ދުނިޔެ

އެތައް ބަޔެއްއްގެ ހާޒިރުގައި އަލާންގެ ހަށިގަނޑު ވަޅުލައިފި

ތުރުކީ ބޯޑަރު ހުރަސްކޮށް އަލާން ގެ އާއިލާގެ އަވަށް ކޮބޭން އަށް ސަންދޯއްތައް ގެނައީ އޭނާގެ ބައްޕަގެ ހާޒިރުގައެވެ. ސަންދޯއްތައް ވަޅުލުމަށް ގެންދިޔައިރު ހެޔޮއެދޭ އެތައް ބަޔަކާއި ނޫސްވެރިން އެއްވެފައި ތިއްބެވެ. ކޮބޭން އަކީ އައިއެސްގެ ހަމަލާތައް އެތައް ފަހަރަކު އަމާޒުވެފައިވާ ކުރުދީންގެ އަވަށެކެވެ.

ތިން އަހަރުގެ އަލާން އާއި އޭނާގެ ބޭބެއާއި މަންމަ ގެނބިގެން މަރުވީ ތުރުކީން ފުރައިގެން ގްރީކްގެ ރަށަކަށް ދަތުރު ކުރަނިކޮށެވެ. އަލާންގެ ހަށިގަނޑު ތުރުކީގެ ގޮނޑުދޮށަކަށް ލައްގާފައި ވަނިކޮށް ނަގާފައިވާ ފޮޓޯތައް ވަނީ އިންޓަނެޓުގައި ފެތުރި މުޅި ދުނިޔޭގެ ސަމާލުކަން ސީރިޔާގެ ރެފިއުޖީންގެ މައްސަލައަށް ލިބިފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ޔޫރަޕްގެ ގައުމުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ އެ ގައުމުތަކަށް ފާޑުކިޔުން އަމާޒު ވެފައެވެ.

ހަނގުރާމައިގާ ސުންނާފަތިވަމުންދާ ސީރިޔާގެ އެތައް ބަޔަކު ދަނީ އަމާން ދިރިއުޅުމެއްގެ އުންމީދުގައި ޔޫރަޕަށް އެތެރެ ވަމުންނެވެ. އަދި ޔޫރަޕަށް ދަތުރުކުރަނިކޮށް އެތައް ހާސް ބަޔަކު މިއަހަރު ވަނީ ކަނޑުވެ މަރުވެފައެވެ.