ބޮލީވުޑް

އަމީތާބް މޮޅުކަމުން "ގުލާބޯ ސިޓާބޯ"ކުޅެން އުނދަގޫވި: އަޔުޝްމާން

އަމީތާބް ބައްޗަން އާއެކު އަޔުޝްމާން ކުރާނާ ކުޅޭ ފިލްމް ފިލްމު "ގުލާބޯ ސިޓާބޯ"ގެ މަސައްކަތް އަޔުޝްމާން މިހާރު ކުރަމުންދާއިރު އަމީތާބާއެކު ޝޫޓްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ބުނެ އެވެ. ސަބަބަކީ އަމީތާބު މޮޅުކަމާއި ކުޅަދާނަ ކަމުންނެވެ.

އަޔުޝްމާން އަކީ ވެސް ލިބޭ ކޮންމެ ރޯލަކަށް ފުރިހަމައަށް އިންސާފުކުރާ މޮޅު އެކްޓަރެކެވެ. އެއީ އަންހެންހެދުން އަޅައިގެން ކުޅެން ޖެހޭ ރޯލެއް ނަމަވެސް އަދި އެނޫންވެސް އާދަޔާޚިލާފު އެތައް ކެރެކްޓާއެއް ވަރަށް ފުރިހަމައަށް އަޔުޝްމާން ކުޅެފައި ވެއެވެ.

އަމީތާބާއި އަޔުޝްމާންގެ "ގުލާބޯ ސިޓާބޯ"އަކީ ވަރަށް މަދުން ނޫނީ މީހުންނަށް އަޑުވެސް އިވިފައި ނުވާ ކަހަލަ ޚާއްސަ ޕްލޮޓަކަށް އުފައްދާ ފިލްމެކެވެ.

ޕީޓީއައި އަށް ދީފައިވާ އިންޓަވިއު އެއްގައި އަޔުޝްމާން ވަނީ "ގުލާބޯ ސިޓާބޯ"ގެ މަސައްކަތާ ބެހޭ ގޮތުން އިތުރު ތަފްސީލުތަކެއް ހިއްސާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމުގައި އަމީތާބު ކުޅެނީ އޭނާގެ ކެރެކްޓާ ދިރިއުޅޭ ގޭގެ ވެރިމީހާގެ ރޯލެވެ. ކުއްޔަށް އުޅޭ މީހާއައި ގޭގެ ވެރިމީހާ ތިބެނީ ވަރަށް ބޮޑަށް ޖެހިފަ އެވެ. އަދި ވަރަށް ކުދިކުދި ކަންތައްތަކާ ވެސް އެމީހުން ވާ އަރާރުން ވަރަށް މަޖާވާނެ ކަމަށް އޭނާ ބުންޏެވެ.

ފެމެލީ ކޮމެޑީ މި ފިލްމުގައި ފެނިގެން ދާނީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އާދައިގެ މީހަކު އުޅެން ޖެހޭ ގޮތެވެ. އަޔުޝްމާން ބުނި ގޮތުގައި އަމީތާބަކީ އޭނާ ކުޅޭ ކޮންމެ ރޯލަކަށް ވެސް ދުރާލަ ވަރަށް ފުރިހަމަޔަށް ތައްޔާރުވާ އެކްޓަރެކެވެ.

އެހެންކަމުން އަމީތާބާއެކު އެކްޓްކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އަނެއް މީހާ ކިޔަން ޖެހޭ ޑައިލޯގަށް ދަންދެން އަމީތާބު ހިތުދަސްކޮށްގެން ހުންނާތީ އެވެ. އެހެންވެ އަމީތާބާއެކު ޝޫޓް ކުރަންޏާ ވަރަށް ވިސްނައިގެން ފަރުވާތެރިކަމާއެކު ކޮންމެ އެކްޓަރަކަށް ވެސް މަސައްކަތް ކުރަން މަޖްބޫރުވާނެ އެވެ.

"ގުލާބޯ ސިޓާބޯ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް 17 ވަނަ ދުވަހު އެވެ.