މީހުން

ފެއްޓެވީ ސުމަކުން، މިހާރު އެއީ މިލިއަން ޑޮލަރުގެ ނަމެއް!

ރ. އިންނަމާދު އަށް އުފަން ދަރިއެއްގެ އެންމެ ބޮޑު ފަހުރަކަށް ވާނީ ކޮން ކަމެއްތޯއޭ ސުވާލުކޮށްފި ނަމަ މިއީ އެއްގޮތަކަށް ވެސް ޖަވާބު ދޭން އުނދަގޫ ސުވާލަކަށް ވާނެހެނެއް ހީއެއް ނުވެ އެވެ. އެ ރަށަކީ ވަޑާމުގެ މަސައްކަތަށް މަޝްހޫރު ރަށެކެވެ. ރަށުގެ ކޮންމެ ގެއަކުން ވަޑިއަކު އުފެދިގެން އަންނަ މަންޒަރު ފެނުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި އެ ރަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާ އިން ރައްޔިތުންގެ މަޖިލީހަށް "ޖެހި" ގޮނޑީގައި ޒުވާން ވަޑިއަކު އިންނެވުމަކީ ވެސް ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

މިއީ އިންނަމާދު އަށް އުފަން އިބްރާހިމް ފަލާހްގެ އާދަޔާހިލާފު ވާހަކަ އެވެ. އެކަމަކު އެ ބޭފުޅާ ސިޔާސީވެ ވަޑައިގަތުމުގެ ކުރިންނެވެ.

ފަލާހްގެ ވާހަކަ ތަފާތުވެފައި އޭނާ ނިސްބަތްވާ ކުޑަކުޑަ އާއިލާގެ ވާހަކަ ހާއްސަވަނީ އިންނަމާދު އަށް ނިސްބަތްވެފައި އެ އާއިލާގައި ވަޑާމުގެ ހުނަރުވެރިންތަކެއް ނުވަތަ އެ މަސައްކަތަށް ޝައުގުވެރިވި މީހަކު އެންމެ ފުރަތަމަ ނެތީމަ އެވެ. ފަލާހުގެ ވެސް ދިރިއުޅުމުގެ ވަކި ހިސާބަކުން ވަޑިއަކަށްވިޔަސް ވަޑާމުގެ މަސައްކަތަކީ އޭނާ ވެސް އެންމެ ފުރަތަމަ އެއްވެސް ވަރަކަށް ޝައުގުވެރިވެ ވަޑައިގެންނެވި މަސައްކަތެއް ނޫނެވެ.

"އެއީ ވަރަށް ބުރަ މަސައްކަތެއް ވަޑާންކުރުމަކީ. ހެނދުނު ހަތެއް ޖަހާއިރު މަސައްކަތް ފަށާ ގޮތަށް އިރުއޮއްސެންދެން އުޅެން ޖެހޭނީ މަސައްކަތުގައި. ދާން ޖެހިދާނެ އެހެން ރަށްތަކަށް ވެސް،" ވަޑާމުގެ މަސައްކަތް އެންމެ ފުރަތަމަ ސިފަވިގޮތް ކިޔައި ދެއްވަމުން ފަލާހް ވިދާޅުވީ މިހެންނެވެ.

ނުވަތަ ވަޑިއަކަށް ވުމުގެ ވިސްނުން އޭނާގެ އެންމެ ފުރަތަމަ ނެތީ އާއިލާ ތެރޭގައި ވެސް އެކަމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތީމަ އެވެ.

"އަޅުގަނޑުގެ އާއިލާ އަކީ ވަޑިންގެ އާއިލާއެއް ނޫން. ބައްޕަ އަކީ ވެސް ވަޑިއެއް ނޫން. ބައްޕަ ކޮށްއުޅުނު މަސައްކަތަކީ މަސްވެރިކަން. ވަދާގޮސް މަހަށް ގޮސް އެހެން އުޅުނު މީހެއް ބައްޕަ އަކީ،" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އާއިލާ އަކީ ވެސް ރަށަށް ބަލާ ނަމަ އެންމެ ފަގީރު އެއް އާއިލާއޭ ބުނެވިދާނެ އޭރު. އަޅުގަނޑުގެ އުމުރުން ނުވަ އަހަރުގައި މަންމަ ނިޔާވެއްޖެ. ދެން ބައްޕަ އެހެން މީހަކާ ކައިވެނިކޮށްފި. އެއަށް ފަހު އުޅެބޮޑުވީ ދައްތަ ކައިރީގައި އޭނާގެ ގޭގައި"

"އާއިލާގައި އޭރު ނެތް ވިޔަފާރިއެއްކުރާ މީހެއް ވެސް. ރަނގަޅު އާމްދަނީއެއް ލިބޭ މީހަކު ވެސް."

