ދުނިޔެ

ހަންގޭރީގައި ތާށިވެފައި ތިބި ސީރިޔާ ރެފިއުޖީން އޮސްޓްރިއާއަށް

Sep 5, 2015

މިދިޔަ ދުވަސްތަކުގައި ހަންގޭރީން ވަނީ ރެފިއުޖީންނަށް ރޭލަށް އެރުން މަނާކޮށް އެމީހުން ހުއްޓުވާފައެވެ. ރެފިއުޖީން މި ރޭލު ބޭނުން ކުރަނީ ޔޫރަޕްގެ އުތުރާއި ހުޅަނގަށް ދިއުމަށެވެ. މި މައްސަލަ ހައްލު ކުރުމަށް ހަނގޭރީން އެންމެފަހުން ނިންމީ ބަސްތަކުގައި ރެފިއުޖީން އޮސްޓްރިއާ ބޯޑަރާ ހިސާބަށް ގެންގޮސްދިނުމަށެވެ.

ހަންގޭރީން މިގޮތަށް ނިންމީ އިއްޔެ ރެފިއުޖީންނާއި ފުލުހުންގެ މެދުގައި ހަމަނުޖެހުން ހިނގައި ރޭލަށް ނޭރުވުމުން ބައެއް ރެފިއުޖީން ފައިމަގުގައި އޮސްޓްރިއާ ބޯޑަރާދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށެވެ. މިގޮތަށް ނައްޓާލި ރެފިއުޖީން ނެގައި އެމީހުންވެސް ބޯޑަރާ ހަމައަށް ގެންގޮސްދިނުމަށް މިހާރު ވަނީ ވެހިކަލްތައް ފޮނުވާފައެވެ.

އޮސްޓްރޭލިއާއަށް އެތެރެވި ތިންހާހެއްހާ ރެފިއުޖީންނާއި ހަވާލުވީ ރެޑްކްރޮސް އިންނެވެ. އޮސްޓްރިއާ އިން ބުނެފައިވަނީ ރެފިއުޖީންނަށް އެގައުމުން ހިމާޔަށް ދޭނެ ކަމަށާއި އަދި އެގައުމު ހުރަސްކޮށް ޖަރުމަނަށް ދާން ބޭނުންވާ ރެފިއުޖީންނަށް އެފުރުސަތުވެސް އޮންނާނެ ކަމަށެވެ.

ހަންގޭރީން ބުނީ ކުރިއަށް އޮތްތާންގައި ރެފިއުޖީން އުފުލުމަށް މިގޮތަށް ބަސް ދަތުރުތައް ނުބާއްވާނެ ކަމަށާއި މިއަދު އެގޮތަށް ކަންކުރީ ރެފިއުޖީންގެ ސަލާމަތާމެދު ކަންބޮޑުވާ ހިސާބަށް ކަންކަން ގޯސްވުމުން ކަމަށެވެ.

މިފަހަކަށް އައިސް ޔޫރަޕްގެ ގައުމުތަކަށް އެތެރެވާ ރެފިއުޖީން އެތައް ގުނައެއް އިތުރުވެފައި ވާއިރު، ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ރެފިއުޖީންނާއި މެދު ކަންކުރާނެ ގޮތަކާމެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.