ދުނިޔެ

ސީރިއާގެ ހާލަތު: ވަރަށް ކުރުކޮށް، އެކަމަކު ހިތިކޮށް

މިދިޔަ ހަފުތާ އަކީ ސީރިއާގެ ރެފިއުޖީންގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަންޑުންވި ހަފުތާއެކެވެ. ސީރިއާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ޔޫރަޕުން ހިމާޔަތް ހޯދަން މަސައްކަތްކުރ އެތައް ބަޔަކު ކަނޑުވެ މަރުވެގެން ދިޔައިރު މި ވާހަކައެއް އަޑުއެހި އެތައް ބަޔަކު ވެސް ވަނީ ފުން ހިތާމައެއްގެ ތެރެއަށް ގަނބައިގެން ގޮސް މަރުވެފަ އެވެ.

އެހެންވީމަ ސީރިއާގެ މިއަދުގެ ހާލަތަށާއި އެގައުމުގެ ރައްޔިތުން އުޅެން ޖެހިފައިވާ ބިކަ ހާލަށް އަދި މި ހާލެއް އެމީހުންނަށް ޖެއްސި ގެއްލުން ބޮޑު ދާޚިލީ ހަނގުރާމަ އަށް ކުރުގޮތަކަށް ބަލައިލަމާ ހިނގާށެވެ. އެކަމަކު މި ވާހަކަ އެއްވެސް ފޮންޏެއް ނޫނެވެ.

ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ދަމައިގަނެގެންގޮސް ސީރިއާ ސުންނާފަތިވަމުން އަންނައިރު ފާހަގަކޮށްލަން ޖެހެނީ މިއީ މިފަދަ ތަޅާފޮޅުންތަކަށް އާންމު އަދި ވަރަށް "ޒުވާން" ގައުމެއް ކަމެވެ. ޔޫރަޕްގެ ބާރުތަކުން ސީރިއާގައި ސަރަހައްދީއިމެއް ގާއިމުކޮށްދިނީ 1920ގެ އަހަރުތަކުގަ އެވެ.

ސީރިއާ އުފެދިފައި ވަނީ ތަފާތު އެކި މަޒުހަބުތަކުގެ މީހުން އެކުގައި ބަންދުވެފައިވާ ތަނެއްގެ ގޮތުގަ އެވެ.

މީގެ ތެރެއިން ނިކަން ބައި މަދު މަޒުހަބެއް ކަމުގައިވާ ޝިއައީންގެ އަލަވީން ވަނީ ސީރިއާގައި 1970 ވަނަ އަހަރުން ފެށިގެން ނިކަން ބާރުގަދަކޮށްފަ އެވެ. ވެރިކަމުގައި އަތްގަދަކޮށްގެން އުޅޭ އާއިލާ އަކީ އަލަވީންގެ ބައެއް ކަމުގައިވާ އަސަދު އައިލާ އެވެ.

އަސަދުގެ މި އާއިލާ އިން ސީރިއާގައި ކުރަމުން އަންނަނީ ޚުދުމުހުތާރު ވެރިކަމެކެވެ. މިހާރު ސީރިއާގައި ރައީސަކަށް ހުންނެވި ބައްޝާރުލް އަސަދު އެ ގައުމުގެ ވެރިކަމަށް ވަޑައިގަތީ 2000 ވަނަ އަހަރު އެވެ.

މިއޮތްހާ ދުވަހު އަސަދު އާއިލާގެ މި ސަރުކާރު ފެނުނީ ނިކަން ވަރުގަދަކޮށެވެ. ނަމަވެސް އަރަބް ސްޕްރިންގާ އެކު 2011 ވަނަ އަހަރު މެދުއިރުމަތީގެ އެކި ގައުމުތަކުގައި ފެށި މުޒާހަރާތަކުގެ ނޭދެވޭ އަސަރު ކުރަމުން ގޮސް ބައްޝާރުގެ ސަރުކާރާ ދެކޮޅަށް އޭނާގެ ރައްޔިތުންގެ ތެރެއިން ބަޔަކު ހަތިޔާރު ނެގީ އެވެ.

