ވިޔަފާރި

އުރީދޫ ޑިރެކްޓަރަކަށް ފަރީހާ ހޮވައި، ހިއްސާ 3.30ރ. ބަހަން ނިންމައިފި

އުރީދޫ މޯލްޑިވްސްގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރަކަށް ފަރީހާ ޝަރީފު ހޮވައި، ހިއްސާއަކަށް 3.30ރ. ބަހަން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ޑިރެކްޓަރުން ތަމްސީލް ކުރާ ހިއްސާދާރުގެ މަގާމަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވާފައި ވެ އެވެ. އެ ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބިފައި ވަނީ ބީއެމްއެލްގެ ޗެއާމަންގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ފަރީހާ އަށެވެ. މިހާތަނަށް އެ މަގާމުގައި ހުންނެވީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ.

އުރީދޫ އޭޖީއެމްގައި ހިއްސާއަކަށް 3.30ރ. ބަހަން ފާސް ކުރިއިރު، ކުރީ އަހަރު ބަހާފައި ވަނީ 3.22ރ. އެވެ. އެހެންވެ މިއީ އަހަރުން އަހަރަށް ބަލާއިރު ހިއްސާގެ ފައިދާ އިތުރު ވުމެކެވެ.

އުރީދޫއަށް މިދިޔަ އަހަރު ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީއެއް ލިބިފައިވެ އެވެ. މީގެ ތެރެއިން އެ ކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ 588 މިލިއަން ރުފިޔާ އެވެ.

ދެހާސް ފަސް ވަނަ އަހަރު ރާއްޖޭގެ މުއާސަލާތީ ދާއިރާގައި އިންވެސްޓްކުރި ކުރީގެ ވަތަނިއްޔާ ޓެލްކޮމް އަދި މިހާރުގެ އުރީދޫއަކީ ގަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް އެލްއެލްސީގެ 90.5 ޕަސެންޓް ހިއްސާ އާއި ދިވެހި ރައްޔިތުންގެ 9.5 ޕަސެންޓް ހިއްސާ އެކުލެވޭ ކުންފުންޏެކެވެ.