މާޒިޔާ

މާޒިޔާގެ އޭއެފްސީ ކަޕްގެ ސްކޮޑަށް ކިތުނާ ގެނެސްފި

އޭއެފްސީ ކަޕްގައި ވާދަ ކުރާ މާޒިޔާގެ ސްކޮޑްގައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ސުޕަ ޔުނައިޓަޑް ސްޕޯޓްސް އަށް ކުޅުނު އާދަމް ނިޒާމް (ކިތުނާ) ހިމަނައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު ދިވެހި ޕްރިމިއާ ލީގްގެ ފަހު މެޗަށް ފަހު، ލީގް ޗެމްޕިއަން ޝީލްޑް މާޒިޔާ އުފުލާލުމުން އެ ޓީމުގެ އުފާފާޅު ކުރުންތަކުން ކިތުނާ ވަނީ ފެނިފަ އެވެ. އޭއެފްސީ ކަޕްގެ ސްކޮޑުގައި ކުޅުންތެރިން ހިމެނުމުގެ ފުރުސަތު މުބާރާތުގެ ކުރިން އޭއެފްސީ ހުޅުވާލަ އެވެ. މާޒިޔާ އާއެކު ކިތުނާއަށް ކުޅެވޭނީ އޭއެފްސީ ކަޕްގަ އެވެ.

ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ސުޕަ ޔުނައިޓެޑް ގެންގޮސް އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށް ދިނުމުގައި ކިތުނާ ދެއްކި ކުޅުން ފާހަގަ ވުމުން ގައުމީ ޓީމުގެ ކޯޗް މާޓީން ކޫޕްމަން ވަނީ، ގައުމީ ސްކޮޑުން ކިތުނާއަށް ފުރުސަތު ދީފަ އެވެ. ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވުމަށް އޭނާ ވަޒީފާ އަދާ ކުރަމުން އަންނަ ބ. ސޮނެވާފުށި ރިސޯޓުން ވަނީ ކިތުނާއަށް ދެ މަސް ދުވަހަށް ރިލީޒް ދީފަ އެވެ.

އެހެން ކަމުން އޭއެފްސީ ކަޕްގައި މި މަހާއި އަންނަ މަހު ކުޅޭ މެޗުތަކުގައި މާޒިޔާގެ ޓީމަށް ހުސްވެ ހުރުމަށް ކިތުނާއަށް އެއްވެސް ހުރަހެއް ނެތެވެ. ކިތުނާ ވަނީ 2013 ވަނަ އަހަރު ބައެއް މެޗުތަކުގައި ވިކްޓަރީއަށް ވެސް ކުޅެފަ އެވެ. ނަމަވެސް އެ ޓީމާއެކު ދާއިމީކޮށް އޭނާ ނުހުރެވުނީ، ކުލަބުން ލިބޭ މުސާރަ އާ ބަލާފައި މާލޭގައި ހުރުމަށް ދަތިވެގެންނެވެ.

އޭއެފްސީ ކަޕްގައި މާޒިޔާގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ އިންޑިއާގެ ޗެންނާއީ ސިޓީ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އިންޑިއާގަ އެވެ. ހަމަ އެދުވަހު ރާއްޖޭގެ ޓީސީ ނުކުންނާނީ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށެވެ.