ދުނިޔެ

ގަލްފުގެ މުއްސަނދި ގައުމުތަކަށް ސީރިއާގެ ރެފިއުޖީން ނުދަނީ ކީއްވެ؟

ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ އާންމުންގެ މައްސަލަ މިދިޔަ ހަފުތާގައި ދުނިޔޭގެ ސަމާލުކަން އަތުލީ އެމީހުން ޔޫރަޕްގެ ގައުމުތަކަށް އެތެރެވާން އުޅެ އޭގެ ތެރެއިން އެތައް ބަޔަކު ކަނޑުވެ މަރުވެގެންނެވެ. މި ނަތީޖާއެއް ނުކުތީ ރެފިއުޖީންގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގެ ހިމާޔަތް ހޯދުމަށް މަސައްކަތްކުރި ސީރިއާގެ އާންމުންގެ އެތައް ހާސް ބަޔަކަށް ޔޫރަޕްގެ ބޯޑަރުތައް ބަންދުކުރުމުންނެވެ.

މިހައި ހިސާބުން އުފެދުނު ސުވާލަކީ އަވަށްޓެރި އަރަބި އަދި ގަލްފުގެ މުއްސަނދި ގައުމުތައް ތިއްބައި ސީރިއާގެ ރެފިއުޖީންގެ ޔޫރަޕްގެ ގައުމުތަކުން ހިމާޔަތަށް އެދި އާދޭސްކުރަނީ ކީއްވެގެންބާވަ އެވެ. ގަލްފުގެ މުއްސަނދި ގައުމުތަކުން މި ރެފިއުޖީންނަށް އެހީނުވަނީ ނުވަތަ މި ގައުމުތަކުގެ ބޯޑަރުތައް ސީރިއާގެ ރެފިއުޖީންނަށް ހުޅުވާނުލަނީ ކީއްވެގެންތޯ އެވެ؟

އެހެންވީމަ މީގައި މިވާ ގޮތެއް ބަލައިލަމާ ހިނގާށެވެ.

ސީރިއާގައި އާންމުކޮށް މިފަދަ ދާޚިލީ ހަމަނުޖެހުންތަކެއް ހިނގާ ނަމަ އެގައުމުގެ އާންމުން ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާ އާންމު އަދި އެންމެ ކައިރި މަންޒިލަކަށް ވެފައި އޮންނަނީ ޖެހިގެން އޮތް ލުބްނާނެވެ. އެއަށް ފަހު އުރުދުން އާއި ތުރުކީ އަކީ ވެސް ސީރިއާގެ ރެފިއުޖީންގެ ބޮޑު ދެ މަންޒިލެވެ.

މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ވެސް އެތައް ހާސް ބަޔަކު ވަނީ މި ތިން ގައުމުން ހިމާޔަތް ހޯދައިފަ އެވެ.

ނަމަވެސް ގަލްފުގެ ގައުމުތައް އަދި ހާއްސަކޮށް އަރަބި ގައުމުތަކަށް ސީރިއާގެ ރެފިއުޖީން އެތެރެވުމަކީ ފަސޭހަ އަދި އެހާ އާންމު ކަމެއް ވެސް ނޫނެވެ. މި މައްސަލަ ބޮޑު މައްސަލަ އަކަށް ވަނީ ސީރިއާގެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިގެން މަރުވަމުންދާއިރު އެމީހުންގެ ޒިންމާ ނަގަން ޖެހޭ ބަޔަކީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ކަމަށް ބައެއް މީހުން ބުނަމުން ދިއުމެވެ. މިހެން ބުނަމުންދާއިރު ޔޫރަޕްގެ ގައުމުތަކުގެ މީހުން ބުނަމުން ދަނީ ސީރިއާގެ ރެފިއުޖީންގެ މައްސަލަ ހައްލުކުރަން ޖެހޭނީ ގަލްފުގެ ގައުމުތަކުން ކަމަށެވެ.

ނަމަވެސް މިއަދު ފެންނަމުން މި ދަނީ ތަފާތު މަންޒަރެކެވެ. މުސްލިމުން މުސްލިމުންނަށް އެހީނުވެ، ކާފަރުންގެ ގައުމުތަކޭ ކިޔައި މުސްލިމުންގެ ރުޅިވެރިކަން އަމާޒުވެފައިވާ ޔޫރަޕްގެ ގައުމުތަކުން ސީރިއާގެ ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ މަންޒަރެވެ.

