އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގް މެޗުގައި ޑާކާ އަބަހަނީއާ ދެކޮޅަށް ކުޅުނު މެޗުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މާޒިޔާގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝުޒޭރު (ކޮއްކޮ) އެއް މެޗަށް ސަސްޕެންޑް ކޮށް 1000 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.
ބަނަގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާލޭގައި މި މަހުގެ 12 ވަނަ ދުވަހު ކުޅުނު މެޗުގައި، އަބާހާނީގެ ކުޅުންތެރިންނާއި މާޒިޔާގެ އޮފިޝަލުންނާ ދެމެދު ކުރިމަތިލުމެއް ހިނގި އެވެ. މެޗުގެ ފަހު ކޮޅު، މާޒިޔާގެ ބެންޗާ ދިމާލުން ބޯޅަ ބޭރަށް ދިއުމުން، އެ ބޯޅަ ނަގަން ދިޔަ އަބަހާނީގެ ކުޅުންތެރިޔާ މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮސްކީ އާ ދިމާކޮށްލި އެވެ. އެއީ އޭނާ ބޯޅަ ނަގަން ދިޔައިރު ސެކްލޮސްކީ ހުރި ހިސާބުން އޭނާއަށް އުނދަގޫވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އަބާހަނީގެ ކުޅުންތެރިންނާއި މާޒިޔާގެ ބެންޗުގައި ތިބި އެ ޓީމުގެ އޮފިޝަލުންނާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެ މެޗުގައި ޝުޒޭރު ބެންޗުން ފޮނުވާލި އެވެ.
އޭއެފްސީގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީން އިއްޔަ ބޭއްވި ބައްދަލުވުމުގައި ޝުޒޭރުއަށް އަދަބު ދޭން ނިންމި ސަބަބު ކަމަށް، ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓްގައި ވަނީ، އެދުވަހުގެ ހަމަނުޖެހުންތަކުގައި އަބާހަނީގެ ކުޅުންތެރިންނާ ދިމާލަށް ބޭއަދަބީ ބަހުން ޝުޒޭރު މުހާތަބު ކޮށްފައިވާ ކަމަށެވެ.
އޭއެފްސީގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޯޑްގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝުޒޭރު އެއް މެޗަށް ސަސްޕެންޑް ކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފަ އެވެ. އެއީ އެދުވަހުގެ ބެންޗުގައި ބެންޗުން ފޮނުވާލުމުން ޖެހިގެން އަންނަ މެޗުގައި އޮޓޮމެޓިކް ސަސްޕެންޝަންގެ އިތުރުން އިތުރު އެއް މެޗަށެވެ.
ޕްލޭއޮފް ފުރަތަމަ ލެގް މެޗުގައި، މިދިޔަ ބުދަ ދުވަހު މާލޭގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ސަސްޕެންޑް ކޮށްފައިވުމުން އޭއެފްސީން މާނަ ކޮށްފައި ސަސްޕެންޝަންގެ އަދަބު އޭނާ ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެހެންވެ މިއަދު ބެންގަލޫރުގައި ކުޅޭ މެޗަށް ބެންޗުގައި ހުރުމަށް އޭނާއަށް އެއްވެސް ހުރަހެއް ނެތެވެ.
ޝުޒޭރުގެ މައްޗަށް ކޮށްފައިވާ 1000 ޑޮލަރު (15،420 ރުފިޔާ) 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އަންގާފައި ވެއެވެ.
ޝުޒޭރުގެ މައްޗަށް އައި އަދަބަކީ، އޭއެފްސީ ކަޕްގެ މާޒިޔާ ވާދަ ކުރަން ފެށި ފަހުންވެސް އެ ޓީމުގެ އޮފިޝަލަކަށްވެސް ކުރިމަތި ކުރި ފުރަތަމަ އަދަބެވެ.