ވިޔަފާރި

އުފެއްދުންތެރި ނޫން ލޯނު 13 ޕަސެންޓް އިތުރު

މިދިޔަ އަހަރު ބޭންކު ތަކުން ދޫކުނި ލޯނުތަކުގެ އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 13 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ "ކުއާޓަލީ އިކޮނޮމިކް ބްލެޓިން" ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭންކްތަކުގެ އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 13 ޕަސެންޓް އިތުރުވެ، 297.6 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

އުފެއްދުންތެރި ނޫން ލޯންއަކީ ދައްކަން ކަނޑައަޅާ މުއްދަތު ފަހަނަ އަޅާ ދާއިރު ނުދައްކާ ނުވަތަ ދެއްކުން ލަސްވެފައި ހުންނަ ލޯނު ތަކެވެ.

ބޭންކިން ސެންޓާ ކުރިއެރި

އެމްއެމްއޭގެ ރިޕޯޓުން ދައްކާ ގޮތުގައި އުފެއްދުންތެރި ނޫން ލޯނުގެ އަދަދު މަތިވީ ނަމަވެސް ޖުމްލަ ގޮތެއްގައި ބޭންކުން ސެކްޓާގެ ކުރި އެރުން ހުރީ ވަރުގަދަ ކޮށެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ނިޔަލަށް އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ދޫކުރި ލޯނުގެ ނިސްބަތް ވަނީ 24.5 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ އަށް ޕަސެންޓުގެ އިތުރު ވުމެކެވެ. މި މުއްދަތުގައި ލޯނުގެ ނިސްބަތް އެންމެ މަތިވެފައިވަނީ ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން ސެންޓާ އަދި ރިއަލް އެސްޓޭޓް ދާއިރާގެ އިތުރުން މުއާސަލާތީ ދާއިރާ އަދި ކޮމާސް ދާއިރާއިންނެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އާއްމު ފަރުދުންނަށް ދޫކުރި ލޯނުގެ އަދަދު މި މުއްދަތުގައި ވަނީ ބޮޑުތަން އިތުރުވެފަ އެވެ. މި މުއްދަތުގައި ޕާސަނަލް ލޯނު ނެގި އަދަދު ވަނީ 37 ޕަސެންޓް އިތުރުވެފަ އެވެ.