ރަށު ސްކޫލުން ކިޔެވުނު އެއްޗެއް ކިޔަވައިގެން އުމުރުން 15 އަހަރުގައި އޭނާ ވަޒީފާ އެކި ކަހަލަ ވަޒީފާތަކަށް ނުކުންނަން މަޖުބޫރުކުރުވި އެއް ސަބަބަކީ އޭރުގެ މި ހިތްދަތިކަމާއި ނިކަމެތިކަމެވެ.

"އުމުރުން 15 އަހަރުން ފެށިގެން ވަޒީފާ އަދާކުރަން ފަށައިފިން. އޭރު އޮންނަ ގޮތުން ރަށުގައި ކިޔަވައި ދެނީ ގްރޭޑް ހަތެކާ ހަމަ އަށް. ދެން ކިޔެވުން ނިންމާލާފައި ނުކުތީ މަސައްކަތަށް،" ފަލާހް ވިދާޅުވި އެވެ.

ފަހަރެއްގައި އަމިއްލަ މަސައްކަތުން ފައި މައްޗަށް ތެދުވެ ވަޑައިގަތުމަށް އޭނާ އަށް ހިތްވަރު ލިބިވަޑައިގަތީ ވެސް މި ހިތްދަތިކަމެއްގެ ތެރެއިންނެވެ. އޭނާގެ ތަފާތަކަށްވީ އިސް ނެންގެވުމުގެ ހުނަރާއި ދުރަށް ވިސްނެވުމުގެ ފިކުރެވެ.

އެންމެ ކުޑައިރުން ފެށިގެން ވެސް ފަލާހް ބޭނުންވެ ވަޑައިގަތީ ނުވަތަ ހިތުގައި އަޒުމް ކަނޑައަޅުއްވައިގެން ހުންނެވީ ކާމިޔާބު ވިޔަފާރިވެރިއަކަށްވާށެވެ. ނަމަވެސް މި ދަތުރެއް ފެއްޓެވީ ވަރަށް ވެސް ނިކަމެތިކޮށެވެ.

"އަޅުގަނޑަކީ އެންމެ ކުޑައިރު ވެސް އަމިއްލަ ވިޔަފާރި އަށް ޝައުގުވެރިވާ މީހެއް. މިސާލަކަށް ރަށުގައި އުޅުނުއިރު ވެސް، 15، 16 އަހަރުގައި ވެސް ރަށުން ކުރުނބާ ކަހަލަ އެއްޗެހި ގަނެލައިގެން ގޮސް މާލެ ދަތުރުތަކުގައި މާލޭގެ މާރުކޭޓަށް ވިއްކައި ހަދަން،" ފުރަތަމަ ފިޔަވަޅުން ފަލާހް ވާހަކަ ފެއްޓެވި އެވެ.

"އަދި މާލެ އިން އެނބުރި ރަށަށް ދާއިރު ވެސް އަޅުގަނޑު ދާނީ އަނބާއި އޮރެންޖު ކަހަލަ އެއްޗެހިތައް ހިފައިގެން. ގޮސް ރަށަށް ވިއްކާލަނީ. އެކަހަލަ ކަންތައްތައް އެންމެ ކުޑައިރު ވެސް ކޮށް އުޅުނިން."

އެކަހަލަ މިކަހަލަ ހާލެއްގައި އުޅުއްވުމަށް ފަހު ދެން މަސައްކަތްކުރައްވަން ފެއްޓެވީ މަސް ބަންދުކުރާ ފެކްޓަރީއެއްގަ އެވެ. ފަލާހްގެ ފުރަތަމަ ރަސްމީ ވަޒީފާއަކީ މިއީ އެވެ.