ގަލްފުގެ ގައުމުތަކަށް ބަލާއިރު އެމީހުން ފާހަގަކުރެވެނީ ސީދާ ގަލްފު ނޫން އެހެން އަރަބި ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދިނުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނުވަތަ ވަޒީފާ ދިނުމުގައި ވެސް ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ބައެއްގެ ގޮތުގަ އެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ ވަތަނީ ރޫހު ބޮޑުކަމުން ގައުމުން ބޭރު ނުވަތަ ގަލްފަށް ނިސްބަތްނުވާ ބަޔަކު އެމީހުންގެ ތެރެއަށް ވައްދައި އެމީހުންގެ ބަޔަކަށް ހަދަން ނިކަން ދެކޮޅު ހަދާ ބައެއްގެ ގޮތުގަ އެވެ.

މިސާލަކަށް ކުވައިތު އާއި ސައޫދީ އަރަބިއްޔާ އަދި ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކަކީ އެގައުމުތަކުގެ އެންމެ އާދައިގެ ވަޒީފާތަކަށް ވެސް އަރަބި އެހެން ގައުމުތަކުގެ މީހުން ނުގެންދާ ގައުމުތަކެވެ. މި ގައުމުތަކުން އާދައިގެ މަސައްކަތްތަކަށް ވެސް ގެންގުޅެނީ ދެކުނު އިރުމަތީ އޭޝިއާގެ މީހުންނެވެ. އެންމެ ގިނަ ވާނީ ބަންގާޅާއި އިންޑިއާގެ މަސައްކަތު މީހުންނެވެ.

ސީރިއާ ފަދަ އަރަބި ގައުމުތަކުގެ މީހުންނަށް ގަލްފުގެ ގައުމުތަކަށް މަސައްކަތެއް ހޯދަން ނުވަތަ ވަޒީފާއެއް އަދާކުރަން ދެވިދާނެ އެވެ. ނަމަވެސް ކަނޑައަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ހެދި އެކަން ކާމިޔާބުކުރުމަކީ މި ދެންނެވި އަރަބި ގައުމުތަކުގެ އާދައިގެ ރައްޔިތުންނަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ގަލްފުގެ ގައުމަކަށް އެތެރެވުމަށް ސީރިއާގެ ރައްޔިތުންނަށް މިހާރު ވެސް ޓޫރިސްޓް ވިސާ އާއި ވޯޓް ޕާމިޓަށް އެދުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ވަރަށް އަގުބޮޑެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ ސީދާ ސީރިއާގެ ރެފިއުޖީންނަށް ފުރުސަތު ނުދިނުމަށް މި ގައުމުތަކުން ކޮށްގެން އުޅޭ ކަންކަން ކަމަށެވެ.

އަރަބި ކަރައިގެ އަދި ގަލްފުގެ މުއްސަނދި ގައުމުތަކަށް އެތެރެވުމުގައި ސީރިއާގެ ރެފިއުޖީންނަށް ގިނަ ހުރަސްތަކެއް ކުރިމަތިކޮށްފައިވިޔަސް އަރަބި އަދި އެފްރިކާގެ ބައެއް ގައުމުތަކަށް އެތެރެވުމަކީ ސީރިއާގެ ރައްޔިތުންނަށް ނިކަން ފަސޭހަ ކަމެކެވެ. ބައެއް ގައުމުތަކަށް ވިސާއެއް ވެސް ބޭނުމެއް ނުވެ އެވެ.

ނަމަވެސް މި ގައުމުތަކަކީ އެ ސަރަހައްދުތަކުގެ އެންމެ ފަގީރު ގައުމުތަކެވެ. މިސާލަކަށް ޔަމަނެވެ. ނުވަތަ އެފްރިކާ އިން އަލްޖީރިއާ އާއި މޮރިޝޭނިއާ އާއި ސޫދާން ފަދަ ގައުމުތަކެވެ.

މި ގައުމުތަކަށް އެތެރެވުން ފަސޭހަ ނަމަވެސް ސީރިއާގެ ރެފިއުޖީން މި ގައުމުތައް ހިޔާރުނުކުރަނީ އެގައުމުތަކުގައި އެމީހުންނަށް މުސްތަގުބަލެއް ނެތީމަ އެވެ. އެހެންވީމަ އަރަބި އަދި ގަލްފުގެ މުއްސަނދި ގައުމުތަކުގެ ދޮރުތައް ސީރިއާގެ ރެފިއުޖީންނަށް ބަންދުކޮށްފައިވާއިރު އެމީހުން ޔޫރަޕް ހިޔާރުކޮށްފައި ވަނީ މުސްތަގުބަލަށްޓަކަ އެވެ.