ފާހަގަކޮށްލަން ޖެހެނީ ބައްޝާރުގެ ވެރިކަން ވައްޓާލަން ނުކުތް މީހުންނަކީ އެގައުމުގެ ސުންނީ މުސްލިމުން ކަމެވެ. ފަހަރެއްގައި އެމީހުންގެ އާބާދީ ގައުމުގައި ބޮޑުވެފައި ބައްޝާރުގެ އާއިލީ ވެރިކަމުގައި އަހަރުތަކެއް ވަންދެން ލިބެމުން ދިޔަ ބޭއިންސާފުން ސަލާމަތްވުމަށް ސުންނީން ބޭނުންވީ އެވެ. 

ސުންނީންގެ މި މުޒާރާތަކުގައި ފުރަތަމަ ފަހަރަށް ލޭ އޮހޮރުވިގެން ދިޔައީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ސީރިއާގެ ދެކުނު ބިތުގެ ސިޓީއެއްގައި ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާއެއްގެ ތެރެއަށް ސަލާމަތީ ބާރުތަކުން ވަދެ ބަޑިޖަހައި އާންމުންގެ ތިން މީހަކު މަރާލުމުންނެވެ.

އެއަށް ފަހު ސީރިއާގައި ހަމަނުޖެހުން ވަރުގަދަވީ އެވެ. މުޒާހަރާކުރާ މީހުން އިތުރުވިއިރު ސަލާމަތީ ބާރުތަކުގެ ހަރުކަށިކަން ވެސް އޮތީ އިންތިހާ އަށް ގަދަކޮށްފަ އެވެ.

ސީރިއާގެ މި ސިޔާސީ ހަމަނުޖެހުންތައް ދާޚިލީ ހަނގުރާމަ އަކަށް ބަދަލުވީ 2012 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އޭރު ސަރުކާރު ސިފައިން ދަނީ ހަތިޔާރު ނެގި އާންމުންނާ ދެކޮޅަށް ބޮމާއި ބަޑިން ހަމަލާ ދެމުންނެވެ.

މި ހަނގުރާމައެއް ވަރުގަދަވެގެން ދިޔައިރު ބައްޝާރުގެ ސަރުކާރުން އެމީހުންގެ އަމާޒުފައްގަނޑަކަށް ހެދީ ސުންނީންނެވެ. ސުންނީ މުސްލިމުން ކަތިލުމުގެ ބޭނުމަކަށްވީ އެމީހުންގެ ފަހަތަށް މަޝްހޫރު ހަނގުރާމަވެރި ޖަމާއަތްތައް ކަމުގައިވާ އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އާއި އެފަދަ އެހެން ޖަމާއަތްތައް ވެސް ވެއްދުމެވެ. 

ދާޚިލީ ހަނގުރާމަ އެންމެފަހުން މަޒުހަބީ ލޭއޮހޮރުވުމަކަށް ބަދަލުވިއިރު ބައްޝާރާ ދެކޮޅަށް ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތްތައް ވެސް ވަނީ ނުކުމެފަ އެވެ. ބައްޝާރުގެ ސަރުކާރުން ހިންގަމުން ދިޔަ ލާއިންސާ އަމަލުތައް ހުއްޓުވުމުގައި އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ނާކާމިޔާބުވެ ފަހަތަށް ޖެހުނީ އެހިސާބުންނެވެ.

ސަބަބަކީ ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެންނަން އެމެރިކާ އިން ނުވަތަ ޔޫރަޕުން ހިފައިފި ނަމަ އައިއެސް ފަދަ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއް ސީރިއާގެ ވެރިކަމަށް އައިސްފާނެތީ އެވެ. އެހެންވީމަ ސީރިއާގެ ދާޚިލީ ހަނގުރާމަ މަޒުހަބީ ލޭ އޮހޮރުވުމަކަށް ބަދަލުކޮށްލުމުން ބައްޝާރަށް ލިބުނު ފައިދާ ބޮޑެވެ.

