ދުނިޔެ

މެދުއިރުމަތީގައި ހަނގުރާމަވެރިންގެ ޖީލެއް އުފެދިދާނެ: ޔުނިސެފް

ސީރިޔާ، އިރާގު، ޔަމަން، ލީބިޔާ އަދި ސޫދާނުގައި ސްކޫލަށް ދާ އުމުރުގެ 34 މިލިއަން ކުދިން އުޅޭއިރު 13.7 މިލިއަން ކުދިން ސްކޫލަކަށް ނުދެއެވެ. މިހާރު ދާ ބާރުމިނުގައި ހަމަ ނުޖެހުން އިތުރުވަމުން ދާނަމަ ކުރިއަށް އޮތް މަސް ތަކުގައި މި ނިސްބަތް 50 ޕަސެންޓަށް އިތުރުވެދާނެ ކަމަށް ޔުނެސެފުން ލަފާކުރެއެވެ.

"މި ސަރަހައްދުތަކުގައި ޖީލެއް ގެއްލި ނުބައި މަގުން ހިނގައިދާނެ ކަމުގެ ބިރު މިވަނީ ހީވެފައި. މިހާރުން މިހާރަށް މިކަމާމެދު ފިޔަވަޅު ނޭޅިއްޖެނަމަ، ފަހުން ހިތާމަކުރަން ޖެހޭނެ." ޔުނިސެފްގެ ރީޖަނަލް ޗީފް ޕީޓަ ސަލާމާ ވިދާޅުވިއެވެ.

ޔުނިސެފުން ބުނާގޮތުގައި މި ސަރަހައްދުގެ ނުވަ ހާހެއްހާ ސްކޫލް ވަނީ ހަލާކުވެފައެވެ. ނުވަތަ ހަނގުރާމައިގާ ގެދޮރު ގެއްލޭ މީހުންގެ ބޯހިޔާވަހިކަމަށް ބޭނުން ކުރަން ޖެހިފައެވެ. އަދި ބައެއްފަހަރު ހަނގުރާމަވެރިންގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުކޮއްފައެވެ. ސީރިޔާގައި ކޮންމެ ހަތަރު ސްކޫލަކުން އެއް ސްކޫލް ކިޔަވާދޭކަށް ބޭނުމެއް ނުކުރެއެވެ. އަދި އެގައުމުގައި ފަންސާސް ހާސް ޓީޗަރުން މިހާރު ވަޒީފާއަކަށް ނުނިކުމެއެވެ.