ހަބަރު

މި މަހުގެ 11 ގެ ކުރިން މިނިމަމް ވޭޖަށް ކޮމިޓީން ގޮތެއް ނިންމަނީ

Mar 2, 2020
7

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން އެކުލާވާފައިވާ ބޯޑުން ދިރާސާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓާ މެދު މި މަހުގެ 11 ގެ ކުރިން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފި އެވެ.

އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވީ މަޖިލީހަށް އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައި ވަނީ ވަރަށް ބޮޑު ދިރާސާއެއް ކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އެ ކަމާ ގުޅިގެް މަޖިލީހުން މާ ގިނަ މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެހެންކަމުން މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އިގްތިސާދީ ކޮމިޓީން އެ ކަމުގައި ގޮތެއް ނިންމަން އިސްމާއީލް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ތާއީދު ކުރެއްވި އެވެ.

އެ ހުށަހެޅުއްވުން ކޮމިޓީން ފާސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. ވޯޓުގެ ނަތީޖާ ހަމަހަމަވުމުން ކޮމިޓީގެ މުގައްިރިރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވޯޓު ދެއްވީ އެ މުއްދަތަށް ކޮމިޓީގެ މަސައްކަތް ނިންމުމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ކޮމިޓީއެއްގައި ކަމެއް ފާސްކުރަން ނަގާ ވޯޓެއް ހަމަހަމަވެއްޖެނަމަ، ދެން ކޮމިޓީން އޭގައި ގޮތެއް ނިންމާނީ އެ ކޮމިޓީ ބައްދަލުވުމެއްގެ ރިޔާސަތުގައި އިންނެވި މެންބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ.

އިދިކޮޅު މެންބަރުން އެ ހުށަހެޅުއްވުމަކަށް ތާއީދެއް ނުކުރި

މި މަހުގެ 11 އަށް ކޮމިޓީން ގޮތެއް ނިންމުމަށް ފާސްކުރަން ވޯޓު ނުދެއްވީ ކޮމިޓީގައި ތިއްބަވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.

މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީން ވެސް އެކަށީގެންވާ ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ. ވިދާޅުވީ ރިޕޯޓްގައި ސުވާލު އުފެދޭ ކަންކަން އެބަ ހުރި ކަމަށާއި އެ ކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަން ޖެހޭ ކަމަށެވެ.

ސައީދު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅާ އަދަދެއްގެ ސަބަބުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާއި އެހެނިހެން އިނާޔަތްތައް ކަނޑާލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. ސައީދު އެހެން ވިދާޅުވިއިރު ސާވިސް ޗާޖަކީ ގާނޫނުގައި ދިނުމުގައި ލާޒިމުކޮށްފައިވާ އެއްޗެކެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ހުރިިހާ ސްޓޭކް ހޯލްޑަރުންނާ ވެސް ވިހާ ވެސް އަވަހަކަށް ބައްދަލު ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. އަދި މިފަދަ ގާނޫނެއް އެކުލަވާލާއިރު ކަމާ ބެހޭ މުއައްސަސާތަކާ ރަނގަޅަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

އޭނާ ދެން ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން އަންނަ ހާލަތަކާ ގުޅޭ ގޮތުން މިނިމަމް ވޭޖް ރިވިއު ކުރެވެން އޮންނައިރު ދުނިޔޭގައި ފެތުރޭ ކޮރޯނާ ވައިރަސްއާއެކު އިގްތިސާދަށް އަންނަ ލޮޅުމަކުން އަނެއްކާ ވެސް ރިވިއު ކުރަން ޖެހޭ ހާލަތަށް ދިއުމަށްވުރެ މިހާރު ވެސް އެކަށީގެންވާ އަދަދެއް ކަނޑައެޅުން މުހިއްމު ކަމަށެވެ.

"މިނިމަމް ވޭޖުގެ މައްސަލަ އަވަހަށް ނިންމައިލާ، އަނެއްކާ ތިން މަސް ފަހުން ކޮރޯނާ ވައިރަސްއޭ ކިޔާ، އެކަން އުވާލީމާ ކަމަކު ނުދާނެ، އުޖޫރަ ދޭން ތިބި މީހުންނާއި އުޖޫރަ ލިބިގަންނަން ތިބި މީހުން ވެސް މަޖިލީހަށް ގެނެސް ވާހަކަދެކެވެން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

"ހުރިހާ ސްޓޭކްހޯލަޑަރުންނާ ވީހާ ވެސް އަވަހަކަށް ބައްދަލު ކުރެވޭނެ ގޮތެއް ހައްދަވާ ދެއްވުމަކީ ވަރަށް މުހިއްމު ކަމެއް. މިހެން މިދެންނެވީ ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް އެބަ އޮވޭ، ވަރަށް ފާޅުކޮށް ލިޔެފައި. އަންނަ ހާލަތަކާ ގުޅިގެން ދެވޭ އުޖޫރައެއް ކަނޑާލާނެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

މެންބަރުން އެހެން ވިދާޅުވިއިރު ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވެސް މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އޮންނަނީ އިކޮނޮމިކް މިނިސްޓަރަށެވެ. އެކަމަކު މިނިމަމް ވޭޖަކީ ރާއްޖޭއަށް އަލަށް ކުރާ ކަމަކަށް ވާތީ މަޖިލީހުގެ ލަފައަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެދިވަޑައިގެންނެވީ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން މިނިސްޓްރީއަށް އެ ކަމާ ގުޔޅޭ ގޮތުން ލަފައެއް ދޭނީ މިނިމަމް ވޭޖްގެ އަދަދަކާ އެކުގައި ކަމަށެވެ. އެހެންކަމުން ކޮމިޓީން ރިޕޯޓް ދިރާސާކުރުމަށް ފަހު އެ ކަމަށް އަދަދެއް ކަނޑައަޅަން ވާނެ ކަމަށެވެ.