ދުނިޔެ

ރަޝިޔާއިން ސީރިޔާގައި އަސްކަރީ ހަރަކާތްތަށް ފުޅާކުރާތީ އެމެރިކާ ކަންބޮޑުވެއްޖެ

Sep 6, 2015

ވޮޝިންޓަން (ރޮއިޓާރސް) : ރަޝިޔާއިން ސީރިޔާގައި އަސްކަރީ ހަރަކާތްތަށް ފުޅާކުރާތީ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮއްފިއެވެ. އެމެރިކާގެ ކަންބޮޑުވުން ހުރި ކަންކަން ހިއްސާކުރެއްވުމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ، އިއްޔެ ވަނީ ރަޝިޔާގެ ފޮރިން މިނިސްޓަރު ސެރްގޭ ލަވްރޯވް އާއި ފޯނުން ގުޅުއްވާފައެވެ.

ރަޝިޔާއިން ތާއީދުކޮށް އެހީތެރިކަން ދެނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށެވެ. އަދި އެގައުމުން ދެކޭ ގޮތުގައި އެމެރިކާއިންވެސް ބައްޝާރުލް އަސަދަށް އެޙިތެރިކަންދީ ސީރިޔާގެ އުތުރާއި އިރުމަތިން ބައެއް ހިފާފައިވާ އިސްލާމިކް ސްޓޭޓް ބަލި ކުރުމަށް އހީތެރިވެދެން ޖެހެއެވެ. އެމެރިކާއިން އައި އެސް އާއި ދެކޮޅު ނަމަވެސް، ސިޔާސީ މަގު ހިޔާރުކޮށް އަސަދުގެ ވެރިކަން ވެސް ނިމުމަކަށް ގެންނަން އެމެރިކާ ބޭނުންވެއެވެ.

ބައްޝާރުލް އަސަދުގެ ސާޅީސް އަހަރުވީ އާއިލީ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ފެށުނު ދެކޮޅުހެދުންތައް މިހާރުވަނީ ނުރައްކާތެރި ދާހިލީ ހަނގުރާމައަކަށް ބަދަލުވެފައެވެ.