"ގޯނި ގޯންޏަށް މަސްއަޅައި މަސް ބަންދުކުރުން. އަޅުގަނޑުމެންގެ މަސައްކަތަށް އޮންނާނީ ގޯނިގޯންޏަށް މަސްތައް އަޅައި އެ ގޯނިތަކުގެ ތުން ފަހައި ބަންދުކޮށް ބަނދަރަށް ނެރުން،" ފަލާހް ކިޔައި ދެއްވި އެވެ.

އެ މަސައްކަތުން ލިބިވަޑައިގެންނެވި މުސާރަކީ އަކީ 1200ރ. އެވެ.

ފެކްޓަރީގެ މަސައްކަތުގައި އަހަރެއްހާ ދުވަހު އުޅެލުމަށް ފަހު ދެން ވަޑައިގަތީ ރިސޯޓް ވަޒީފީއަކަށެވެ.

"ގާތްގަނޑަކަށް 17 އަހަރުގައި އަޅުގަނޑު އުޅުނީ ފުލް މޫން ރިސޯޓްގެ ޑައިވިން ދޯނީގެ ކްރޫއަކަށް. ގެސްޓުން ޑައިވިން އަށް ދާއިރު ފުޅިތަކަށް ވައި އަޅައި ދިނުމާއި އެމީހުންގެ ޖެކެޓްތައް ރަނގަޅުކޮށްލަ ދިނުމާއި ދޯނި އެޅުމުގެ މަސައްކަތް ފަދަ ކަންތައް އާންމުކޮށް ކުރަން ޖެހޭނީ އޭރު،" ފަލާހް ވިދާޅުވި އެވެ.

"އެތަނުގައި އެއް އަހަރުކޮށްލާފައި ދިޔައީ ކުރުނބާ ރިސޯޓްގެ ބަދިގޭގެ ވެއިޓަރަކަށް."

"އެއީ މުވައްޒަފުން ކާތަން އޭރު ހުންނާނީ ވަކިން. އަޅުގަނޑު ވެއިޓަރަކަށް އުޅުނީ އެތަނުގައި. ވެއިޓަރަކަށް އުޅުމަކީ ވަޑާމަށް ވުރެން ވެސް އަޅުގަނޑަށް އުނދަގޫވި ޖޮބެއް. ނުކުރާ ކަމަކަށްވީމަ ބޮޑަށް."

ދެން ވަކި ހިސާބަކުން އޭނާގެ މި ދިރިއުޅުއްވުން އަނެއްކާވެސް ބަދަލުކޮށްލެއްވީ އެވެ.

"ގަބޫލުކުރެވުނީ މުޅި ލައިފްގައި ކުރެވޭ ކަހަލަ މަސައްކަތްތަކެއް ނޫންކަން އެއީކީ،" އެންމެފަހުން ޝައުގުވެރިނުވި ވަޑާމުގެ މަސައްކަތަށް ނުކުންނަން ޖެހުނު ގޮތް ކިޔައި ދެއްވަމުން ފަލާހް ވިދާޅުވި އެވެ.

އޭނާގެ ނަސީބަކަށްވީ ދައްތަ އާއި ޅިޔަނެވެ. ނުލިބުނު މަންމައެއްގެ ލޯބި ދިން މީހަކީ އޭނާގެ ދައްތަ އެވެ. އަދި އާއިލާ ތެރެއިން އޭނާ އަށް ދަސްނުވި ވަޑާމުގެ މަސައްކަތަށް އޭނާ ވެއްދި މީހަކީ އޭނާގެ މާވަޑި ޅިޔަނެވެ.

"އެއަށް ފަހު އުމުރުން 25 އަހަރު ވަންދެން ވަޑާމުގެ މަސައްކަތުގައި އުޅުނީ ރަށުގެ މީހުން ހިންގި އެކި ގްރޫޕްތަކުގައި. މާލޭގައި ވެސް ދެ އަހަރު ވަރު ވަޑާމުގެ މަސައްކަތުގައި އެކި ގްރޫޕްތަކުގައި މަސައްކަތްކުރަން އުޅުމަށް ފަހު ދެން ހެދީ ވަޑިގްރޫޕެއް،" ފަލާހް ވިދާޅުވި އެވެ.

