ވިޔަފާރި

ދިރާގާއި އުރީދޫން ސެމްސަންގް ފަހުގެ ފޯނުތައް ޕްރީއޯޑަރަށް

Mar 2, 2020

ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ އެސް20، އެސް 20 ޕްލަސް އަދި އެސް 20 އަލްޓްރާ ދިރާގާއި އުރީދޫން ޕްރީއޯޑަރަށް ހުޅުވާލައިފި އެވެ.

ދިރާގުން ސެމްސަންގްގެ ފަހުގެ ފޯނު ޕްރީ އޯޑަރަށް ހުޅުވާލީ، ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަދި އުރީދޫން ވެސް ރޭ ވަނީ މި ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލާފަ އެވެ.

ފަހުގެ ފޯނުތައް ފޮޓޯ ނަގަން ހާއްސަ

ސެމްސަންގް ފަހުގެ ފޯނު ތަކަކީ ފޮޓޯ ނަގަން ހާއްސަ ސިފަ ތަކެއް ހިމެނޭ ފޯނު ތަކެކެވެ. ގެލެކްސީ އެސް 20 އާއި އެސް 20 ޕްލަސްގައި 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެއް ހުރެ އެވެ. އަދި އެސް 20 އަލްޓްރާގެ ވައިޑް އޭންގަލް ކެމެރާގައި 108 މެގަ ޕިކްސެލް ހުރެ އެވެ. މީގެ އިތުރުން މި ފޯނުތަކުގައި ސެލްފީ ކެމެރާ ވެސް ވަނީ ފުރިހަމަކޮށްފަ އެވެ. އެސް 20 އާއި އެސް 20 ޕްލަސްގެ ސެލްފީ ކެމެރާގައި 10 މެގަޕިކްސެލް ހުންނައިރު، އެސް20 އަލްޓްރާގެ ސެލްފީ ކެމެރާގައި 40 މެގަޕިކްސެލް ހުރެ އެވެ.

ދިރާގާއި އުރީދޫން ރަނގަޅު އޮފާތަކެއް

ދިރާގުން ސެމްސަންގެ ފަހުގެ ފޯނުތައް ތައާރަފުކޮށްފައިވަނީ ރޭ އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް މާކެޓިން އޮފިސަރު (ސީއޯއޯ) މަހްމޫދު ދައްސަރު އާއި ސެމްސަންގް ސްރީލަންކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކެވިން ޔޫގެ އިތުރުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އެވެ.

ސެމްސަމްގެ މި ތިން ފޯނަކީ ވެސް ދިރާގުގެ އީ-ސިމް ސަޕޯޓު ކުރާ ތިން ފޯނެވެ. މި ފޯނުތަކާއެކު ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ވެސް ފޯނާއެކު ސެމްސަންގް ގެލެކްސީ ބަޑްސް ޕްލަސްއެއް ދޭނެ އެވެ. މީގެ އިތުރުން ހަ މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 10 ޖީބީގެ ޑޭޓާ ވެސް ހިލޭ ލިބޭނެ އެވެ.

އުރީދޫން ސެމްސަންގެ ފަހުގެ ފޯނު މަހަކު އެންމެ 1058.33 ރުފިޔާ ދެއްކެވުމަށްފަހު ނެގޭނެ އެވެ. މި ފޯނުތަކަށް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން 12 މަހުން ފައިސާ ދެއްކޭނެ އިންތިޒާމެއް ވެސް އެ ކުންފުނިން ހަމަ ޖައްސާފައިވެ އެވެ. އެ ކުންފުނިން ދޫކުރާ ސެމްސަންގް ގެލެކްސީ އެސް 20ގެ 128 ޖީބީ ފޯނެއް ގަނޑުކޮށް ފައިސާ ދީފައި ނަގާނަމަ 15،499 ރުފިޔާ އަށް ލިބޭނެ އެވެ. ސެމްސަންގް ގެލެކްސީ އެސް 20+ 128 ޖީބީ ފޯނެއް އެ ކުންފުނިން ވިއްކާ އަގަކީ 17،199 ރުފިޔާ އެވެ. އެ ކުންފުނީގެ މި އޮފާގައި މިއަހަރުގެ ނިޔަލަށް ކޮންމެ މަހަކު 2020 އެމްބީގެ ހިލޭ ޑޭޓާގެ އިތުރުން މުޅިން ހިލޭ ބަޑްސް އެއްވެސް ލިބޭނެ އެވެ. މީގެ އިތުރުން މަހުން މަހަށް ބަހާލައިގެން ފައިސާ އުސޫލުން ވެސް ފޯނު ނެގޭނެ އެވެ.