ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ހަރަމްގެ ސާފުތާހިރު ކަމަށް އިތުރު ފިޔަވަޅު އަޅައިފި

Mar 4, 2020

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވަައިރަސްއާ ގުޅިގެން މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް ކަމުގައިވާ މަސްޖިދުލްހަރަމްގެ ސާފުތާހިރު ކަމަށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ.

ސައުދީން ވެސް މިހާރު ވަނީ ކޮރޯނާ ވައިރަސް ހުރި މީހަކު ފެނިފަ އެވެ. އެ މީހާއަކީ ސައުދީ ރައްޔިތެކެވެ. އޭނާގެ ގައިން އެ ވައިރަސްގެ އަސަރު ހުރިކަން އެނގިފައި ވަނީ އިރާނަށާއި ބަހުރެއިންނަށް ދަތުރުކޮށްފައި ސައުދީއަށް އައުމުން ސްކްރީން ކުރުމުންނެވެ.

އެމީހާގެ ގައިން ވައިރަސް ފެނުމުގެ ކުރިން ވެސް ސައުދީން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އުމުރާގެ އަޅުކަމަށް ފުރުސަތު ދިނުން ވަނީ ހުއްޓާލާފަ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ހަރަމްފުޅުގެ ސާފުތާހިރު ކަމަށް އިތުރު މަސައްކަތްތަކެއް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން މިސްކިތުގެ ކާޕެޓްތަކާ، ޓެރަސްއަށް، ހާއްސަ ޑިވައިސްއެއް ބޭނުން ކޮށްގެން ކޮންމެ ދުވަހަކުވެސް ސްޕްރޭ ކުރަން ވަނީ ފަށާފަ އެވެ.

އަދި މިސްކިތަށް ވަންނަ ހުރިހާ ދޮރުކޮޅުތަކެއްގެ ކައިރީގައި ސެނެޓައިޒާ ބަހައްޓާފައި ވެއެވެ.

އެ މަސައްކަތް ފައްޓަވައި ދެއްވީ ސައުދީގެ ޖެނެރަލް އެފެއާޒްގެ ރައީސް އަދި ހަރަމްފުޅުގެ އިސް އިމާމް ޝައިހް އަބްދުއްރަހްމާން އަލް ސުދައިސް އެވެ. އިމާމް ވަނީ އިއްޔެ ހަރަންފުޅު ސާފު ކުރުމުގެ މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ޙަރަމައިން ޝަރީފައިން އިން ބުނީ މިހާރުވެސް ހަރަމްފުޅުގެ ސާފު ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލަށް ފެށި މަސައްކަތުގެ ދަށުން ދުވާލަކު ހަ ފަހަރު އެ ގޮތަށް މުޅި ހަރަމް ސާފު ކުރަމުން ގެންދާނެ ކަމަށެވެ. އެއީ އާންމުކޮށް ސާފު ކުރާ، ކުރުމުގެ އިތުރުންނެވެ.

މީގެ އިތުރުން ކޮންމެހެން ސާފުކުރަން ޖެހޭ ތަންތަން ސާފުކުރުމަށް ކުއްލި ހާލަތުގައި އަބަދުވެސް ޓީމުތައް ހަރަކާތްތެރިވަމުންދާނެ އެވެ.

މަސްޖިދުލްހަރަމްގެ ސާފުތާހިރު ކަމަށް އަބަދުވެސް ވަރަަށް ހާއްސަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން އެތައް ހާސް މަސައްކަތު މީހުން އަބަދުވެސް މިސްކިތުގެ އެކި ސަރަހައްދުތައް ސާފުކުރުމުގައި ހަރަކާތްތެރިވެއެވެ.

މިލިއަނެއްހާ މީހުންނަށް އެެއް ފަހަރާ ނަމާދު ކުރެވޭ ގޮތަށް ހަދާފައިވާ މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް ސާފު ކުރުމަށް ކުރެވޭ މަސައްކަތަކީ ދުނިޔޭގައި އެފަދައިން ކުރެވޭ އެންމެ ހާއްސަ މަސައްކަތެވެ.