ކެޓްރީނާ ކައިފް

އާލިއާގެ "ގަންގޫބާއީ"ގައި ކެޓުރީނާގެ ލަވައެއް

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ އަދި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ "ގަންގޫބާއީ ކަތިއާވަޅީ" އިއުލާން ކުރީއްސުރެ ފިލްމާ ބެހޭ ގޮތުން ތަފާތު އަޑުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ޚާއްސަ ލަވަޔަކަށް ކެޓުރީނާ ކައިފް ލައްވާ ނަށުވަން ބާންސާލީ މިހާރު ވަނީ ނިންމާފަ އެވެ.

މި ޚަބަރު މާ ހޫނު ވެގެން އުޅެނީ ބާންސާލީގެ އޮފީހަށް ކެޓުރީނާ ވަންނަނިކޮށް އިންޑިއާގެ ނޫސްވެރިންނަށް ފެނިގެންނެވެ.
ކެޓުރީނާއަކީ ވަރަށް ގިނަ ވަރަށް މަޝްހޫރު އައިޓަމް ސޯންގް ތަކަކަށް ނަށާފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ޗިކްނީ ޗަމޭލީ"، "ޝީލާ ކީ ޖަވާނީ" އަދި "ކަމްލީ" ފަދަ ޗާޓްބަސްޓާ ލަވަތައް ހިމެނެ އެވެ.

ބާންސާލީ އަކީ އޭނާގެ ފިލްމުގައި ބައިވެރިކުރާ ކޮންމެ އެކްޓަރަކަށް ވެސް އާ ދިރުމެއް ގެނެސްދޭ ކުޅަދާނަ ޑައިރެކްޓަރަކަށް ވާތީ ކެޓުރީނާ ލައްވާ ކުޅުވާ ލަވަ ވެސް އާދަޔާޚިލާފަށް މޮޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ފިލްމުގެ ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ.

"ގަންގޫބާއީ ކަތިއާވަޅީ" އަކީ ބާންސާލީ މިހާތަނަށް އުފެއްދި ފިލްމުތަކަށް ވުރެ ކުރު މުއްދަތެއްގައި ނިންމާ ބެލުންތެރިންނާ ހަމަޔަށް އަންނާނެ ފިލްމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.