ހަބަރު

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ އެކްޝަން ޕްލޭން ކެބިނެޓުން ފާސްކޮށްފި

މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގޮތުން ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ސަރުކާރުގެ ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ކެބިނެޓުން މިއަދު ފާސްކުރި އެކްޝަން ޕްލޭނަކީ ޑިފެން މިނިސްޓްރީގެ ސްޓިއަރިން ކޮމިޓީން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ. އެ ޕްލޭންގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސް ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.

އެ އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި މި މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކް ކުރުން މާނަ ކުރާ ގޮތް އދ. ގެ ޓިޕް ޕްރޮޓޮކޯލްގެ މަނާކޮށްފައިވާ ގޮތަށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން ހިމެނެ އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭ އިތުރު އިސްލާހުތައް ގެނައުމާއި، އެ ކޮމިޓީ ހިންގުމަށްޓަކައި އެންޓި-ޓިޕް އޮފީހެއް ގާއިމް ކުރުން ވެސް ހިމެނެ އެވެ. އަދި މީހުން ޓްރެފިކް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރުމުގެ ގޮތުން ހާއްސަ ހޮޓްލައިނެއް އަލުން ގާއިމު ކުރުން ވެސް އެ ޕްލޭންގައި ހިމެނެ އެވެ.

މީގެ އިތުރުން ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓާކުރުން އިތުރު ކުރުމާއި، ތަހުގީގުތަކުގެ އަދަދު އިތުރު ކުރުމާއި ދައުވާ އުފުލުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އިޖުމާއީ ހިދުމަތްތައް ދޭ ފަރާތްތަކަށް އަމާޒުކޮށް މަސައްކަތު ބައްދަލުވުންތައް ހިންގަން ވެސް ޕްލޭންގައި ކަނޑައަޅާފައިވެ އެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އދ. އިން ފާހަގަ ކުރާ ވޯލްޑް ޑޭ އެގެއިންޓްސް ޓްރެފިކިން އިން ޕާސަންސްގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށުމަށް ވެސް ނޭޝަނަލް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވެ އެވެ.

ސަރުކާރުގެ ކެބިނެޓުން މިއަދު ފާސްކުރި އެކްޝަން ޕްލޭން ހިނގާނެ މުއްދަތު ކަމުގައި އެ ޕްލޭންގައި ކަނޑައަޅާފައި އޮތީ މި އަހަރު މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.