ހަބަރު

އަޑު ނީވޭ މީހުނަށް އުރީދޫ އިން "މަށާއެކު"

ރާއްޖޭގެ ޑެފް ކޮމިއުނިޓީއަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫއިން "މަށާއެކު" މި ނަމުގައި ތައާރަފު ކޮށްފި އެވެ.

އުރީދޫގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ އާ ޕެކޭޖްް، "މަށާއެކު" ތައާރަފު ކޮށްދެއްވީ ޑެފް އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރު، އަހުސަން އަބަދުއް ރަހްމާނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖަރު ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރު އެވެ.

މި ޕެކޭޖް ތައާރަފް ކޮށްފައިވަނީ އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޑެފް ކޮމިއުނިޓީ ތެރޭގައި އެންމެ ގިނައިން ބޭނުންކުރަނީ ވީޑިއޯ މެސެޖާއި ވީޑިއޯ ކޯލްސް ކަމުން، އަޑު އިވުމުން މަހްރޫމް ވެފައިވާ މީހުނަށް އިތުރު ޑޭޓާ ބޭނުން ކުރަން ޖެހޭތީ އެވެ.

"މަށާއެކު" ޕެކޭޖަކީ އެ މީހުނަށް އޮތް ގޮންޖެހުންތައް ދެނެގަނެ ފަސޭހަ ކަމާއެކު މުއާމަލާތު ކުރަން ގެނައި ޕެކޭޖެއް ކަމަށާއި މި ޕެކޭޖްގެ ތެރެއިން ކަސްޓަމަރުންނަށް، "އެކު ޕޯސްޓްޕެއިޑް" ގެ އެކުލެވިފައި ފައިދާތަކުގެ އިތުރުން ވައިބާ އާއި ވަޓްސްއަޕް މެދުވެރިކޮށް ވިޑިއޯ ކޯލްސް ހިލޭ ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އެކު ޕޯސްޓްޕެއިޑަކީ މާކެޓުގައި މިހާރު އެންމެ ބޮޑު އެލަވަންސްއެއް ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖެވެ.

މީގެ އިތުރުން، އުރީދޫން ޑެފް އެސޯސިއޭޝަން އާއި ގުޅިގެން އަޑުއެހުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އުރީދޫގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން ފަސޭހަ ކޮށްދީ ގުޅުން އިތުރަށް ދެމެހެއްޓުމަށް އެކުންފުނީގެ ކަސްޓަމާ ސާވިސްގެ 15 މުވައްޒަފުން ބޭސިކް ސައިން ލެންގުއޭޖަށް ތަމްރީނު ކޮށްފައި ވެއެެވެ.