ވިޔަފާރި

އުރީދޫ އާއްމު އާއްމު ހިއްސާދާރުންގެ ޑިރެކްޓަރު ހޮވާނީ އީ-ވޯޓުން

އަންނަ މަހު އޮންނަ އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރު ހޮވާނީ އިލެކްޓޯނިކް ވޯޓިން (އީ- ވޯޓް) އަކުން ކަމަށް ބުނެފި އެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މާޗް ދެވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ އެޖެންޑާ އައިޓަމް 10، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން" ގެ ވޯޓުލުން ކުރިއަށް ދާނީ އިލެކްޓްރޮނިކް ވޯޓިންގ (އީ-ވޯޓިންގ) ގެ ގޮތުގައި ކަމަށެވެ. މިގޮތަށް ވޯޓުދިނުމުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް އެއް ވޯޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ ފައިދާ އިން ހިއްސާއަކަށް 3.30ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފަ އެވެ. އުރީދޫ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 3.30ރ. ބަހަން ނިންމިއިރު، މިދިޔަ އަހަރު ބަހާފައި ވަނީ 3.22ރ. އެވެ.

އުރީދޫ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 550 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުގައި ލިބިފައިވަނީ 488 މިލިއަން ރުފިޔާ އެވެ. އަދި މި މުއްދަތުގައި އުރީދޫގެ ސާފު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަޑް 174 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 131 މިލިއަން ރުފިޔާ އެވެ. މި ފައިދާއަކީ ގާތްގަނޑަކަށް 32 ޕަސެންޓުގެ އިތުރު ވުމެކެވެ.

ދެހާސް ފަސް ވަނަ އަހަރު ވަތަނިއްޔާ ޓެލެކޮމްގެ ނަމުގައި ހިދުމަތް ފެށި މިހާރުގެ އުރީދޫ މޯލްޑިވްސްއަކީ ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާ އާއި އާއްމު ހިއްސާދާރުގެ 9.5 ޕަސެންޓް ހިއްސާއާއެކު އުފައްދާފައިވާ ކުންފުންޏެކެވެ. "އުރީދޫ" ގެ މާނައަކީ އަހަރެން ބޭނުމެވެ.