އޮފްބީޓް

ދެ އަހަރު ލޯބިވެގެން އުޅެފައި ކުރި ކައިވެންޏަށް ވީ 12 ގަޑިއިރު

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ރަށެއްގައި ކައިވެނިކުރި ޒުވާން ޖޯޑެއް ކައިވެނިކުރިތާ އެންމެ 12 ގަޑިއިރު ތެރޭގައި އެ ގުޅުން ކަނޑާލައިފި އެވެ.

މި ދެ ޒުވާން ކައިވެނި ކޮށްފައިވަނީ ލޯބިވެގެން ދެ އަހަރަށް ވުރެ ގިނަ ދުވަހު އުޅެފަ އެވެ. ނަމަވެސް ރައްޓެހިވެގެން ދެ ޒުވާން ވޭތުކުރި ދެ އަހަރަކީ ވަރަށް ގިނަ ހުރަސްތަކާއި ކުރިމަތިވީ ދެ އަހަރު ކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ނަމަވެސް ހުރިހާ ހުރަހެއް ގިރާކޮށް ލޯތްބަށް ކާމިޔާބު ލިބި ކައިވެނިކުރިތާ އެންމެ ދުވަހެއް ވެސް ނުވަނީސް ދެ މީހުން ވަނީ ވަކިވެފަ އެވެ. މި އާދަޔާ ހިލާފު ހާދިސާއަކީ ހަމިރްޕޫރް ޑިސްޓްރިކްޓްގައި އޮންނަ މައުދަހާ އޭރިޔާގައި ހިނގި ކަމެކެވެ.

ކައިވެނިކުރި ޒުވާން އަންހެންމީހާ އާއި ފިރިހެންމީހާ ސަންދީޕް އަކީ އެއް ކުލާހެއްގައި ކިޔެވި ދެ މީހުންނެވެ. ނަމަވެސް އަންހެންކުއްޖާގެ އާއިލާއަށް އެ ކުއްޖާ ސަންދީޕް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުމުން ވަރަށް ރުޅިގަދަވެ ޖިންސީ ގޯނާކުރިކަމަށް ބުނެ ސަންދީޕް އާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅަން އަންހެންކުއްޖާ އަށް ޕްރެޝަރު ކުރަން ފެށި އެވެ.

އެންމެ ފަހުން މައިންބަފައިންގެ މަޖްބޫރުކުރުމުގެ ސަބަބުން އަންހެންކުއްޖާ މައްސަލަ ޖައްސައިގެން ސަންދީޕް ޖަލުގައި ބަންދުކުރި އެވެ. އެހިސާބުން އަންހެންކުއްޖާގެ ޚިޔާޅު ބަދަލުވެ މައްސަލަ އަނބުރާ ނެގީ އެވެ. މިކަމާ ރުޅިއައިސްގެން އަންހެންކުއްޖާގެ އާއިލާއިން އޭނާ ގެއިން ބޭރަށް ލުމުން އޭނާ ސަންދީޕްގެ ގެޔަށް ގޮސް އާދޭސްކޮށްގެން އެ އާއިލާއިން އޭނާއަކީ ޅީދަރިއެއްގެ ގޮތުގައި ގަބޫލުކުރީ އެވެ.

އަދި ހޯމަ ދުވަހު އަންހެންކުއްޖާ އާއި ސަންދީޕް ވަނީ ފައްޅިއަކަށް ގޮސް ކައިވެނިކޮށްފަ އެވެ. މި ކައިވެނިގެ ރަސްމިއްޔާތުގައި ބައިވެރިވީ ސަންދީޕްގެ އާއިލާއިން އެކަންޏެވެ. ނަމަވެސް ކައިވެންޏަށް އެންމެ ދުވަހެއް ވެސް ނުވަނީސް އަންހެންކުއްޖާ އަނެއްކާވެސް ހިޔާލު ބަދަލުވެ އެ ކައިވެންޏަށް ނިމުން ގެންނަން ބޭނުންވީ އެވެ.

އިރުއިރުކޮޅާ އަންހެންކުއްޖާގެ ހިޔާލު ބަދަލުވާތީ ހިތްހަމަނުޖެހިގެން ސަންދީޕް ވެސް އޭނާ އިތުރަށް ބަހައްޓާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ ކައިވެންޏާ ބެހޭ އޮފީހަށް ގޮސް ވަރިވާން އެދުނީ އެވެ.

ރިޕޯޓަރުންނާ ވާޙަކަ ދައްކަމުން ސަންދީޕް ބުނީ އަންހެންކުއްޖާގެ ހިޔާލު އިރުކޮޅަކާ ގޮތަކަށް ބަދަލުވާތީ އޭނާ މިހާރު ވަރަށް ފޫހިވެއްޖެ އެވެ. އޭނާ ކިތަންމެ ލޯބިވިޔަސް އަންހެންކުއްޖާއަށް އޭނާ ބޭނުންވާ ގޮތް ނޭނގޭތީ އިތުރަށް ދެން އޭނާއާއެކު އުޅެން ބޭނުން ނޫން ކަމަށް ވެސް ސަންދީޕް ބުންޏެވެ. އަދި ކައިވެންޏަށް ނިމުން އައިސް މިކަންތަކުން ސަލާމަތް ވެވުނީތީ މިހާރު އުފާކުރާ ކަމަށް ވެސް ސަންދީޕް ބުންޏެވެ.

ފުލުހުން މިހާރު ވަނީ އަންހެންކުއްޖާގެ އާއިލާއަށް ގުޅައި އޭނާ ގެންދިއުމަށް އަންގާފަ އެވެ.