އެލައިޑް އިންޝުއަރެންސް

އެލައިޑް އެޕްގައި ރަޖިސްޓްރީވެގެން ބައި ލައްކަ ރުފިޔާގެ ވައުޗާއެއް

Feb 28, 2020

އެލައިޑް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯންޑްކޮށް ރަޖިސްޓްރީ ވެގެން 50،000 ރުފިޔާގެ ހޯމް ކޮންޓެންޓް އިންޝުއަރެންސް ވައުޗާއެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެލައިޑް އިން ބުނި ގޮތުގައި މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރު ގޭގައި ކުރިއަށްދާ ތިން ދުވަހުގެ މޯލްޑިވްސް ލިވިން އެކްސްޕޯގައި އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެކްސްޕޯ ކުރިއަށް ދާ ތިން ދުވަސް ތެރޭ ކޮންމެ ދުވަހަކު ގުރުއަތުން ހޮވާ ނަސީބުވެރި ފަސް ފަރާތަކަށް އެ ވައުޗާ ދޭނެ އެވެ.

އެ ލައިޑްގެ ހޯމް ކޮންޓެންޓް އިންޝުއަރެންސްގެ ދަށުން ވައްކަމާއި ކާރިސާތަކުން ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭނެ އެވެ.

އެލައިޑް އިން ހުޅުވާލާފައިވާ މި ފުރުސަތުގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރި ފަސް ފަރާތް ކަނޑައެޅުމުގެ ގުރުއަތު ލުން އޮންނާނީ އެ ދުވަހެއްގެ އެކްސްޕޯ ނިމޭ ވަގުތު އެވެ. އެކްސްޕޯ ނިންމާނީ ރޭގަނޑު 11:00 ޖަހާއިރު އެވެ.

ޖުމުލަ 40 ކުންފުންޏަކުން ބައިވެރިވާ މި އެކްސްޕޯ ހުޅުވާފައި ހުންނަނީ މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 11:00 އަށެވެ. މި އެކްސްޕޯ ކުރިއަށް ދާނީ މާދަމާ ރޭ 11:00 ގެ ނިޔަލަށެވެ.