ރައީސް މުހައްމަދު ނަޝީދު

މިނިމަމް ވޭޖަށް މަޖިލީހުން ލަފާާ ދޭނީ އަދަދަކާއެކު: ނަޝީދު

ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދޭން ލާޒިމު ކުރާނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއަށް މަޖިލީހުން ލަފާ ދޭނީ މިނިމަމް ވޭޖަށް ކަނޑައަޅާނެ އަދަދަކާ އެކު ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އެކުލާވާފައިވާ ރިޕޯޓް ވަނީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ. އަދި އެ ރިޕޯޓް ދިރާސާ ކުރުމަށް މަޖިލީހުގެ އިގްތިސާާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖްގެ އަދަދުތައް އިއުލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވާއިރު، މަޖިލީހުގެ ކޮމިޓީގެ މަސައްކަތް އަދި ނުނިމެ އެވެ. މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖް އިއުލާން ކުރާނީ މަޖިލީހުން އެ ކަމުގައި ލަފައެއް ދިނުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވީ އިގްތިސާދީ ކޮމިޓީން ރިޕޯޓް ދިރާސާ ކުރަމުންދާ ކަމަށާއި މިއަަދު ވެސް އެ ކަމަށް ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރެވިފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ކޮމިޓީން އެ މަސައްކަތް ކުރާއިރު ރިޕޯޓް އެކުލަވާލި ފަރާތްތަކާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ބައްދަލު ކުރާނެ އެވެ.

ނަޝީދު ވިދާޅުވީ، އެ ރިޕޯޓް ދިރާސާކޮށް ކޮމިޓީން ގޮތެއް ނިންމާ އެކުލަވާލައި ރިޕޯޓެއްގައި މިނިމަމް ވޭޖްގެ އޮންނާނެ އަދަދު ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ. އަދި މަޖިލީހުން މިނިސްޓަރަށް ލަފާ ދޭނީ ކޮމިޓީން އެކުލަވާލާ ރިޕޯޓަށް ބަހުސްކޮށް އެ ކަމުގައި މަޖިލީހަށް ފެންނަ ގޮތެއް ތަޅުމުން ފާސްކުރުމަށް ފަހުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވާނެ. ކޮމިޓީގެ ނިންމުމުގައި އަދަދެއް ހިމެނެން ޖެހޭނެ. ދެން އެ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުން ނިންމާ ނިންމުން އެއީ މަޖިލީހުގެ ނިންމުން. މިނިސްޓަރު އެދިފައި ވަނީ މަޖިލީހުގެ ލަފައަކަށް. ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި މިނިސްޓަރަށް އަދަދެއް ދިނުން އެއީ ކުރަންވީ މަސައްކަތް،" ނަޝީދު ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ރިޕޯޓް މަޖިލީހުން ދިރާސާ ކުރަމުންދާއިރު، ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހުނަށް މިނިމަމް ވޭޖެއް ކަނޑައަޅައި ދޭން ލާޒިމުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެ އެވެ. އަދި އެ އަދަދުތައް ކަނޑައެޅުމުގެ ބާރު ބިލުން ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިމަމް ވޭޖަށް ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ބިލަކު ނެތެވެ.

ކޮންމެ ދެ އަހަރަކުން އެއް ފަހަރު މިނިމަމް ވޭޖްގެ އަދަދު މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން މުތާލިއާކޮށް މިނިސްޓަރަށް ލަފާ ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އިގްތިސާދަށް އަންނަ ކުއްލި ބަދަލަކާ ގުޅިގެން އޭގެ ކުރިން ވެސް އެ އަދަދުތައް މުތާލިއާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައަޅާ ސިނާއަތްތައް

  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
  • ފަތުރުވެރިކަމުގެ ސިނާއަތް
  • ކޮންސްޓްރަކްޝަން ސިނާއަތް
  • ދަތުރުފަތުރުގެ ސިނާއަތް
  • ސިއްހީ ހިދުމަތުގެ ސިނާއަތް
  • ތައުލީމީ ހިދުމަތުގެ ސިނާއަތް
  • ކުދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތް