެންވީމަ ފުރަތަމަ ކޮޅު ވަރަށް ބޮޑަށް އުނދަގޫ ވެގެންދިޔަ އެވެ.


"ކުދިކުދި އުނދަގޫތައް އަސްލު ދިމާވި، އެންމެ އުނދަގޫވީ ޑައިލޮގު ކިޔަން. މި އުޅެނީ މުޅިން ވެސް އައްޑޫގައި. އެހެންވީމަ މުޅިންވެސް ވާހަކަ ދައްކަނީ އައްޑޫ ބަހުން. އެހެންވީމަ ކުއްލިއަކަށް މުޅިން އެ ނޫން ގޮތަކަށް ވާހަކަ ދައްކަންވީމަ އަސްލު އުނދަގޫވި. އެ ނޫނީ އެހެން އެއްވެސް ކަމެއް ދިމައެއް ނުވޭ."

"ނީނާ" ގައި ކުރެވުނު މަސައްކަތްތަކާމެދު މަރިޔަމް ރަޝީދާ ހުރީ އުފަލުންނެވެ. އެކްޓިންނާ ދޭތެރޭ ވެސް އޭނާ ހިތްހަމަޖެހެ އެވެ. އެހެންވީމަ 30 އަހަރު ފަހުން ނަމަވެސް އަލުން ސްކްރީނަށް އޭނާ އެ އަންނަނީ ހިތްހަމަ ޖެހުމާއެކު ގައެވެ.

މަރިޔަމް ރަޝީދާ ވަނީ "ނީނާ" އިން ދިން ފުރުސަތަށް އިއްލެއަށް ޝުކުރު އަދާކޮށްފަ އެވެ.

"ވަރަށް ތަފާތު ޑައިރެކްޓަރެއް އިއްލެއަކީ، ވަރަށް ރަނގަޅު، ހަމަ ވަރަށް ރަނގަޅު،" މަރިޔަމް ބުންޏެވެ.

އޭނާ ހުރީ ދެންވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ގޮތަށެވެ. ނަމަވެސް އެކަން ކުރެވޭނީ އޭނާ ދިރިއުޅޭ އައްޑޫ ސިޓީގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނަމަ ނުވަތަ އެހެން ތާކަށް ގެންދިއުމާއި، ހުރުން ފަދަ ހަރަދުތައް ފިލްމުގެ ކްރޫއިން ކުރާނަަމަ އެވެ.

ތިރީސް އަހަރު ފަހުން އަލުން މަރިޔަމް ރަޝީދާގެ ފިލްމެއް ބަލާލަން ލިބެނީ އެވެ. ނަމަވެސް މަރިޔަމް ރަޝީދާއަކީ ދިވެހި ފިލްމީ ދާއިރާގެ ގަދަ ނަމެކެވެ. ހާއްސަކޮށް މިސްރުގެ ކުޅަދާނަ އެކްޓަރު ފާރޫގް އަލް ފިޝަވީއާއެކު ކުޅުނު "ޔޫސުފް އެންޑް ޒައިނަބު" އެއީ އޭގެ ހެއްކެކެވެ. އޭރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ.

އޭގެ ފަހުން ފުލުފުލުގައި ނިކުތް އޭނާގެ ކޮންމެ ފިލްމަކީ އޭރު ހިޓެކެވެ. "އިތުބާރު"، "ހާސިލް" އަދި "ލޭކަރުނަ" އަކީ އެންމެ ވަރުގަދަ ފިލްމުތަކެވެ.

އެ ފިލްމުތަކުގެ ތެރެއިން "އިތުބާރު" އަކީ ބެލުންތެރިން އެންމެ ބޮޑަށް މަރިޔަމް ރަޝީދާ ފާހަގަކުރި ފިލްމެވެ. މިއަދުވެސް އެ ފިލްމުގެ ބައެއް މުހިންމު ޑައިލޮގްތައް ދިވެހިން ހިތުދަހެވެ. ހާއްސަކޮށް "އޭ ބަލަ ލަތީފާ..." ޑައިލޮގެވެ. ކުޅަދާނަ ފިލްމީ ލެޖެންޑް ހާޖަރާގެ ރުޅިވެރިކަމުގެ ބަސްތައް "އިތުބާރު" ގައި އަމާޒުވަނީ އެ ފިލްމުގައި ލަތީފާގެ ރޯލް ކުޅެފައިވާ މަރިޔަމް ރަޝީދާއެވެ.

ޓީވީ މޯލްޑިވްސްގައި ޕްރަގްރާމް އެސިސްޓެންޓަކަށް އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު އަލުން އައްޑޫއަށް ބަދަލުވި ފަހުން މަރިޔަމް ރަޝީދާގެ ދިރިއުޅުން އޮތީ އެ ތަނުގައެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ކެރިއަރަކީ ފިލްމީ ދާއިރާއެވެ. އެހެންވީމަ އެ ދާއިރާއިން ނުފެނި ކިތަންމެ ދުވަހެއްވީނަމަވެސް ހިތް އޮތީ އެ ދާއިރާއާއެކުގައެވެ.