ހަބަރު

މިފްކޯގެ ރޯދަ ސޭލް: "ފަސްމީރު މިވަރެއް ނެތް"

"ފަސްމީރު މިވަރެއްނެތް" މި ނަމުގައި މިފްކޯއިން ރޯދަ މަހަށް ހާއްސަ އަގުތަކާއެކު ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިފްކޯ މަސް ފިހާރައިގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ.

ޕްރޮމޯޝަން ފައްޓަވައި ދެއްވުމަށް ފަހު އިސްމާއިލް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަނަކީ ހެޔޮ ބަދަލުތަކާއެކު ފެށި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ހއ. ފެށިގެން އައްޑު އތޮޅާ ހަމައށް ހެޔޮ އަގެއްގައި މިފްކޯގެ ޕްރޮޑަކްޓް ތައް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

އިސްމާއިލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުތަކާއި ހިލާފަށް މި އަހަރު އެ ކުންފުނީގެ ޕްރޮޑަކްޓްތައް ހުސް ނުވެ ލިބޭނެ އެވެ. އަދި ވިދާޅުވީ ރޯދައަށް ހާއްސަކޮށް އެ ކުންފުނީގެ މަސްދަޅުގެ އިތުރު ޕްރޮޑަކްޓެއް ލިބޭނެ ކަމަށާ ރޯދައާ ގުޅުވައި އާ ރަހަތަކާއެކު ޕްރޮޑަކްޓްތައް ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ރޯދަ މަހަކީ ބަދިގެ އާއި ކެއްކުމަށް ވެސް އާ ރަހަ ތަކެއް ބޭނުން ވާނެ މަހެއް. އެހެންވީމަ އަޅުގަނޑުމެން އާ ފްލޭވާތަކާއެކު އާ ޕްރޮޑަކްޓްތައް އުފެއްދުމުގެ މަސައްކަތް މިހާރު މި ދަނީ ކުރަމުން. ރޯދަ މަހަށް އެ ޕްރޮޑަކްޓްތައް ބާޒާރަށް ނެރެވޭނެ... ރޯދަ މަހަކީ ރޯ މަހުގެ ޑިމާންޑް ވެސް ވަރަށް ބޮޑުވާ މަހެއް. އެހެންވެ ރޯދަ އަށް ހާއްސަކޮށް އަޅުގަނޑުމެންގެ މަސް ބޯޓުތައް މާލޭގެ ބަނދަރު ކޮށްގެން ވެސް ތާޒާ މަސް ކަސްޓަމަރުންނަށް ފޯރު ކޮށްދެވޭ ތޯ މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މި ޕްރޮމޯޝަން ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް ދުރާލާ ރޭވީ ސްކޫލް ބަންދާ ދިމާވާތީ އާއި އެ ކުންފުނީގެ ވަރަށް ގިނަ ކަސްޓަމަރުން ތަކެއް އަތޮޅުތަކުގެ ރަށްރަށުގައި އުޅޭތީ އެ މީހުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވާން ފުރުސަތު ދޭން ވެގެން ކަމަށެވެ.

އަގު ބޮޑު އިނާމު ތަކެއް

މި ޕްރޮމޯޝަންގެ ދަށުން މިފްކޯގެ ފިހާރަ އަކުން 100 ރުފިޔާގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. މާލޭ ސިޓީގައި ހުންނަ މިފްކޯގެ ތިން ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު ރަށްރަށުގައި ހުންނަ އެ ކުންފުނީގެ ފިހާރަ ތަކުން ވިޔަފާރިކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ.

އަންނަ މޭ މަހުގެ ނިޔަލަށް ކުރި އަށް ދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރިއެއް ހޮވާނެ އެވެ. ނަސީބުވެރިން ހޮވާނީ ކޮންމެ ފިހާރައެއްގައި ވަކިން ނެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން، ގުރުއަތުން ހޮވޭ ފަރާތަކަށް "ގްރޭންޑް ޕްރައިޒް" ގެ ގޮތުގައި ސައިކަލެއް ދެ އެވެ.

މިފްކޯއިން ބުނީ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި މަސް ކޭހުގެ އަގުހެޔޮ ނުވާ ވަރަށް ކަސްޓަމަރުން ހިތްހަމަޖެހޭނެ އަގުތަކަކަށް މަސްކޭހުގެ އަގު މިއަހަރު ކުޑަ ކޮށްދީފައިވާ ކަމަށާއި އެހެން ކަމުން ގަބޫލު ކުރަނީ މިއީ ރޯދަ މަހަށް އެކުންފުނީގެ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ މަސް ފިހާރަ ތަކުން ދަޅު މަސް ހެޔޮ އަގުގައި ވިއްކާނެ އެވެ. މީގެ ކުރިން 680 ރުފިޔާ އަށް ވިއްކަމުން ދިޔަ ތެޔޮ މަސް ކޭހެއް މިހާރު ވިއްކާނީ 640 ރުފިޔާ އަށެވެ. އަދި ފެން މަސް ކޭހެއް މިހާރު 645 ރުފިޔާ އަށް ލިބޭއިރު މި ޕްރޮމޯޝަންގެ ދަށުން ފެން މަސް ކޭހެއް 595 ރުފިޔާ އަށް ލިބޭނެ އެވެ.

މިފްކޯގެ ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ފިހާރަ ތަކުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ވެސް ހާއްސަ ހެޔޮ އަގެއްގައި ޕްރޮޑްކްޓްތައް ލިބޭނެ އެވެ. މީގެ އިތުރުން މިފްކޯގެ މަސް ކޭސްތައް މާލޭގައި ވިއްކާ އަގުތަކުގައި ރަށްރަށުގައި ވިއްކުމަށް، ބައެއް އަތޮޅުތަކަށް ދަޅު މަސް ފޯރުކޮށްދޭނެ އެވެ. މި އުފެއްދުންތައް ފޯރުކޮށްދޭނެ ރަށްރަށަކީ ޅ. އަތޮޅާއި ގއ. އަތޮޅެވެ.