ހަބަރު

އަމީންގެ ޖަވާބު ނަޝީދަށް ކަމަކު ނުދިޔަ

Feb 26, 2020
28

މަކުނުދޫ ދާއިރާގެ ސިއްހީ މަރުކަޒާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުން މަޖިލީހުގައި ދެއްވި ޖަވާބާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅު ކުރައްވައިފި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މިއަދު މިނިސްޓަރާ ސުވާލު ކުރެއްވީ މަކުނުދޫގައި އަންހެނުންނަށާއި ކުޑަ ކުދިންނަށް ހާއްސަ ޑޮކްޓަރެއް ބަހައްޓާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފައިވީ ނަމަވެސް ސަރުކާރުގެ އެއް އަހަރު ނިމުނު އިރު ރަަށަށް ޑޮކްޓަރު ނުފޮނުވާ އޮތުމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މަކުނުދޫގެ ސިއްހީ މަރުކަޒުގައި ހުރީ ޑޮކްޓަރަށް ދައްކާ އެންމެ ކޮޓަރިއެއް ކަމަށާއި އަންހެނުންނާއި ކުޑަ ކުދިންނަށް ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ދޭނަމަ އިތުރު ޖާގައެއް އެ ސިއްހީ މަރުކަޒަށް ބޭނުންވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ފައިސާ ހަމަޖައްސާފައި ނުވުމުން އެކަން ނުކުރެވުނު ކަމަށާއި ނަމަވެސް މި އަހަރު ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތަކާ އެކަން ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހު ކައުންސިލްތަކާ ހަވާލު ކުރައްވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"ޑޮކްޓަރު ކަންތަކުގައި އެންމެ ބޮޑު ދައްޗަކަށްވީ ހަގީގަތުގައި ވެސް ޖާގައިގެ ދަތިކަން. ހާއްސަކޮށް އަންހެނުންގެ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށްދޭ ކަމަށްވާނަމަ ޖާގަ ހުރެގެން ވަސީލަތް ހުރެގެން ފޯރުކޮށް ދެވޭނީ،" އަމީން ވިދާޅުވި އެވެ. "ހަމައެކަނި ޑޮކްޓަރެއް އެ ރަށަށް ފޮނުވާފައި ބެހެއްޓުމަކުން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަހިވެގެން ނުދާނަމަ އުދާސްކަން ބޮޑުވާނެ،"

މިނިސްޓަރަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެތައް ފަހަރަކު މަކުނުދޫ ސިއްހީ މަރުކަޒަށް ވަޑައިގެންނެވި ކަމަށާއި އެތަނުގައި ޑޮކްޓަރަކު އިށިންދެގެން އިންނާނެ ތަނެއް އެބަހުރި ކަމަށެވެ. އަދި އެތަނުގެ ވިހާ ކޮޓަރީގައި މިދިޔަ 10 އަހަރު ވެސް މީހަކު ވިއްސާފައި ނުވާ ކަމަށާއި ނަމަވެސް ފުރިހަމައަށް ހުރި ވިހާ ކޮޓަރިއެއް އެބަހުރި ކަަމަށެވެ.

"ކޮންސަލްޓޭޝަން ކޮޓަރިއެއް މަކުނުދޫގައި ނެތިގެން އަޅުގަނޑު ހިތް ބުނަނީ އެއީ އެތަނުގައި އެ ހިދުމަތް ނުދެވޭންވީ ސަބަބެއް ކަމަށް މި މަޖިލީހުގައި ފާހަގަވުމަކީ މުޅިން ރަނގަޅު ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ފިޝަރީޒް މިނިސްޓަރު ޒަހާ އަހުމަދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅާ މެދު ވެސް ރައީސް ނަޝީދު ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.