ދުނިޔެ

މުޒާހަރާކުރަން ކޮންމެ ކަމެއް ވެސް އިންޑިއާއަށް ކަމުދޭ!

Sep 6, 2015

އިންޑިޔާ މީހުންގެ މުޒާހަރާ ކުރުމުގެ ވާހަކަ ފަށަން ޖެހެނީ މަހާތުމާ ގާންދީއާ ހިސާބުންނެވެ. ގައުމުގެ ބައްޕަގެ ލަގަބު މަހާތުމާ ގާންދީއަށް ދޭއިރު، އޭނާއަކީ މުޒާހަރާގެ ވެސް ބައްޕަ ކަމަށް ބުނެވިދާނެއެވެ.

އެ ޒަމާނަށް ބަލާއިރު މަހާތުމާ ގާންދީގެ މުޒާހަރާތައް ވަރަށް ތަފާތެވެ. އޭރު އާންމުންގެ ތާއީދު ގާންދީއަށް އެ ވަރަށް ލިބުނީ މުޒާހަރާތަކުގައި ބޭނުންކުރި އާ ގޮތްތަކުގެ ވެސް ސަބަބުންނެވެ. މަދަނީ ބަސްނޭހުމާއި، ސުލްހެވެރި ދޮކުޅުހެދުންތަކާއި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުތަކާއި އިނގިރޭސި މުދާ ބޮއިކޮޓް ކުރުންފަދަ ހަރަކާތައް ގާނދީ ހިންގެވިގޮތް މިސާލަކަށް ބަލައި އެތައް ގައުމެއްގައި އެތައް ލީޑަރުންނެއް ކާމިޔާބު އިންގިލާބުތައް ގެނެސްފައި އެބަ ހުއްޓެވެ. މިގޮތުން ސައުތު އެފްރިކާގެ ނެލްސަން މަންޑޭލާ ފާހަގަ ކުރެވެއެވެ.

ނަވާރަސަތޭކަ ހަތްދިހައިގައި އިންޑިޔާގެ އެތައްބަޔަކު ވަނީ ގަސްތަކުގެ ހިމާޔަތުގައި ނުކުމެފައެވެ. ގަސްތަކުގައި ބައްދާލައިގެން ތިބެއެވެ. އިންޑިޔާގެ އުތުރުގައި ފެށުނު މި ހަރަކާތުގައި އެތައްބަޔަކު އަތާ އަތް ގުޅުވާލައިގެން ގަސްތައް ވަށާ ތިއްބެވެ. އެމީހުންގެ ދިރިއުޅުމުގައި ގަސްތައް އަދާކުރާ ދައުރު މުހިންމުކަމުން، ގަސްތަކުގެ ހިމާޔަތުގައި ތިބި މީހުން އެމީހުންގެ ފުރާނަ ދުއްވާލާފައި ނޫނީ ގަސްތައް ނުކެނޑޭނެ ކަމަށް ބުނެ ކުރި މުޒާހަރާ ވަނީ ތިން އަހަރު ފަހުން ކާމިޔާބު ވެފައެވެ.

އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ ހިމާލިޔާގައި ގަސްކެނޑުން މަނާކުރީއެވެ. ޖަންގަލީގެ ދިރުން ހިމާޔަތް ކުރުމުގައި މި އުކުޅު އެހެން ގައުމުތަކުގައި ވެސް ފަހުން ބޭނުންކުރި އެވެ. މިދިޔަ އަހަރު ނޭޕާލުގެ 2001 ސްކޫލުކުދިން ވަނީ ގަސްތަކުގައި ބައްދާލައިގެން ދުނިޔޭގެ ރެކޯޑެއް ވެސް ގާއިމް ކޮށްފަ އެވެ.

ދެހާސް ނުވަ ވަނަ އަހަރު އިންޑިޔާގެ އަންހެނުންތަކެއް ވަނީ ފިޔާތޮށި ޖަނގިޔާ ކެމްޕޭންގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. މިއީ މިނިވަންކަމާއެކު ކުރިއެރުމަށް މަސައްކަތްކުރާ އަންހެނުންނާ ދެކޮޅަށް މުސްކުޅި ހިޔާލުގެ މީހުނާއި ދީނީ ހަރުކަށި މީހުން ހިންގާ ހަރަކާތްތަކަށް ރައްދު ދިނުމަށް ހިންގި ހަރަކާތެކެވެ. މި ހަރަކާތް ހިންގި މީހުން ވަނީ އަންހެނުންގެ ކުރިއެރުމަށް ހުރަސްއެޅި ޖަމާއަތުގެ އޮފީހަށް 2000 ޖަނގިޔާ ފޮނުވާފައެވެ.

މިދިޔަ އަހަރު ޒުވާން ޖޯޑެއް ކެފޭއެއްގައި ދޮނެއް ދެނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުވުމުން ހަރުކަށި ހިންދޫއިންގެ ބަޔަކު އެ ކެފޭއަށް ގެއްލުންދީ އެތަން ހަލާކު ކޮއްލިއެވެ. ކެރެއްލާ ސްޓޭޓްގެ ޒުވާނުން މި ހަރުކަށި އަމަލަށް ރައްދު ދިނީ "މާސް ޕަބްލިކް ކިސިން އިވެންޓެއް" ބާއްވައިގެންނެވެ.

އުއްތަރު ޕްރަދޭޝްގައި ހަރުފަ ގެންގުޅޭ މީހަކު އޭނާގެ ހަރުފަތައް ގެންގުޅޭނެ ބިމެއް ދިނުމަށް ހުށައެޅި ޕެޓިޝަނަށް ސަރުކާރުން ފުރަގަސްދިނުމުން ކަމާބެހޭ އޮފީހަށް އަޅާލީ ހުސް ހަރުފައެވެ. ވިހަގަދަ ކޯބްރާ ވެސް ހިމެނޭ ގޮތަށެވެ.

އިންޑިޔާ ސަރުކާރުން އެކުލަވާލި ބިން މިލްކު ކުރުމުގެ ގާނޫނާމެދު ހިންހަމަ ނުޖެހިފައި ތިބި މީހުން އެ ގާނޫނު ކޮޕީތަށް މަގުމަތީގައި އަތުރާލައިގެން އޭގެ މަތީ ފައްޗަކަށް ތިބެ ބޮޑުކަމު ދިޔައެވެ.

ބައެއް ފަހަރު މައްސަލައެއް ކިތަންމެ ސީރިޔަސްވިޔަސް އާންމުންގެ ސަމާލުކަން އެ މައްސަލައަކަށް ލިބެނީ އާދަޔާ ހިލާފު ގޮތަކަށް އެ މައްސަލައިގެ ވާހަކަ އާންމުންނަށް އިއްވާލީމައެވެ. ނުވަތަ ސަރުކާރަށް އިއްވާލީމައެވެ. މިކަމުގައި އިންޑިޔާ މީހުން މިއުޅެނީ މާ ބޮޑަށްވެސް ކުރީގައެވެ. -- މައުލޫމާތު: ބީބީސީ