ތިން ހަތަރު ވަޑިންނާ އެކު އޭނާގެ މި ގްރޫޕް އޭރު މަޝްހޫރުވެގެން ދިޔައީ ފަލާހް ގްރޫޕްގެ ގޮތުގަ އެވެ. ދޯނި ބަނުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ލިބޭއިރު އާންމުކޮށް ލިބެނީ ދޯނިފަހަރު މަރާމާތުކުރުމުގެ މަސައްކަތެވެ.

ނަމަވެސް މިއަދު އޭނާގެ ހާލަތާއި މަސައްކަތާއި ވާހަކަ ވަރަށް ވެސް ތަފާތެވެ. މިއަދު ފަލާހަކީ ރާއްޖޭގެ އެންމެ ކާމިޔާބު ބޯޓް ބިލްޑިން ކުންފުނީގެ ވެރިޔާ އެވެ. އޭނާގެ ކުންފުންޏަކީ މެރިން ޑިޒައިން މޯލްޑިވްސް އެވެ.

އުމުރުން 30 އަހަރު ފުރުނުއިރު ދެ މިލިއަން ޑޮލަރުގެ އަގުބޮޑު ސަފާރީއެއް އޭނާގެ އަތުގައި އޮތެވެ. އެއީ 25 އަހަރުގައި އުފެއްދި އަމިއްލަ ވަޑިގްރޫޕުގެ ފަސް އަހަރުގެ މަސައްކަތުގެ ނަތީޖާ އެވެ.

"މިހާރު އޮތީ އެ ސަފާރީ އެކަނި. އަދި ފަސް މަސް ފަހުން ދެ ވަނަ ސަފާރީއެއް ނިމޭނެ. މާނަ އަކީ ދެ ސަފާރީގެ އަގު ލޯނަކާ ނުލައި އެބަ އަރާ ފަސް މިލިއަން ޑޮލަރަށް،" ފަހުރުވެރިކަމާ އެކުގައި ފަލާހް ވިދާޅުވި އެވެ.

ފަލާހަށް ވަނީ 2012 ވަނަ އަހަރު މި ދާއިރާ އިން އާންމު ހިދުމަތުގެ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ.

"ބޯޓްބިލްޑިންގެ ދާއިރާ އަށް ބަލާއިރު އަޅުގަނޑުގެ މި ކުންފުންޏަކީ މުޅި ރާއްޖެ އަށް ވެސް ގޮންޖަހާލާފައި ދަންނަވަން ކެރޭ، މިހާވަރަށް ބޯޓް ބިލްޑް ކުރެވޭ އެހެން ކުންފުންޏެއް ނޯންނާނެ މިހާރަކު. ކުރިން އަޅުގަނޑުމެން އެއްފަހަރާ މަސައްކަތްކުރަނީ އެންމެ ދޯންޏެއްގައި. އޭރު އަހަރަކަށް ބަނދެވިފައި ހުންނާނީ ވެސް ދޯންޏެއް ދެ ދޯންޏެއް ވަރު،" ފަލާހް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މި ދަނީ އެއްފަހަރާ 10 ދޯނީގެ މަސައްކަތް ކުރަމުން."

"އަޅުގަނޑުމެން މިހާރު އަހަރަކު އެބަ ސަޕްލައި އެބަކުރަން ރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް 20 ދޯނި ވަރު. އަޅުގަނޑުމެން ސަޕްލައި މި ކުރަނީ ހަ މަހަކުން 10 ދޯނި. މާނަ އަކީ 100 މިލިއަން ރުފިޔާގެ މަސައްކަތް މި ކުންފުނިން އެބަކުރެއޭ އަހަރެއްގެ މައްޗަށް މިހާރު."

"އެކަމަކު އަދިވެސް އަޅުގަނޑު ބޭނުންވާ ހިސާބާ ކައިރިއަކަށް ވެސް އަޅުގަނޑަކަށް ނާދެވޭ އަސްލުގަ. އަޅުގަނޑުގެ ވިސްނުން މިހާރު ހުރީކީ ބޯޓް ބިލްޑިންގެ މަސައްކަތަކަށް އެކަންޏެއް ވެސް ނޫން. އިރާދަކުރެއްވިއްޔާ މިހާރު މި އުޅެނީ އަންނަ އަހަރު ހާޑްވެއާގެ ވިޔަފާރި ވެސް ފަށަން ކަމަށް."

