ހަބަރު

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖޭން ވާދަކުރަނީ

Feb 25, 2020
2

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރަން ނިންމާފައި ވާކަން އިއުލާނު ކޮށްފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި މިއަދު ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި އެކަން އިއުލާނު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ރާއްޖޭން ކުރިމަތިލާން ނިންމާފައި ވަނީ 2023 އާއި 2025 އަށް ދެމިގެންދާ ދައުރަށެވެ. އެ ދައުރުގެ އިންތިހާބު އޮންނާނީ 2020 ވަނަ އަހަރެވެ.

އެ ބައްދަލުވުމުގައި ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވައި، މެމްބަރު ގައުމުގެ އަޑު އުފުލައިދޭނެކަމުގެ ޔަގީންކަން އަރުވާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ރާއްޖެ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ފުރިހަމަކޮށްފައި އެވެ.

އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްގުތަކާބެހޭ ހުރި ގުޅުން ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ. މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޮ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔަ އެވެ.