ޔޫއެން

ރޮހިންޔާ މުސްލިމުންގެ ދިފާއު: އާމާލް ކްލޫނީއާއެކު ރާއްޖެ ތަދުއްހުލުވަނީ

Feb 25, 2020
4

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާގެ މުސްލިމުން ހިމާޔަތްކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިހަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދުއްހުލު ވާނެ ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފި އެވެ.

މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލު ވަކީލެއްކަމަށްވާ އާމާލް ކްލޫނީ އެވެ. -- އޭނާގެ ފީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ އެ މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތް ކުރައްވާ ވަގުތުގެ ކޮންމެ ގަޑިއިރަކަށް 30،000.00 ރުފިޔާ ފީއެއް ދޭކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ދަ ގެމްބިއާއިން އިސްލާމީ ޤައުމުތަކުގެ ފަރާތުން މިދިޔަ އަހަރު އދ. އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން ޝާހިދު އިއުލާންކުރެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ބައިނަލްއަޤްވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށެވެ. އަދި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ނުކުންނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓަށް ފެންނަ ކަމަށާއި އަވަސް މުސްތަގުބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އެ ކޯޓަށް ލިޔުން ހުށަހަޅާނެކަމަށެވެ.

މި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު" ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެ ގައުމަށް އަމުރު ކޮށްފަ އެވެ. އަދި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ ޕެނަލުން ވަނީ ނިންމާފަ އެވެ.

ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ ހަ މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.