ހަބަރު

ހައްޖު ކޯޕަރޭޝަނުން މާޗު އުމްރާ ކެންސަލް ކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މާޗް މަހުގެ އުމްރާ ދަތުރު ކެންސަލް ކޮށްފި އެވެ.

މެދު އިރުމަތީގައި ވެސް ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ އޭގެ ސަބަބުން ސިއްހީ ބަލި މަޑު ކަމުން ސަލާމަތް ވާން ސައޫދީން ވަނީ އެ ގައުމަށް ދަތުރު ކުރުމުގައި ފިޔަވަޅުތަކެއް އަޅާފަ އެވެ. ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި އެ ފިޔަވަޅާއެކު ހައްޖު ކޯޕަރޭޝަންގެ މާޗް އުމްރާ ކެންސަލް ކުރި ކަމަށް އެ ކޯޕަރޭޝަނުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާޗްގެ އުމްރާވެރިން ދެން އަމަލު ކުރަންވީ ގޮތް އެ ކޯޕަރޭޝަނުން އަންގަމުން ގެންދާނެ ކަމަށެވެ. އަދި އުމްރާ ދަތުރާ ގުޅިގެން މާދަމާ ބާއްވަން ހަމަޖައްސާފައި އޮތް ތަމްރީން ބައްދަލުވުން ވެސް ކެންސަލް ކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

މިއަދު ރާއްޖޭން ވަނީ، އުމްރާގެ އަޅުކަމަށް އެއް ގްރޫޕް ފުރާފަ އެވެ. އެއީ ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ފަރާތުން އުމްރާއަށް ދާ 49 މީހުނެވެ. އެ އެންމެންނަށް ވިސާ ލިބިފައިވާއިރު ފުރުމަށް ހުރަހެއް ނެތް ކަމަށް ސައުދީ އެއާލައިނުން ވެސް ވަނީ އަންގާފަ އެވެ. އެ ގުރޫޕްގެ ފަރާތުން އެޑްވާންސް ޓީމެއް ވެސް ވަނީ ސައުދީއަށް މިހާރު ގޮސްފަ އެވެ.