ހަބަރު

ހުރިހާ މައްސަލައެއް ގުޅެނީ ހެނދުނުގެ ސަޔާ: ނަަޝީދު

Mar 5, 2020
11

ރާއްޖޭގައި ބޮޑެތި ހުރިހާ މައްސަލަތަކެއް ދިމާވަނީ ކުދިންނަށް ހެނދުނު ސައި ނުދޭތީ ކަމަށާއި ތަރައްގީއަށް ކުރަން ޖެހޭނެ ކަމަކީ ސައި ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުން ހުރި ކަމަކީ ބޮޑު ހިލަ ބަނދަރު ހެދުމާއި އެއްގަމު ތޮށިލުމާއި މަގު ހެދުމާއި އަދި ފެނާއި ނަރުދަމާ އެޅުމެއް ނޫން ކަމަށާއި އެ ހުރިހާ ކަމެއް ކުރުމަށް ވުރެ ހެނދުނު ސްކޫލަށް ދާ ކުއްޖާއަށް ދޮންކޭލާއި ކިރުތަށި ދިނުން މާ މުހިންމު ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ކުރެވޭނެ އެންމެ ބޭނުންތެރި ކަމަކީ ހެނދުނު ސައި ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަހާނެ ކީނހޭ ވީ، އަޅުގަނޑުމެން ކީނހޭ ކުރީ. ކުރި ކަމަކީ 206 ކުދިންނަށް ކޮންމެ ދުވަހަކު ހެނދުނު ސައި ދިނުން. ހަމަ ކޮންމެ ދުވަހަކު. އިއްޔެ ވެސް މާދަން ވެސް އޭގެ ކުރީ ދުވަހު ވެސް. އަޅުގަނޑުމެން ދެކޭ ގޮތުގައި އެ ކުއްޖާއަށް ސައި ދިނުން އެއީ މި ރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުން ކަންތައް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ހެނދުނު ހޭލައިގެން ރަނގަޅަށް ސައި ނުބޮއި ދާނަމަ ފިލާވަޅަކަށް ޝައުގުވެރިކަމެއް ނުދެވޭނެ ކަމަށާއި އޭގެ ނަތީޖާއަކަށް ސްކޫލުން ފެއިލްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ދެ އަހަރު ފެއިލްވާއިރު ދެން ހުންނާނީ ވަޅިއެއް ހިފައިގެން ކަމަށާއި އެއަށް ފަހު މަސްތުވާތަކެއްޗަށް ގޮސް ނިމޭނީ އައިސިސް ޖަަމާއަތާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ރާއްޖޭގެ ހުރިހާ މައްސަލައެއް ހުއްޓިފައި މިއޮތީ މި ކިރުތައްޓަށް. ހެނދުނު އަޅުގަނޑުމެންނަށް އެކަން ކުރާންވީ ގަޑީގައި އެކުއްޖާއަށް އެކަން ކޮށްދެއްވާ. ދެން އެކަން ރަނގަޅުވަމުން ދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.