ނަމަވެސް ދެން ފެނިގެން ދިޔައީ އަދި މާ ނުރައްކާތެރި މަންޒަރެކެވެ. ސީރިއާގެ މި ހަނގުރާމަ ބްލެކްހޯލް އަކަށް ބަދަލުވެ މެދުއިރުމަތީގެ ސުންނީ ގައުމުތަކާއި ޝިއައީ ގައުމުތައް ވެސް މި ހަނގުރާމައެއްގެ ތެރެއަށް ދަމައިގަތީ އެވެ. އެގޮތުން ސުންނީންގެ ބޮޑު ގައުމެއްގެ ގޮތުގައި އޮތް ސައޫދި އަރަބިއްޔާ އިން ސުންނީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދީ ބައްޝާރަށް ގެއްލުން ދެމުންދިޔައިރު ސުންނީންނާ ދެކޮޅަށް ޝީއައީންގެ ބޮޑު ގައުމު އީރާނުން ވެސް ދަނީ ހަނގުރާމަވެރިން ފޮނުވައިގެން ގެއްލުން ދީ ބައްޝާރުގެ ވެރިކަން ދިފާއުކުރަމުންނެވެ.

އެންމެފަހުން ސީރިއާގެ އެތެރޭގައި އުފެދުނު ސިޔާސީ ހަމަނުޖެހުން މި ބަދަލުވީ މެދުއިރުމަތީގައި ސުންނީންނާއި ޝިއައީންގެ ބޮޑު ހަނގުރާމަ އަކަށެވެ.

ކޮންމެއަކަސް 2014 ވަނަ އަހަރު އައިއިރު ސީރިއާ އޮތީ މި ދާހިލީ ހަމަނުޖެހުންތަކެއްގެ ތެރެއިން ގޮސް ދެ ފަޅިވެފަ އެވެ. އެއް ފަޅީގައި ބައްޝާރުގެ ސިފައިންގެ ބާރު އޮތްއިރު އަނެއް ފަޅީގައި ތިބީ ހަނގުރާމަވެރިންނާއި ސުންނީ ހަނގުރާމަވެރިންގެ ގަދަފަދަ އައިއެސް އެވެ. މީގެ އިތުރުން ވަކި ދައުލަތެއްގެ ދަށުގައި ތިބި ކުރުދީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ވެސް ސީރިއާގެ ބައެއް ގޮސްފައި އެބައޮތެވެ.

ސީރިއާގެ މި ހަނގުރާމަ އަކީ އެހެން ގައުމުތަކުގެ މިފަދަ ހަނގުރާމަތަކަށް ވުރެ ބޮޑަށް އާންމުންނަށް ގެއްލުން ބޮޑު ހަނގުރާމަ އެކެވެ. ސަބަބަކީ މި ހަނގުރާމައިގެ މައިގަނޑު އަމާޒަކަށް އާންމުން ހަދައި އާންމުން މަރައި ކަތިލަމުން ދިއުމެވެ. ބައްޝާރު ވެސް އާންމުންގެ ބޮލަށް ބޮމާއި ކެމިކަލް ހަތިޔާރު ހަމަލާ ދިންއިރު ސީރިއާގެ އަވަށަކަށް ފަހު އަވަށެއް ހިފަމުން ދިޔަ އައިއެސްގެ ހަނގުރާމަވެރިން ވެސް ދިޔައީ ސުންނީން ނޫން އެހެން އެންމެން މަރައި ކަތިލައި އަންދަމުންނެވެ.

ނަތީޖާއަކަށްވީ މި ހަނގުރާމާގައި މިހާތަނަށް، ގާތްގަނޑަކަށް 250،000 މީހުން މަރުވެފައިވުމެވެ. އަދި ހަތަރު މިލިއަން މީހުން ރެފިއުޖީންނަށް ބަދަލުވެފައިވާއިރު މިއީ ސީރިއާގެ އާބާދީގެ ދެ ބައިކުޅަ އެއްބައެ އެވެ.