ދުނިޔެ

މެލޭޝިއާގެ ބޮޑުވަޒީރު ކަމުން މަހާތީރު އިސްތިއުފާ ދެއްވައިފި

Feb 24, 2020
2

ކުއަލަ ލަމްޕޫރު (ފެބްރުއަރީ 24) - މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވިކަން ދާދި ދެންމެއަކު އިއުލާނު ކުރައްވައިފި އެވެ.

ވަރަށް ކުރުކޮށް ނެރުނު ބަޔާނެއްގައި މަހާތީރު ވިދާޅުވީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ގައުމުގެ ރަސްގެފާނަށް އަރުވާފައިވާ ކަމަށެވެ.

އަދި މަހާތީރުގެ ޕާޓީ ވެރިކަން ކުރާ ކޯލިޝަނުން ވަކިވެފައިވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.

ބޮޑުވަޒީރުކަމުން މަހާތީރު އިސްތިއުފާ ދެއްވާފައިވަނީ، އަންވަރު އިބްރާހިމް އާއެކު ހިޔާލުތަފާތުވެ، އެހެން ކޯލިޝަން ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރާކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރީ އަންވަރާއި މަހާތީރު އެކުގައި ނުކުންނަވައި އުފެއްދި ކޯލިޝަނެއްގެ ތެރެއިންނެވެ. އޭރު އެއްބަސްވެފައިވަނީ، ދައުރުގެ މެދު ތެރެއިން އަންވަރާ ވެރިކަން ހަވާލުކުރުމަށެވެ.

ނަމަވެސް، އެކަން އެގޮތަށް ނުކޮށް އާ ކޯލިޝަނެއް ހަދައިގެން މަގާމުގައި ދެމިހުންނަން މަހާތީރު ރާވަމުންދާކަމުގެ ތުހުމަތު އަންވަރު ދާދި ފަހުން ވަނީ ކުރައްވައިފަ އެވެ.