ދުނިޔެ

މަހާތީރުގެ އިސްތިއުފާއާއެކު މެލޭޝިއާ ސުވާލެއްގެ ތެރެއަށް

Feb 25, 2020

ކުއަލަ ލަމްޕޫރު (ފެބްރުއަރީ 25) - އިއްޔެ ވަރަށް ކުއްލި ގޮތަކަށް ބޮޑުވަޒީރު މަހާތީރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމާއެކު، 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިއާގެ ސިޔާސީ މުސްތަގުބަލާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިއްޖެ އެވެ.

މެލޭޝިއާގެ ރަސްގެފާނުގެ އެދިވަޑައިގަތުމަކަށް ވަގުތީ ގޮތުން ބޮޑުވަޒީރުގެ މަގާމުގައި އަދި މަހާތީރު ހުންނެވި ނަމަވެސް، އެ ގައުމުގެ އާ ލީޑަރެއް އައްޔަން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.

ނަމަވެސް، ގިނަ ބައެއްގެ ސިކުނޑީގައި އެނބުރެނީ އެންމެ ސުވާލެކެވެ. އަނެއްކާވެސް އެހެން ކޯލިޝަނެއްގެ ދަށުން 94 އަހަރުގެ މަހާތީރު ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާނެތޯ، ނޫނީ ދައުރުގެ މެދު ތެރެއިން އެމަނިކުފާނު ބޮޑުވަޒީރުކަން ދެއްވަން އެއްބަސްވެވަޑައިގެންނެވި އަންވަރު އިބްރާހިމަށް ހިޔާލު ތަފާތުވުން ބޮޑު ސިޔާސީ ޕާޓީތަކުގެ ތާއީދު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންނެވޭތޯ އެވެ.

އެކަމަކު މިހާރު މެލޭޝިއާގެ ޕާލިމަންޓު އުވާލައި، އަލުން އިންތިހާބަކަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެއް ބަޔަކު ގަބޫލު ކުރެ އެވެ.

މެލޭޝިއާގެ ރަސްގެފާނު ގެންދަވަނީ އެ ގައުމުގެ ޕާލަމަންޓުގެ 222 މެންބަރުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ތާއީދު އޮތީ ކޮން ބޭފުޅަކަށްތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މެލޭޝިއާގެ ކެބިނެޓް ވެސް މިހާރު އުވިފައިވާއިރު، ވަގުތީ ގޮތުން މަހާތީރު ސަރުކާރު ހިންގަވާނީ އެ ގައުމުގެ ސިވިލް ސާވަންޓުންގެ އެހީގައި ކަމަށް ރަސްގެފާނުގެ ތަރުޖަމާނަކު މީޑިއާއަށް ވަނީ ވިދާޅުވެފަ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މަހާތީރު މިހާރު ގެންދަވަނީ އެކި ޕާޓީތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވަމުންނެވެ. އޭގެ ތެރޭގައި އަންވަރު ވެސް ހިމެނިވަޑައިގަންނަވާއިރު، އެއްބައިވަންތަކަމުގެ އާ ސަރުކާރެއް އުފެއްދުމުގެ އަޑުތައް ވެސް ދަނީ އިވެމުންނެވެ. ނަމަވެސް، އެ ފަދަ ސަރުކާރެއްގައި މަހާތީރު ބައިވެރި ކުރައްވާނީ ކޮން ޕާޓީތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ހާއްސަކޮށް މަހާތީރާއެކު ކޯލިޝަނެއް ނުހަދާނެ ކަމަށް އެ ގައުމުގެ މައި އިދިކޮޅު ޕާޓީން ބުނެފައިވާތީ އެވެ.

ބޮޑުވަޒީރު ކަމުން މަހާތީރު އިސްތިއުފާ ދެއްވާފައި ވަނީ، އަންވަރު އިބްރާހިމާ ދެމެދު ހިޔާލުތަފާތުވެ، އެހެން ކޯލިޝަން ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރާކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރީ އަންވަރާއި މަހާތީރު އެކުގައި ނުކުންނަވައި އުފެއްދި ކޯލިޝަނެއްގެ ތެރެއިންނެވެ. އޭރު އެއްބަސްވެފައި ވަނީ، ދައުރުގެ މެދު ތެރެއިން އަންވަރާ ވެރިކަން ހަވާލު ކުރުމަށެވެ.

ނަމަވެސް، އެކަން އެގޮތަށް ނުކޮށް އާ ކޯލިޝަނެއް ހަދައިގެން މަގާމުގައި ދެމިހުންނަވަން މަހާތީރު ރާވަމުންދާކަމުގެ ތުހުމަތު އަންވަރު ދާދި ފަހުން ވަނީ ކުރައްވާފަ އެވެ.