ފަލާހްގެ އަނެއް އާދަޔާހިލާފު ދަތުރަކީ އޭނާގެ ޒަވާޖީ ހަޔާތުގެ ހިތްގައިމުވި ދަތުރެވެ. އޭނާގެ މި ދަތުރެއް ފެއްޓެވީ އުމުރުން 19 އަހަރުގަ އެވެ. ކައިވެންޏަށް ވެސް މިހާރު 19 އަހަރެވެ.

"އޭރު ވާ ގޮތަކީ ރަށުގެ އާދަކާދަ އޮންނަ ގޮތުން އަންހެން ކުއްޖާގެ އުމުރުން 15-16 އަހަރުގައި އާންމުކޮށް ކައިވެނިކުރުވާނެ. ކިޔަވާ ނިމުނީމަ ދެން އެވީ ކައިވެނިކުރަން. މެރީނުކޮށް ހުރެ 18 ވެއްޖެ ނަމަ ދެން މުސްކުޅިވީ ކަމަށް އޭރު ނިންމަނީ،" ފަލާހް ވިދާޅުވި އެވެ.

"އެހެންވީމަ އެ ވިސްނުމުގެ ތެރެއިން އަޅުގަނޑު އާއި އަޅުގަނޑުގެ އަންހެނުން ވެސް އެ އުމުރުގައި މެރީކުރީ."

ނަމަވެސް އެއީ ލަވް މެރިޖެކެވެ. އެކަމަކު ވެސް ޅައިރުގައި ޒަވާޖީހަޔާތެއް ފެށުމާ ގުޅޭ ގޮތުން ޒުވާނުންނަށް ފަލާހް ދޭން ބޭނުންވެ ވަޑައިގަންނަވާ މެސެޖެއް ވެސް އެބައޮތެވެ.

"އުމުރުން 19 އަހަރުގައި ކައިވެނިކުރީ. އަޅުގަނޑުގެ އުމުރުން 20 އަހަރުގައި ކުއްޖަކު ލިބިއްޖެ. އޭރު އަޅުގަނޑަށް ނޭނގޭ ދަރިން ދެކެ ލޯބިވާކަށް. މިހާރު އަޅުގަނޑަށް ދަރިއަކު ލިބިއްޖެ ނަމަ އޭރު 20 އަހަރުގައި އަޅުގަނޑަށް ލިބުނު ދަރިފުޅު ބެލި ވަރަށް ވުރެ މާ ލޯބިން އަޅުގަނޑު މިހާރު އެ ކުއްޖާ ބަލާލަން،" ފަލާހް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނާނީ އަޅުގަނޑަށް ކައިވެނިކުރެވުނު އުމުރު މާ އަވަހޭ. އަޅުގަނޑުގެ ދަރިއަކު ވެސް އަދި ރައްޓެއްސަކު ވެސް އެހާ އަވަހަކަށް ކައިވެނިކުރާކަށް ނޭދެމޭ."

ނަމަވެސް ފަލާހްގެ ކާމިޔާބީގައި އެހެން ސިއްރެއް ވެސް އެބައޮތެވެ. މީހުންނަށް އަދި އާއިލާ އަށް ދެއްވާ ވަގުތެވެ.

"އަޅުގަނޑު ކީ އެއްޗެއްގައި އޮވޭ ބިޒީއޭ ނުބުނާށޭ އަނބިދަރިން ކައިރީގައި. އެހެންވެއްޖެއްޔާމު ދުނިޔޭގައި އުޅުމުގެ ބޭނުމެއް ނެތޭ. ބިޒީކަމުން އަންހެނުންނަށް ވަގުތު ނުދެވި، ދަރިފުޅަށް ވަގުތު ނުދެވި ރައްޓެހިންނަށް ވަގުތު ނުދެވޭ ކަމަށްވަންޏާ ދެން ދިރިއުޅުމުގެ ބޭނުމެއް ނެތޭ،" ފަލާހް ވިދާޅުވީ މިހެންނެވެ.